ވާހަކަ

ބޭނުންވަނީ ޔާރާ

(25 މާރިޗު 2019 އާ ގުޅޭ)

"މަންހާގެ ފޯނުގަ ހުއްޓަ ވިޝާލް ތިއައީ، ވިޝާލްއޭ ބުނީމަ އަވަސް އަވަހަށް ފޯނުބާއްވައިފި، އެކަމަކު ގުޅީ ވިޝާލް ހޭލާތޯ އުޅެނީ ބަލަންވެގެން، މިވަނީ ކިހިނެތްކަން ދެން ކިޔާދެންވެއްޖެއެއްނު، ވިޝާލް ކީތައް ކޮއްގެން ތިއުޅެނީ؟" ޖެނީ ސީދާ ސީދާ ސުވާލުކުރިއެވެ.

"އަސްލު އެއީ އެވަރުކަމެއްނޫން، އަހަންނަކަށްވެސް ނޭގޭ މަންހާ ރުޅިއަންނަންވީ ސަބަބެއް، އަހަންނަށް މަންހާގެ ބޮސް އާއި މަންހާ އާއި ގުޅުވައިގެން ސަމާސާއަށް ބުނެވުނު އެއްޗެކާއިމެދު މަންހާ ހިތްހަމަ ނުޖެހުނީ........ތުއްތާ އެއީ އަހަރެން ކުރި ސަމާސާއެކޭ، އެކަމަކު މަންހާ އެހެރީ އަހަރެންދެކެ ހިތްހަމަނުޖެހިފަ............އަހަރެން މާފަށްވެސް އެދުނިން........." ވިޝާލް ޖެނީއަށް ކިޔާދެމުންދިޔައެވެ.

"ތުއްތައަށް ހިއެއްނުވޭ މިހާރު މަންކޮ ހުރީ ރުޅިއައިސްފަހެނެއް، އޭނަ އެމަޑުކުރަނީ ވިޝާލް ގުޅާނެއިރަކަށް ކަންނޭގެ، ވިޝާލް ގުޅަންވީނު މަންކޮއަށް...........ގުޅާފަ އަލުން މާފަށްއެދޭ..........މަންކޮވެސް ހުރީ ވިޝާލްއާއި ވާހަކަދައްކަން ބޭނުންވެފަކަން ޔަގީން، އެހެންނޫނީ ތުއްތައަކަށް އޭނަ އެހާ ހެނދުނާ ގުޅާފަ ނާހާނެދޯ ވިޝާލް ހޭލާތޯ އުޅެނީ، ވިޝާލްގެ ނަންބަރު އޭނައަތުގަ އެބަ އޮތްވިއްޔަ.........." ޖެނީ އޭނަގެ ހިޔާލު ފާޅުކުރިއެވެ. ވިޝާލް ޖެނީގެ އަތުގައި ބޮސްދެމުން އެހިޔާލަށް ޝުކުރުވެރިވިއެވެ. އޭނަ އަވަސްވެގަތީ މަންހާއަށް ގުޅުމަށެވެ. ޖެނީ އެނދުގައި އިންގޮތަށް އިނީ ވިޝާލް ނުކުމެގެން ދިޔަ ދޮރާދިމާލަށް ބަލަހައްޓައިގެންނެވެ.

އެންމެ ފުރަތަމަ ރިންގާއެކު މަންހާ ފޯނު ނަގާ ހެލޯއޭ ބުނެލިއެވެ. އަނެއްކޮޅުން ވާހަކަ ދެއްކިއަޑެއް ނީވުނެވެ. އެހެންނަމަވެސް މަންހާ ފޯނު ބާއްވާކަށް ގަސްތެއް ނުކުރިއެވެ.

"ސޮރީ............ސޮރީ..............." ދެތިންމިނެޓު މަޑުކޮއްލުމަށްފަހު މަންހާ ބުނެލިއެވެ.

"އިޓްސް އޯކޭ، އަހަރެންވެސް މަންހާގެ ގާތުން މާފަށް އެދެން، އަހަންނަށް މާފުކުރާނަންތަ؟" ވިޝާލްގެ އަޑު މަންހާގެ ކަންފަތުގައި ޖެހުނެވެ.

