ޔޫއެސް އަދި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމަށް އެއް ބިލިއަން ޑޮލަރުގެ ބަޖެޓެއް ޕެންޓަގަނުން ކަނޑައަޅައިފި އެވެ.
ޑިމޮކްރެޓުން އެކަމާ ނުރުހުން ފާޅުކުރަމުން ދަނިކޮށް، މި ފާރު ހެދުމަށް ފުރަތަމަ ފަހަރަށް، އާމީ އިންޖިނިއަރުންނަށް ބަޖެޓެއް ކަނޑައަޅާފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށް ކޮންގްރެސްގެ ބާރު ކަނޑުވާލުމަށް ފަހު އެވެ. މި ފާރު ބިނާކޮށްދިނުމަކީ އޭނާގެ އިންތިހާބުގައި ވެފައިވާ ވައުދުތަކުގެ ތެރޭން ވައުދެކެވެ.
މި ފައިސާ ބޭނުން ކުރާނީ އެމެރިކާ އަދި މެކްސިކޯގެ ދެމެދުގައި 57 މޭލު ދިގު 5 މީޓަރު އުސްމިނުގެ ފާރެއް ބިނާ ކުރުމުގެ އިތުރުން މަގު ތަރައްގީކޮށް އާ ލައިޓް ހަރުކުރުމަށެވެ.
މެކްސިކޯ ބޯޑަރުގެ މައްސަލަ ބޮޑުކަމަށް، އަދި ދެގައުމު ދޭތެރެގައި މި ބޯޑަރު އަޅާ މެކްސިކޯއިން އެމެރިކާއަށް ކުށްވެރިން އެތެރެވުން ހުއްޓުވުން މުހިންމުކަމުގައި ޓްރަމްޕް ދަނީ ކެނޑިނޭޅި ބުނަމުން ނެވެ. ޓްރަމްޕް އަށް ފާޑު ވިދާޅުވާ ބޭފުޅުން ބުނަމުން ދަނީ އެއީ ޓްރަމްޕް އަމިއްލައަށް "އުފައްދައިގެން" އުޅޭ ބޯޑަރު އެމެޖެންސީ އެއް ކަމަށެވެ.
އެމެރިކާގެ ޕެންޓަގަން ބަޔާނުގައި ބުނާގޮތުން ޔޫއެސްގެ ޑިފެންސް ސެކެޓްރީ ޕެޓްރިކް ޝެނަހަން ވަނީ ޑިފެންސް މިނިސްޓްރީން އެއް ބިލިއަން ޑޮލަރުގެ އެހީ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ކަސްޓަމްސް އެންޑް ބޯޑާ ޕެޓްރޯލް އަށް ހަވާލު ކުރުމަށް އަންގާފަ އެވެ. ޓްރަމްޕް ކުއްލި ހާލަތު އިއުލާނު ކުރުމުން ޑިޕާޓްމަންޓް އޮފް ޑިފެންސް އަށް ލިބޭ ބާރުގެ ދަށުން ގައުމަށް މަސްތުވާތަކެތި ވެއްދޭފަދަ ހުރިހާ ސަރަހައްދެއްގެ މަގުތައް ހަދާ އަލިކޮށް ފެންސު އަޅާ މަސްތުވާ ތަކެތި އެ ގައުމަށް އެތެރެވާފަދަ ހުރިހާ މަގުތަކެއް ބަންދުކުރުމުގެ ބާރު ލިބިގެން ދެއެވެ.
ޑިމޮކްރެޓިކް ސެނޭޓަރުން ޝަކުވާއަކީ ޕެންޓަގަނުން މިގޮތަށް ކަން ކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ކޮމިޓީތަކުގެ ހުއްދަ ނެގުމެއްނެތި އަދި ކޮންގްރެސް އަށް މި ފަންޑް ފޮނުވާކަންވެސް ނޭނގުމެވެ.
ސީއެންއެންގެ ރިޕޯޓްގައި ބުނީ، މިކަމާ ދެކޮޅުހަދާ ޑިފެންސް ސެކެޓްރީ ޝެނަހަން އަށް ހުރިހާ ސެނޭޓަރުން ފޮނުވާފައިވާ ސިޓިގައިވާގޮތުން މިކަންތައް ކޮށްފައިވާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ޑިފެންސް ކޮމިޓީތަކުގެ ލަފާ ހޯދުމެއް ނެތި މިކަންތައް ކުރުމަކީ ގޯހެއްކަމުގައި ބުނެފައި ވެއެވެ.
ފެބްރުއަރީ 15 ގައި ޓްރަމްޕް ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނީ ފާރު އެޅުމަށް އެދި 5.7 ބިލިއަން ޑޮލަރަށް ކޮންގްރެސްގައި އެދި ކޮންގްރެސް އެކަމާ އިންކާރު ކުރުމުން ނެވެ. ކުއްލި ހާލަތު އިއުލާނުކުރުމުގެ ބޭނުމަކަށް ވީ ކޮންގްރެސްގެ ބާރު ކަނޑުވާލައި މިލިޓަރީ ފައިސާއިން ފާރު ބިނާކުރުން ކަމަށް ކޮންގްރެސްއިން ބުންޏެވެ.
ކުއްލި ހާލަތު އުވާލުމަށް ޑިމޮކްރެޓުންގެ ބާރު ހިނގާ ހައުސް އޮފް ރެޕްރެސެންޓެޓިވްސްއިން ވަނީ ގަރާރެއް އެކުލަވާލައި ފަހުން 12 ރިޕަބްލިކަން ސެނޭޓަރުންގެ އެއްބާރުލުމާއި އެކު ފާސްކުރަން ސެނޭޓަށް ވެސް ފޮނުވާލާފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ މި ގަރާރު ވީޓޯ ކޮށްފަ އެވެ.
ޓްރަމްޕް ގެ ކުއްލި ހާލަތު އުވާލުމަށްޓަކައި ކޮންގްރެސް އަށް ދެން މެޖޯރިޓިީގެ ތިންބައިކޮށްފަ ދެބައި ބޭނުންވާނެ އެވެ. ނަމަވެސް މިއީ ވުން ނާދިރުކަމެއްގެ ގޮތުގައި ބެލެވެ އެވެ.