ދުނިޔެ

ތައި އިންތިހާބާ މެދު ސުވާލު އުފެދި ނަތީޖާ އޮޅިއްޖެ

Mar 26, 2019

ބެންގްކޮކް (މާޗް 26) - ތައިލަންޑުގައި ބަޣާވާތްކޮށް 2014 ވަނަ އަހަރު ވެރިކަން ވައްޓާލިފަހުން، ފުރަތަމަ ފަހަރަށް ބޭއްވި އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދާއި ގުޅޭގޮތުން ބޮޑެތި ސުވާލުތައް އުފެދި، މިހާރު ހާމަވެފައިވާ ނަތީޖާ ރައްޔިތުންގެ އިތުރުން ވާދަކުރި ޕާޓީތަކަށްވެސް އޮޅިއްޖެ އެވެ.

މިހާރު އާންމުވެފައިވާ ނަތީޖާތަކަށް ބަލާއިރު، ޕޮޕިއުލާ ވޯޓުގެ ބޮޑު އަގުލަބިއްޔަތެއް ލިބިފައިވަނީ، ތައިލަންޑުގެ އަސްކަރިއްޔާއަށް ތާއީދުކުރާ ޕަލަންގް ޕްރަޗާ ރަތު ޕާޓީ (ޕީޕީއާރުޕީ) އަށެވެ. ނަމަވެސް، ޕާލިމަންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރިކަމަށް ދައްކަނީ މައި އިދިކޮޅު އަދި ކުރީގެ ބޮޑުވަޒީރު ޝިނަވާޓުރާއަށް ތާއީދުކުރާ ޕާޓީންނެވެ.

އެކަމާއި ގުޅިގެން، ވޯޓުލީ މީހުންގެ އަދަދުތަކާއި ނަތީޖާތަކާއި ދިމާނުވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އެއްވެސް ސަބަބެއް ހާމަނުކޮށް، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ނަތީޖާ އިއުލާނުކުރުން ކުއްލިގޮތަކަށް ފަސްކުރުމުން ގިނަ ބަޔަކު ވަނީ ރުޅިގަދަވެފަ އެވެ.

މި އިންތިހާބުވެފައިވަނީ 2014 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވި ޖެނެރަލް އަދި ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ޕްރަޔޫތު ޗަން-އޮކަ އާ ކުރީގެ ބޮޑުވަޒީރު ޝިނަވާޓުރާ އާ ދެމެދު ނެގޭ ވޯޓަކަށްކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ރައްޔިތުން ނުކުމެ ވޯޓުލާފައިވަނީ ޕާލިމަންޓުގެ ތިރި ގޭގައި ތިބޭ 500 މެމްބަރުން އިންތިހާބު ކުރުމަށެވެ. ނަމަވެސް، ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހެއްގެ ދަށުން، 250 މެމްބަރުންގެ ސެނެޓެއް އަސްކަރިއްޔާއިން އައްޔަނުކުރާނެ އެވެ.

އިއްޔެ އިލެކްޓޯރަލް ކޮމިޝަނުން އިއުލާނުކުރި ވަގުތީ ނަތީޖާއަށް ބަލާއިރު، މައި އިދިކޮޅު ޕާޓީއިން ވަނީ 137 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ދެވަނާގައި 97 ގޮނޑިއާއެކު އޮތީ ޕްރަޔޫތު ޗަން-އޮކައަށް ތާއިދުކުރާ ޕީޕީއާރުޕީ އެވެ. ނަމަވެސް، 90 ޕަސަންޓް ވޯޓު ގުނާނިމިފައިވާކަމަށް ކޮމިޝަނުން ބުނިއިރު، ބާކީއޮތް 150 ގޮނޑީގެ ނަތީޖާ އަދި ސާފުނުވާކަމަށް ވެސް ބުނެފައިވެ އެވެ.

ވޯޓުލީ މީހުންގެ އަދަދުތައް ދިމާނުވާކަމަށް ގިނަ ބަޔަކު ބުނަންފެށީ، 7.6 މިލިއަން ޕޮޕިއުލާ ވޯޓު ޕީޕީއާރުޕީއަށް ލިބުނުކަމަށް ހާމަކުރުމުންނެވެ. އެއީ އިދިކޮޅު ޕާޓީއާ އަޅާބަލާއިރު ފަސް މިލިއަން ވޯޓުގެ ފަރަގެކެވެ. ނަމަވެސް، ވޯޓުލާން ނުކުތް މީހުންގެ އިންސަތައަކީ އެންމެ 64 ޕަސަންޓް ކަމަށްވާއިރު، އެ އެދަދުތައް އެއްވެސް ވަރަކަށް ދިމާނުވާކަމަށް ޕާޓީތަކުންވެސް ވަނީ ބުނެފަ އެވެ.

އެ ކަންބޮޑުވުންތަކަށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރަންސްގައި ޖަވާބު ލިބޭނެކަމަށް އުއްމީދުކުރެވުނަސް، ވަގުތީ ނަތީޖާތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ރަސްމީ ނަތީޖާ އިއުލާނުކުރެވޭނީ މެއި 9 ވަނަ ދުވަހު ކަމަށްވެސް އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.