"ހޫމް.........މާފުކޮއްފިން، ވިޝާލްދެކެ ރުޅިއައިސްފަ އެހާގިނައިރު އަހަންނަކަށް ނުހުރެވުނު، އަހަންނަށްވެސް މާއަވަހަށް ރުޅިއިސްކުރެވުނީ، ފަހުން ވިސްނާލީމަ އެނގުނު، ވިޝާލް ގަސްދުގަ އަހަރެން ހިތްހަމަނުޖެހޭ ކަމެއް ނުކުރާނެކަން........ދެން އެކަންތައް ބާއްވާ، ހިނގާ މެންދުރު ކާންދަމާ، މިފަހަރު ޓްރީޓްދޭނީ އަހަރެން.............." މަންހާ ވިޝާލްއާއި ދެމެދުގައި ހިނގާދިޔަ ކަންތައްތައް ހައްލުކުރަން ބޭނުންވެފައިހުރި ވަރު ވިޝާލްއަށް އޭނަގެ ވާހަކައިން އެނގުނެވެ. ވިޝާލްގެ ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ. ފޯނު ބޭއްވުމާއިއެކު ކޮޓަރިތެރޭ ހުރެ ފުއްމައިގަނެވުނެވެ. މިހާރު އޭނައަށް މަންހާގެ ފަރާތުން އެއްވެސް ހިތާމައެއް ނުލިބޭފަދައެވެ.

ދާއިން އޮފީހުގައި ނެތްދުވަހަކަށްވީތީ މަންހާއަށް ކުރާކަށް މާގިނަ މަސައްކަތްތަކެއްނެތެވެ. ދޭތެރެއަކުން ކާއިލް އޭނައަށް ގުޅާލާނެއެވެ. ނޫނީ އޭނަގެ ވޯކް ސްޓޭޝަނަށް އައިސް އިރުކޮޅަކު މަޑުކޮއްލައިގެން އިންނާނެއެވެ. އެދެމެދުގައި ވާހަކައެއް ދެކެވުނަސް ގިނަފަހަރަށް މަންހާއަށް ދެއްކެނީ ދާއިންގެ ވާހަކައެވެ. ކާއިލް އެކަމާ ފަރުވާލެއް ނުބަހައްޓައެވެ. އޭނަ މަންހާގެ ރިވެތި އަދާތަކަށް ބަލަން ގޮނޑި އަނބުރާލަ އަނބުރާލަ އިނދެއެވެ. އަދި ދޭތެރެއަކުން މަންހާގެ ރީތިކަމަށް ތައުރީފުކޮއްލައެވެ.

"ބާބީ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟" ކާއިލް ކުއްލިއަކަށް އަހާލި ސުވާލުން މަންހާގެ ގާތަށް ހިނިއައެވެ.

"ކީއްކުރަން ކާއިލް ބަލަނީ؟" މަންހާ ހިނިއައިސްފައި އިނދެ ބުނެލިއެވެ.

"ދެން ހަމަ އަހާލެވިދާނެއެއްނު؟ ނުބުނާނަންތަ؟ ޕްލީޒް ބާބީ، ދެން ބުނެބަލަ..............ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ" ކާއިލް ގޮނޑިއަށް ވެއްޓިފައި އޮތްގޮތަކަށް އޮވެފައި ތެދުވެލަމުން ހަމަޖެހިލީ މަންހާ ދޭނެ ޖަވާބެއް އަޑުއެހުމުގެ ޝައުގުވެރިކަމާއިއެކުއެވެ.

"މްމްމްމް..............ކީކޭ ބުނާނީ..........އޯކޭ..........ދޮގެއް ހަދާކަށް ނުވާނެ ދޯ...............ބާބީ އަދި އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވަން..........އަނެއްކާ ކާއިލް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟" މަންހާ ކާއިލްގެ ދިރިއުޅުމާއިމެދު ސުވާލުކޮއްލިއެވެ.

