ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކުރި ގަސްތަކަކަށް ފައިސާ ނުދޭ ކަމަށް ބުނެ އަމިއްލަ މީހަކު ދައުވާކުރި މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްއާ ހަމައަށް ވާސިލްވެއްޖެ އެވެ. މިއަދު އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުގައި ވަނީ ނިންމާލާފަ އެވެ.
މި މައްސަލައަކީ މީގެކުރިން ސިވިލް ކޯޓުން ގްލެޑޯނިއާ މޯލްޑިވްސްއާ އެއްކޮޅަށް ނިންމާފައިވާ މައްސަލައެކެވެ. އެކަމަކު އެ ހުކުމް ހައިކޯޓުން ބާތިލްކޮށް، ސިވިލް ކޯޓަށް މައްސަލަ އަލުން ބެލުމަށް އެންގި އެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ އިލްތިމާސްކުރީ ގްލެޑޯނިއާ މޯލްޑިވްސްގެ ފަރާތުންނެވެ.
ށ. ފޯކައިދޫ އައްސޭރި، އަހުމަދު އަޝްފާގު، އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަނީ އަނގަ ބަހުން ވެވުނު އެއްބަސްވުމެއް ދަށުން އެތައް ފަހަރެއްގެ މަތިން ފުށިވެލާވަރު ރިސޯޓުން ފޮނުވި ސަޕްލައި ދޯނިތަކަކަށް ގަސްތަކެއް އަރުވައި އެ ގަސްތައް އެ ރިސޯޓަށް ފޮނުވާފައިވީނަމަވެސް، އެ ގަސްތަކަށް އަގު ފުށިވެލާވަރު ރިސޯޓުން ދީފައިނުވާ ކަމަށް ބުނެ އެވެ. އޭނާ ސިވިލް ކޯޓުގައި ދައުވާކުރީ ދެ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށެވެ. އެއީ ގަސްތަކުގެ އަގަށްވާ އެއް މިލިއަން ޑޮލަރާއި އެ އަގު ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމަށް ހަތް ލައްކަ ޑޮލަރު ހިމަނައިގެންނެވެ.
އެ ދައުވާ ސިވިލް ކޯޓުން ނިންމާފައިވަނީ ދައުވާ ސާބިތުކޮށްދިނުމުގެ ގޮތުން އަޝްފާގުގެ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްފައިވާ ކަމަށް ބުނާ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ރައްދުކޮށްދީފައިވާކަން އެނގޭ ކިތާބީ ހެއްކެއް ހުށަހަޅާފައިނުވާތީ އާއި ފައިސާ ހޯދުމަށް އެދިފައިވާ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެކިބަހެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އެ މައްސަލާގައި ހެކީގެ ގޮތުގައި އަޝްފާގުގެ ފަރާތުން ހަތަރު މީހެއްގެ ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ޑެލިވަރީ ނޯޓްސްތަކެއް ވެސް ހުށަހަޅާފައިވެ އެވެ.
އަޝްފާގުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޝަރީއަތް ހިންގުމަށްފަހު ހުކުމް ކޮށްފައިވަނީ އަޝްފާގާ އެއްކޮޅަށެވެ. އެއީ ރިސޯޓަށް ގަސްތަކެއް ގެންދިޔަކަން އޭނާ ސާބިތުކޮށްދީފައިވާތީ ކަމަށް ބުނެ އެވެ. އަދި އެކަމަށް ނަފީ ކުރާނެ އަދި އެއީ އަޝްފާގު ގެންދިޔަ ގަސްތަކެއް ނޫން ކަމަށް ގްލެޑޯނިއާ މޯލްޑިވްސްއަށް ސާބިތުކޮށް ނުދެވޭ ކަމަށް ބުނެ އެވެ. އެ ހުކުމްގައި އެ ގަސްތަކަށް ކުންފުނިން ދައްކަން ޖެހޭ ފައިސާގެ މިންވަރު ބަލައި ގެއްލުމުގެ ބަދަލު ކަނޑައެޅުމަށް ޝަރީއަތުން އިތުރަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ ހައިކޯޓުން އެންގީ އަނބުރާ ސިވިލް ކޯޓުން ތަހުވީލް ކުރުމަށެވެ.
އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލެއް އައިސްފައިވާތީ އިޖުރާއަތު ފުރިހަމަކުރުމަށް ބޭއްވި އަޑުއެހުމެކެވެ. މި މައްސަލާގެ އަޑުއެހުމެއް މިދިޔަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގައި ބޭއްވި އެވެ.
މިއަދުގެ އަޑުއެހުމުގައި ގްލެޑޯނިއާ މޯލްޑިވްސްގެ ވަކީލް ޝާހީން ހަމީދު ވަނީ އަޝްފާގު ހުށަހަޅާފައިވާ ޑެލިވަރީ ނޯޓްސްތަކާއި އެ ކުންފުނީގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ތާވަލެއްގައި ހުރި އެއްގޮތް ކަންތައްތަކާއި ތަފާތުތަކެއް ތަފްސީލްކޮށް ދެއްވާފަ އެވެ.
