ހަބަރު

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ‏ރައީސް އެމްޑީ އަބްދުލްހާމިދަށާއި އެގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 26 މާރިޗު 1971 އެވެ.

ރައީސް އެދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސްގެ އަމިއްލަ ނަންފުޅުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ހޫނު މަރުހަބާއެއް ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.

މެސެޖްގައި ރައީސް ވަނީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައްވާފަ އެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި އޮތް އިހްތިރާމާއި ދެގައުމުން ބަލައިގަންނަ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ސަގާފީ ގުޅުން ރައީސް ފާހަގަ ކުރެއްވި އެވެ.

މެސެޖްގައި ރައީސް ވިދާޅުވީ، ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް އެކުވެރި ގުޅުމާއި އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުން ކުރިއަށް އޮތް އަހަރުތަކުގައިވެސް ‏‏މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.