"ނޫން.........ތިފަދަ ނަސީބެއް ކޮބާ..............އެކަމަކު ބާބީގެ ބޯއީ ފުރެންޑަށް ވެދާނަން، އެގޮތް ރަނގަޅެއްނު" ކާއިލް ލާނެތްގޮތަކަށް ހިނިއައިސްފައި އިނދެ ބުނެލިއެވެ. އެހެންވެ މަންހާ ހީކުރީ އެއީ އޭނަ މަޖަލަކަށް ބުނެލި އެއްޗެއްކަމަށެވެ.

ކާއިލް އާއި މަންހާއަށް ނަޒަރު ހިންގާ މުވައްޒަފުން އޮފީސްތެރޭގައި މަދެއްނޫނެވެ. ބައެއްމީހުން ނުސީދާ ގޮތްގޮތަށް ބަސްބަސް ބުނެލާހަދައެވެ. އެފަދަ ވަގުތު ތަކުގައި ކާއިލް އަޑުއިވޭ ހިސާބުގައި ހުރެފިނަމަ އެމީހެއްގެ ދުވަސް ދިޔައީއެވެ. މުޅި ދުވަހު އޭނަގެ ކަމަކަށްވާނީ އެމީހާއާއި ޖައްސާލައިގެން އުޅުމެވެ. ބައެއްފަހަރު އޭނައެކޭ ކުޑަކުއްޖެކޭ އެއްވަރެވެ. ދާއިން އޮފީހުގައި ނެތްކަމުގައި ވިޔަސް މަންހާ ހީކުރިހާ ފޫއްސެއް އޮފީހުގައި ނުވިއެވެ. އެންމެ ބޮޑު ޝުކުރެއް އަދާކުރަން ޖެހޭނީ ކާއިލްއަށެވެ. އޭނަގެ ސަމާސާތަކާއި ވާހަކަތަކުން މަންހާގެ ވަގުތުތައް ކަޑަތުކުރަން ފަސޭހަވެގެންދިޔައެވެ. މަންހާ އޭނަގެ ސްކޫލް ދައުރުގެ ރަޙުމަތްތެރިންނާއި ފޯނުން ގުޅާލަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަމާނީ ނޫން އެއްވެސް ކުއްޖަކާއި ދިމާވާގޮތެއްނުވިއެވެ.

މެންދުރުގެ އަވިބާރުވަގުތެވެ. ގަދަނޫކުލައިގެ ޖިންސާއި ހުދުޓީޝާރޓުގައި ވިޝާލް ކާރުގައި އިންއިރު މުޅި ކާރުތެރޭގައި އޭނަގެ ހަށިގަނޑަށް ޖަހާފައިވާ ފިރިހެންވަންތަ ސެންޓުގެ ވަސް ފެތުރިފައިހުއްޓެވެ. މަންހާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ހުންގާނު ބުރުގައި ދެއަތްއަޅުވާލައިގެން ޖަހަމުންދިޔަ ލަވަޔާއި އެއްވަރަށް އިނގިލިތަކުން އިޝާރާތްކުރަމުންދިޔައެވެ. ގިނައިރުތަކެއްނުވެ ކާރުގެ ދޮރުފަތް ހުޅުވާލަމުން ކާރަށްއެރި މަންހާގެ ނޭފަތުގައިވެސް އެހިތްގައިމުވަސް ހަރުލިއެވެ.

"ހާދަ ފްރެޝްވެލައިގެން.......ސެންޓުފުޅި ހުސްކޮއްލައިގެންދޯ ތިއައީ..........." މަންހާވެސް ވިޝާލް ކޮއްލާފަދަ ސަމާސާއެއްކޮއްލިއެވެ. ދެމީހުންނަށް އެކުއެކީ ހެވުނެވެ.