އެ ތާވަލަކީ ޝާހީން ހަމީދު ވިދާޅުވާ ގޮތުންނަމަ، އެ ރިސޯޓުން ގަސްތައް ސަޕްލައިކުރަން ހަވާލުކުރި މުހައްމަދު ސައީދުގެ އަތުން ގަސް ގަތް ގޮތާއި އަގުތައް އެނގޭ ތާވަލެކެވެ. އެ ތާވަލުގައި ރިސޯޓަށް ގަސްތައް ގެނައި ތާރީހުތަކާއި ދޯނިތަކުގެ މައުލޫމާތު އަދި ގަސްތަކުގެ ބާވަތާއި އަދަދު ބަޔާންކޮށްފައިވެ އެވެ. އޭގައި ގަސްތަކުގެ އަގު ބަޔާންކޮށްފައިވަނީ ރުފިޔާއިންނެވެ.
އެހެންނަމަވެސް އަޝްފާގުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ޑެލިވަރީ ނޯޓްސްތަކުގައި ގަސްތަކުގެ އަގު ބަޔާންކޮށްފައިވަނީ ޑޮލަރުންނެވެ. ރިސޯޓްގެ ތާވަލުގައި މަގޫ ގަހެއް 10 ރުފިޔާއަށް ގަތް ކަމަށް ބުނާއިރު އަޝްފާގުގެ ނޯޓްސްގައި އޮތީ މަގޫ ގަހެއްގެ އަގަކީ 10 ޑޮލަރު ކަމަށެވެ.
ޝާހީން ހަމީދު ވިދާޅުވީ އެ ރިސޯޓް ހެދުމަށް ބޭނުންވާ ގަސްތައް ސަޕްލައި ކުރުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރީ މުހައްމަދު ސައީދު ކިޔާ މީހަކަށް ކަމަށާއި އެމީހާއަށް އެ ރިސޯޓުން ދޭން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށެވެ. އެކަން ބޭންކު ސްޓޭޓްމެންޓުން ވެސް އެނގޭނެ ކަމަށެވެ. އެއީ އަށް ލައްކަ ރުފިޔާ އެވެ. އަދި ސައީދު ވެސް އެ ފައިސާ ނުލިބިގެން އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ.
މުހައްމަދު ސައީދަށް އެ މަސައްކަތް ރިސޯޓުން ހަވާލުކުރިއިރު އަޝްފާގަކީ ސައީދުގެ ސަބް ކޮންޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމާއި އަޝްފާގާއި ކުންފުންޏާ ދެމެދު އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ޝާހީން ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި އަޝްފާގަށް ދޭން ޖެހޭ ފައިސާއެއް ވިއްޔާ ދޭން ޖެހެނީ ސައީދު ކަމަށާއި އެ ފައިސާ ސައީދު ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަން އެ މަސައްކަތުގެ ހިސާބު ބެލެހެއްޓި މީހާގެ ބަޔާނުން ވެސް ސާފުވާ ކަމަށެވެ.
އެކަމަކު، އަޝްފާގުގެ ވަކީލް މިއަދު ވެސް ވިދާޅުވީ ގަސްތައް ވެލާ ރިސޯޓަށް ގެންދިޔައީ އެތަނުގެ ލޭންޑް ސްކޭޕް މެނޭޖަރު އެލީނާ އަންގައިގެން ކަމަށެވެ. އަޝްފާގަށް ފޯނުން ގުޅައިގެން އެކި ދުވަހު އެކި ވަރަށް ގަސްތައް ސަޕްލައި ކުރުމަށް އޭނާ އެދުނު ކަމަށެވެ.
އެލީނާ ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސް ދީފައިވެ އެވެ. އޭނާ ބުނެފައިވަނީ ގަސްތައް ސަޕްލައި ކުރުމަށް އަޝްފާގަށް އަންގާފައިނުވާނެ ކަމަށެވެ. އަދި އަޝްފާގަކީ ދަންނަ މީހެއް ވެސް ނޫން ކަމާއި ދުވަހަކު ވާހަކަ ނުދައްކާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އަޝްފާގުގެ ވަކީލް ވިދާޅުވީ އެލީނާއަކީ އެ ރިސޯޓްގެ މުވައްޒަފަކަށްވާއިރު އޭނާގެ ފަރާތުން އެ ނޫން ގޮތަކަށް ހެކި ބަސް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ނުވާނެ ކަމަށެވެ.
އަޝްފާގު ގަސްތައް ސަޕްލައިކުރިކަން އަންގައިދޭ ނޯޓްސްތަކުގައި ދޯނިތަކުގެ ކެޕްޓަނުން ސޮއިކޮށްފައިވާކަން ވަކީލް ފާހަގަކުރެއްވި އެވެ. ވަކީލް ވިދާޅުވީ އެ ދޯނިތަކަކީ ވެލާ ރިސޯޓުން ފޮނުވި ދޯނިތަކެއް ކަމަށެވެ. އޭގެ ތެރެއިން އެއް ދޯނީގެ ކެޕްޓަން ވެސް ހެކި ބަސް ދީފައިވެ އެވެ. އެކަމަކު، އޭނާ ވެސް ވަނީ ނޯޓްސްގައި ސޮއިކުރުމަށް ރިސޯޓުން އަންގާފައި ނެތް ކަމަށް ބުނެފަ އެވެ.
