ލައިފްސްޓައިލް

ދަރިފުޅު ވާހަކަ ދެއްކުން ލަސްވަޏާ ކީއް ކުރާނީ!

ކުދިންގެ ވާހަކަ ދެއްކުމަކީ އެ ކުދީން ހެދި ބޮޑުވުމުގައި އަންނަ ބޮޑު މައިލްސްޓޯނެކެވެ. އަދި އެންމެ ފުރަތަމަ ކުއްޖާ ކިޔާ ބަހަކީ ވެސް މައިންބަފައިން އެބަސް ހަދާނުގައި ބަހައްޓާ ބަހަކަށް ވެއެވެ. އަދި މި ހަނދާންތަކަކީ އުފާވެރިކަން ގެނެސްދޭ ފޮނި ހަނދާނެކެވެ.

ކުދިން ވާހަކަ ދެއްކުން ލަސްވުމަކީ އަހަރުމެންގެ ތެރޭގައި ވެސް އާއްމު ކަމެކެވެ. ކިރޔާ ކުއްޖާއަށް އަހަރެއްވާ އިރަށް ފެންނަ ކޮންމެ މީހެއް ކަހަލަ ގޮތަކަށް އެއްވެސް ވާހަކައެއް ދައްކާތޯ ސުވާލު ކުރާނެ އެވެ. އަނެއް ބަޔަކު އުޅޭނީ އަބަދުވެސް ދަރިފުޅު ވާހަކަ ދެއްކުން ލަސް ވެގެނެވެ. ވަރަށް ގިނަ ފަހަރަށް "މިހާރު ވަރަށް ދުވަސްވެއްޖެ، އަދިވެސް ވަރަށް ވާހަކަ ނުދައްކާ" މިފަދަ ޝަކުވާތައް އޮވެ އެވެ.

ކުއްޖަކު ވާހަކަ ދެއްކުން ލަސްވާނާމަ އެންމެ ފުރަތަމަ ވެސް އަހަރުމެންގެ ތެރެއިން ގިނަ މީހުން ވަކި ގޮތަކަށް ނިންމަ އެވެ.

1
 

ކުއްޖާއަށް ރަނގަޅަށް އަޑު ނީވޭނީ ކަމަށް

ބައެއް ފަހަރަށް އަޑުއިވުމުގެ މައްސަލައާއި ހެދި ކުދިން ވާހަކަ ދެއްކުން ލަސްވިޔަސް، ކުއްޖަކު ވާހަކަ ދައްކަން ނުފެށުމަކީ ކޮންމެ ފަހަރަކު ކަންފަތަށް އަޑު ނީވުމުގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. ކަންފަތަށް އަޑު އިވުން ޗެކް ކުރުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން އެކަން ޗެކް ކުރެވިދާނެ އެވެ.

2
 

ވާހަކަ ދެއްކުން ލަހީ އޯޓިސްޓް ކުއްޖަކަށްވުމުން

ވާހަކަ ދެއްކުން ލަސްވާ ކޮންމެ ކުއްޖަކީ އޯޓިސްޓިކް ކުއްޖެއް ކަމަށް ނުނިންމާށެވެ. އޯޓިޒަމް ސްޕެކްޓްރަމްގެ ދަށުގައިވާ ކުދިންގެ ކިބައިގައި ވާހަކަ ދެއްކުން ލަސްވުން ހުރުމަކީ އެކަށީގެންވާ ކަމަކެވެ. ތިމާގެ ނުވަތަ އެހެން މީހެއްގެ ކުއްޖެއް ވެސް ވާހަކަ ދެއްކުން ލަސްވެއްޖެނަމަ އެއީ އޯޓިޒަމް ސަބަބުންތޯ ބެލުމަށް ޑޮކްޓަރަކަށް ދައްކާށެވެ.

3
 

ކުއްޖާއަކީ ތޫނުފިލި ކުއްޖެއް ނޫން!

ގިނަ ފަހަރަށް ހީވެފައި މި އޮންނަނީ އުމުރާއި އެކަށޭނެ ބަސްކޮށާރެއް ނުގެންގުޅޭނަމަ ނުވަތަ ވާހަކަ ދެއްކުން މަދު ނަމަ އެ ކުއްޖަކީ ތޫނުފިލި ކުއްޖެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެ ކުއްޖާއަށް އުމުރަށްވުރެ ދޮށީ ކުދިންނަށް ކަންކަން ފަހުމްވާ ވަރަށް ވުމަކީވެސް އެކަށީގެންވާ ކަމެވެ. އެހެން ކަމުން މި ކަން މިގޮތަށް ވެސް ނިންމާ ނުލަންވީ އެވެ.

ކުދިންގެ ވާހަކަ ދެއްކުމަށް އެހީތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން ހުރެ އެވެ. އޭގެ ތެރޭގައި ވީހާވެސް ގިނައިން ފޮތް ކިޔައި ދިނުން ހިމެނެ އެވެ.

ގިނައިން ފޮތް ކިޔައިދިނުން

ކުދިންނަށް ފޮތް ކިޔައި ދިނުމަކީ އެ ކުދިން ވާހަކަ ދެއްކުމަށް ދަސްކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ކުޑަކުދިންނަކީ ސްޕޮންޖް ކަހަލަ ބައެކެވެ. އަބަދުވެސް އާ ކަންކަން ވަށައިގެންވާ މާހައުލުން ދަސްކުރެ އެވެ. ކުދިންނަށް ފޮތް ކިޔާ ދިނުމަކީ އެ ކުދިންގެ ބަސްކޮށާރު މުއްސަންދިވެ އާ ކަންކަން ދަސްކުރާ ގޮތެވެ.

ނާސަރީ ރައިމްސް ކިޔާދިނުން

ނާސަރި ރައިމް ކިޔާ ދިނުމަކީ ކުއްޖާގެ ސްޕީޗް އަދި ލޭންގުއޭޖް ޑިވެލޮޕްމަންޓަށް އެހީތެރިވެދޭނެ ކަމަކެވެ. ކުދިންނަށް މި ލަވަތައް ކިޔާދީ މި ލަވަތަކަށް އެކްޓް ކުރާގޮތަށް އެކި އެކި އިޝާރާތްތަށް އެ ކުދިންނަށް މަޖާވާ އަދި ގަޔާވާ ގޮތަކަށް ކިޔާ ދެވިދާނެ އެވެ.

ކުޅެން ފުރުސަތު ހޯދައިދިނުން

ކުޅުމުގެ ތެރެއިން ކުއްޖާ ވަރަށް ގިނަ ކަންކަން ދަސްކުރެއެވެ. އަދި ކުޅުމުގައި ކުއްޖާ އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުމަށް ފުރުސަތު ދޭށެވެ. މިގޮތަށް ކަންކަން ކުރުމުން އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ވެއެވެ. މިއީ ވާހަކަ ދެއްކުމަށް އެހީތެރިވާ ކަމެކެވެ.

މީގެ އިތުރުންވެސް ކުޅުމަށް ހޯދާދޭ ތަކެއްޗަކީ ބެޓަރީ ލައްވާފައި ހުންނަ އެއްޗިހީގެ ބަދަލުގައި ބެޓަރި ނެތް އެއްޗިހި ހޯދައިދޭށެވެ. ބެޓަރީ ނުލައްވާ ވައްތަރު ކުޅޭ ސަމާނު ދިނުމުން ކުއްޖާ އެކި އެކި އަޑު ލެއްވުމަށް ބާރު އަޅާނެ އެވެ.

ވާހަކަ ދެއްކުމުގައި ލަސް ކަމެއް ހުންނަ ނަމަ ހޯދައިދޭ ކުޅޭ އެއްޗިސްއަކީ ކޮންމެހެން އެޑިއުކޭޝަނަލް ޓޯއީސް އަކަށްވެސް ވާކަށް ނުޖެހެއެވެ. ކުއްޖާގެ ޝައުގުވެރިކަން ހުންނަ، އަމިއްލަ އެ ކުޅޭއެއްޗަކުން ކަންކަން ދަސް ކުރެވޭނެ ގޮތަށް ހުންނަ ކުޅޭ އެއްޗިސް ދިނުމުން މާ ފައިދާ ބޮޑެވެ.

ބޭރަށް ނެރުން

ދަރިފުޅާއެކު ބޭރަށް ނިކުމެ ވަގުތު ހޭދަ ކުރާށެވެ. ބޭރަށް ނެރުމުން ސާފު ވައި ލިބި، ބޭރުން ފެންނަ އެއްޗިހީގެ ނަންތައް ކުއްޖާއަށް ކިޔައިދެވިދާނެ އެވެ. އަދި ތަފާތު އެކި އެކި އެއްޗިސް ދައްކާ އޭގެ ނަންތަށް ކުއްޖާ ކައިރިން ވެސް އެހިދާނެ އެވެ.

ކުދިންނަށް ވާހަކަ ދެއްކުން ދަސްކޮށް ދިނުމަކީ ބޮޑު މަސައްކަތެއް ކަމުގައި ނުދެކި، ކޮންމެ ދުވަހަކު ވެސް އެ ކުއްޖާއާއި ގުޅުން ވަރުގަދަ ކުރުމަށް ކޮންމެވެސް ކަމެއް ކުރާށެވެ. އަދި މި ކަމުގެ ތެރޭގައި ވަގުތު ހޭދަކޮށް ކުއްޖާ ގަޔާވާ ގޮތަށް ކަންކަން ދަސްކޮށް ދޭށެވެ.