ހަބަރު

ގައުމީ ސިއްހީ ވިއުގަ އިފްތިތާހު ކޮށްފި

ސަރުކާރުގެ ސިއްހީ ހިދުމަތްތައްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލުމަށްޓަކައި "ގައުމީ ސިއްހީ ވިއުގަ" މިއަދު އިފްތިތާހްކޮށްފި އެވެ.

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހއ. ތުރާކުނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވިއުގަ އިފްތިތާހް ކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތް މިނިސްޓްރީން ބުނީ، ގައުމީ ސިއްހީ ވިއުގާގެ ތެރެއިން ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އެއްނެޓްވޯކްއެއްގެ ތެރެއިން ގުޅިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު މެނުއަލްކޮށް ކުރަމުން އަންނަ އެތައް ކަމެއް ސޮފްޓްވެއާ މެދުވެރިކޮށް ކުރެވިގެންދާނެ ކަމަށާއި ލިޔެކިޔުންތައް އެއްތަނުން އަނެއްތަނަށް ފެކްސް ނުވަތަ އީމެއިލްކުރުމުގެ ބަދަލުގައި ސޮވްޓްވެއާ ބޭނުންކޮށްގެން ކުރެވޭނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ، ސިއްހީ ހިދުމަތް ދިނުމުގައި ވަރަށްގިނަ ދަތިތަކާއި ދިމާވާ ކަމަށާއި ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން ފަސޭހައިން އެއްފަރާތުން އަނެއްފަރާތައް ވާސިލްނުވުން ކަމަށެވެ. ނަމަވެސް މި ނެޓްވޯކްގެ ތެރެއިން ހުރިހާ ކަމެއްގެ ހައްލުލިބިގެންދާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ސޮފްޓްވެއާތައް ހެދުމުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށާއި ވަރަށް ކައިރި މުސްތަކު ބަލެއްގައި މަސައްކަތް ފެށޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ވިއުގާގެ ތެރެއިން ސިއްހީ ދާއިރާގައި ދިމާވެފައިހުރި އެތައް ދަތިތަކެއް ހައްލުކުރެވިގެންދާނެ ކަމަށާއި ކައިރި މުސްތަގުބަލެއްގައި މުޅި ސިއްހީ ނިޒާމް ޑިޖިޓަލައިޒްކުރެވިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ބަލިމީހާ އައިޑީކާޑް ދައްކާލުމުން، ބަލިމީހާގެ މެޑިކަލް ހިސްޓްރީއާ އެންމެ ފަހުން ޑޮކްޓަރު ޑައިގްނޯޒް ކުރި ބައްޔާއި ޑޮކްޓަރު އެންމެ ފަހުން ދިން ބޭހުގެ މައުލޫމާތަށް ސޮފްޓްވެއާ މެދުވެރިކޮށް ޑިޖިޓަލައިކުރެވިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ބަލިމީހާ ބޭސްސިޓީ ގެއްލުމާއި އެއްމަރުކަޒުން އަނެއްމަރުކަޒަށް ދާއިރު ބޭސްސިޓީތައް ހަމަނުވުމާއި އެއްމަރުކަޒުން އަނެއްމަރުކަޒަށް ބޭސް ސިޓީ ހިފައިގެން ދާންޖެހޭ ދިޔުމަށް ހުއްޓުމަކަށް ގެނައުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ވިއުގަ މެދުވެރިކޮށް ވީޑިއޯ ކޮންފަރެންސްގެ އެހީގައި މީހުން ތަމްރީންކޮށް ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށެވެ. އަދި ހިއުމަން ރިސޯސް ސޮފްޓްވެއައާ ސްޓޮކްމެނޭޖްމަންޓް ސޮފްޓްވެއަ މިވިއުގާގެ ތެރެއިން ގާއިމްކުރެވޭނެ ކަމަށެވެ. އަދި ހުރިހާކަމެއް ސެންޓްރަލީ މޮނިޓާވެސް ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެންމެ ފުރަތަމަ މިވިއުގާގެ ތެރެއިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އާސަންދައިގެ "ވިނަވި" ސޮފްޓްވެއާ އާއި ގަވަމަންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް، ޖެމްސް ސޮފްޓްވެއާ ކަމަސްވެސް މިނިސްޓްރީން ބުންޏެވެ.