ދައުވާ ސާބިތުކުރުމަށް އަޝްފާގު އަމިއްލައަށް ތައްޔާރުކޮށްފައިވާ ޑެލިވަރީ ނޯޓްސްތަކެއް އެކަނި ހުށަހަޅާފައިވާތީ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. ފައިސާ ހޯދުމަށް އިންވޮއިސް ފޮނުވާފައިވާނެތޯ އެއްސެވި އެވެ. ޖަވާބުގައި އަޝްފާގުގެ ވަކީލް ވިދާޅުވީ ފައިސާ ނުލިބިގެން ސިޓީތަކެއް ފޮނުވާފައިވާނެ ކަމަށެވެ. އިންވޮއިސް ވެސް ފޮނުވި ކަމަށެވެ. އެކަމަކު ޝާހީން ވަނީ އެއްވެސް އިންވޮއިސްއެއް ލިބިފައި ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަޝްފާގުގެ ވަކީލް ވިދާޅުވީ ގަސްތައް ލިބުން ކަމަށް ރިސޯޓުން އެއްބަސްވެ، އޭގެ ފައިސާ ސައީދަށް ދައްކާފައިވާނެ ކަމަށް ބުނުމަކީ އަޝްފާގަށް ފައިސާ ލިބުން ނޫން ކަމަށެވެ. ރިސޯޓުގެ ފަރާތުން ދައްކާ ތާވަލުގައި އެއްވެސް މީހެއްގެ ސޮއި ނެތްކަން ވެސް އަޝްފާގުގެ ވަކީލް ފާހަގަކުރެއްވި އެވެ.
ފަނޑިޔާރު ވަނީ އެންމެ ފުރަތަމަ ވެސް އިންވޮއިސް ނުފޮނުވީ ކީއްވެތޯ ވެސް އައްސަވާފަ އެވެ. ވަކީލް ވިދާޅުވީ އަތޮޅު ތެރޭގައި މަސައްކަތުގެ ވައްޓަފާޅި ހުންނަ ގޮތުން އެކަމަށް މާބޮޑު ސަމާލު ކަމެއް ދެވިފައިނުވަނީ ކަމަށެވެ. އެހެންނަމަވެސް ޑެލިވަރީ ނޯޓްސްގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ހިމެނޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޝާހީން ހަމީދު ވިދާޅުވީ، އެއް ގަސްތަކަކަށް ދެ މީހަކަށް ފައިސާ ދޭން ޖެހޭނެ އުސޫލެއް ނޯންނާނެ ކަމަށެވެ. އެ ފައިސާއަކީ ސައީދަށް ދައްކާފައިވާ ފައިސާއަކަށް ވާތީ އަދި އެ މަސައްކަތް ރިސޯޓުން ހަވާލުކުރި ފަރާތަކީ ވެސް ސައީދު ކަމަށްވާތީ އެކަމުގައި ރިސޯޓުން އަޝްފާގަށް ދޭން ޖެހޭނެ ފައިސާ ނޯންނާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
އަޝްފާގުގެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 43 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދިފައިވެ އެވެ. އެކަމަކު މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ އޭނާގެ ވަކީލް ވިދާޅުވީ ގެއްލުމުގެ ބަދަލު އަސްލު 69 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ޝާހީން ހަމީދު ވިދާޅުވީ އެ ހިސާބަކީ ކޮން ގޮތަކުން ހަދާފައިވާ ހިސާބެއް ކަމެއް ސާފު ނުވާ ކަމަށެވެ. އަދި ހައިކޯޓު ހުކުމް ރަނގަޅު ކަމަށް އަޝްފާގު ގަބޫލުކުރާއިރު އެ ހުކުމްގެ ނިންމުމަކާ ދެކޮޅުވާ ގޮތަކަށް ސުޕްރީމް ކޯޓުގައި ނޭދެވޭނެ ކަމަށެވެ.
އަޝްފާގުގެ ފަރާތުން އެދިފައިވަނީ އެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވާ ހުކުމަކީ އެންމެ ފަހުގެ ހުކުމަށް ހަދައިދިނުމަށެވެ. ގެއްލުމުގެ ބަދަލު ހޯދުމަށް ދަށު މަރުހަލާއަކަށް އަނެއްކާވެސް ދާން ނުޖެހޭ ގޮތަކަށް ހުކުމް ނެރެދިނުމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލައްވާ ބެންޗްގައި ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. ބެންޗުން މައްސަލަ ދިރާސާކުރާއިރު އިތުރު ކަމެއް ސާފު ކުރަން ނުޖެހިއްޖެނަމަ ދެން ބާއްވާ އަޑުއެހުމަކީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށް މިއަދުގެ މަޖިލިސް ނިންމަވާލައްވަމުން އިއުލާން ކުރެއްވި އެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލައެކެވެ.