ހަބަރު

ވެރިކަމުގެ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ވޯޓަކަށް އަލުން ދާން ޖެހޭ: ނަޝީދު

Mar 26, 2019
15

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އިން ގެނެސްދޭ މަޖިލިސް ބަހުސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ހޭދަ ކުރަމުން ދިޔައީ ރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާއި ރާއްޖޭގެ ސިޔާސީ ނިޒާމަކީ ދިވެހިން އެނިޒާމުގައި ބައިވެރިވެވޭނޭ ނިޒާމެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

"މަސައްކަތް ކުރުމަށް، އަޅުގަނޑުމެނަށް ވަނީ ރާއްޖޭގައި އިޖްތިމާއީ ރައްކާތެރިކަން ހޯއްދެވޭނެ ސިޔާސަތުތަކެއް އެކަށައެޅިފަ، ތަންފީޒުކުރަން ފެށިފައި އެކަނިވެރި މައިންނަށް ޔަތީމް ކުދިންނަށް ނުކުޅެދޭ ފަރާތްތަކަށް ދޮށީ އުމުރުގެ މީހުނާއި އިނާޔަތެއްދޭން މިވަނީ ފެށިފަ، އަޅުގަނޑުމެންނަށް ވަނީ ރާއްޖޭގެ އާންމުދަނީ ވަރަށް ބޮޑުތަނުން ބޮޑު ކުރެވިފަ، 7 ބިލިއަނުގެ ބަޖެޓް އެމްޑީޕީގެ ޓެކްސްގެ ސިޔާސަތުގެ ދަށުން މިވަނީ 30 ބިލިއަނަށް ގެނެވިފަ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އިންތިހާބަށް ނިކުމެވަޑައިގެންނެވީ އެޖެންޑާ 19 އާއި އެކުގައި ކަމަށާއި އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ. ހާއްސަކޮށް މައްޗަންގޮޅި މެދު ދާއިރާގެ ބޯހިޔާވަހިކަމުގެ ބޭނުން ފުއްދައިދިނުމާއި ވަޒީފާގެ ފުރުސަތު މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހޯދައި ދިނުން ކަމަށެވެ. އަދި އެޖެންޑާ 19 ތަންފީޒު ކުރެވިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުދޭނަން އިތުރު ފުރުސަތެއް ބަޣާވާތަކަށް، އަޅުގަނޑުމެން ޖާގައެއް ނުދޭނަން ދީނުގެ ނަން ބޭނުން ކޮށްގެން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހިލާފް އުފައްދާކަށް، އެއްވެސް ހާލެއްގައި އަޅުގަނޑަށް ވޯޓް ލުމަކީ ދީނާ ގުޅޭ ކަމަށް ވާހަކަ ދައްކާފައިވާނެ މީހެއް ނޫން، އަދި އެވާހަކަތައް ދެއްކުމަށްފަހުގައި ދެން މިތަނަށް އައިސް ވޯޓް ދެއްވުމަށް އެދި ވާހަކަ ދެއްކުމުގެ ހުތުރު އަމަލުވެސް ނުކުރާނަން،"

ނަޝީދު ވިދާޅުވީ، މިއަދުގެ ގާނޫނު އަސާސީއަކީ ވަރަށް ޒަމާންވީ ހުދުމުހުތާރު ރިޔާސީ ނިޒާމަކާއި އިދިކޮޅަށް ހިނގި ހަރަކާތްތަކުގެ ތެރެއިން ލިބުނު ގާނޫނު އަސާސީއެއް ކަމަށެވެ. އެގާނޫނު އަސާސީގައި މަޖިލީހުގެ ބާރުވެރިކަން ވަރަށް ބޮޑު ކަމަށެވެ.

"ގާނޫނު އަސާސީ ވަކި ހިސާބަކަށް އިސްލާހު ކުރެއްވުމަށްފަހުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން، އެވޯޓަށްފަހު ވޯޓް ހައްގުވާ މީހުންނަށްވުރެ އިތުރަށް ވޯޓް ލީކަމަށްވެސް އިއުލާންކުރި، އެވޯޓަށްފަހު ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީ، އަޅުގަނޑުމެން މިއަދުވެސް އަމަލުކުރަންޖެހޭ ގޮތްތައް އަލުން އަނބުރާ ދެނެގަތުމަށް ޖެހޭނީ ރައްޔިތުންގެ ވޯޓަށް އަޅުގަނޑުމެންދާން، ރާއްޖޭގެ ރައްޔިތުން މިރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެއް ކަަމަށް ކަނޑައަޅައިފިނަމަ އެގޮތަށް އަމަލު ކުރަން އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް، ރާއްޖޭގެ ރައްޔިތުން އެހެން ގޮތަކަށް އަމަލު ކުރިނަމަވެސް މިހުރީ ތައްޔާރަށް،"

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މޫނު ބަލާ ލޯގަނޑު ކަމަށާއި މަޖިލިސް މެންބަރުން ނަޒާހަތްތެރިވާން ޖެހޭނެ ކަމަށެވެ. މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކޮށްގެން ނުވާނެ ކަމަށާއި މަޖިލިސް މެންބަރުން ވޯޓް ވިއްކައިގެން ނުވާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުން އެބޭފުޅުންގެ މާލީ ބަޔާން ހާމަ ކުރައްވަންޖެހޭނެ ކަމަށާއި މަޖިލިސް މެންބަރުން ވަކާލާތު ކުރަން ޖެހޭނީ ހަމައެކަނި ރައްޔިތުންގެ މަންފާއަށްޓަކައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެޖެންޑާ 19 އާއެކު މައްޗަންގޮޅި މެދު ދާއިރާއަށް ނުކުމެ ހުންނެވީ ޖުމްލަ ހައްލަކާއެކުގައި ކަމަށެވެ.، ތިލަފަތަށް ވޯޓެއް ދެއްވައި ގޯއްޗެއް ނުވަތަ ފްލެޓެއް ޙޯދައިދޭނެ ކަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅާދޭނެ ކަމަށާއި ވަޒީފާއެއް ހޯދަން އުޅޭ ފަރާތްތަކަށް އިނާޔަތެއް ހޯދައިދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.