ކާރު ދުރުގައި ޕާކުކޮއްލުމަށްފަހު ވިޝާލް އާއި މަންހާ ހިނގާލާފައި ގޮސްވަނީ އައިއޯލީ ރެސްޓޯރެންޓަށެވެ. ތަނުގެ ހިތްގައިމުކަމާއިއެކު ވެއިޓަރުންގެ ހިތްހެޔޮކަން ވިޝާލްއަށް ފާހަގަކުރެވުނެވެ. އޭނަ މިނޫނީ ދުވަހަކުވެސް އެތަނަކަށް ނާދެއެވެ. ގިނައިރުތަކެއްނުވެ ކާއެއްޗިއްސަށް އިންސާފުކުރަމުން އެދެބައިވެރިންދިޔައިރު ވިޝާލްގެ ޒުވާން މޫނަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއްވެރިވެފައިވެއެވެ. މަންހާގެ ހާލަކީވެސް އެއީއެވެ.

"އަހަންނަށް ހީވަނީ އެއީ މަންހާގެ ފޯނުހެން" ގޮނޑީގައި އަޅުވާލާފައި އޮތްދަބަހުގެ ތެރެއިން ފޯނު ރިންގުވާއަޑުކަން މަންހާއަށް ޔަގީންވީ ވިޝާލް ބުނީމައެވެ.

"ހެލޯ، މީނީ ކާން، އައިއޯލީގަ..........ވިޝާލް އާއިއެކު...........ކީއްކުރަން..........ތިއްތޭ.........." މަންހާ ފޯނުބާއްވާފައި ވިޝާލްއަށް ބަލާލިއެވެ. ވިޝާލް ސުވާލުގެ ނަޒަރަކުން މަންހާއަށް ބަލަންއިނީ ފޯނުންދެއްކި ވާހަކައެއް އޮޅުންފިލުވަން ބޭނުންވާތީއެވެ.

"އެގުޅީ ތިއްތޭ...........ވިޝާލް އާއިއެކު ކާންށޭ މީނީ ބުނީމަ އެބުނީ މިއަންނަނީއޯ މިތަނަށް........." މަންހާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލަމުން ބުނެލިއެވެ.

"މައްސަލައެއްނޫނެއްނު، ތިއްތޭއެއްނު އެއަންނަނީ........އަހަރުން ކައިނިމުނަސް ތިއްތޭ އަންނަންދެން މަޑުކޮއްލާނީ" ވިޝާލްއަށް އެކަން އެހާބޮޑުކަމަކަށް ނުވިއެވެ.

މެންދުރުގެ ކެއުން ނިންމާލާފައި މަންހާއަށް އޮފީހަށް ދެވުނުއިރު އެހެންދުވަސް ދުވަހާއި އަޅާބަލާއިރު ވަރަށް ލަސްވެއްޖެއެވެ. އެހެންނަމަވެސް އެއްޗެއް ބުނާނެ މީހަކުނެތެވެ. މުޅިދުވަސް ނިމިގެންދިޔައިރު އޭނައަށް ނިންމަން ޖެހިފައިއޮތް މަސައްކަތް ނިންމާލުމަށްފަހު ޕްރިންޓު ނަގާލިއެވެ. އަދި އެގަނޑު ހިފައިގެން ގޮސް ދާއިންގެ ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އެތެރަށްވަނެވެ. މޭޒުމަތީގައި ހުރި އިންޓްރޭއަށް ގަނޑުލުމަށްފަހު ނުކުންނަން މަންހާ ހިނގައިގަތެވެ. ނަމަވެސް ކީއްވެކަމެއް ނޭގެއެވެ. ފަސްޖެހެވުމަކާއިއެކު ދާއިންގެ މުޅި ކެބިންނަށް ނަޒަރު ހިންގާލާހިތްވިއެވެ.

އެއްވެސް ތަނަކުން މަންހާއަށް ޒާރާ އާއި ދާއިންގެ ފޮޓޯގަނޑެއްހާ ހިސާބުވެސް ނުފެނުނެވެ. ދާއިން ނެތުންވީ މަންހާއަށް އެކެބިންގެ ތެރޭގައި މިނިވަންކަމާއިއެކު އުޅެލުމަށް ލިބުނު ފުރުޞަތަކަށެވެ. އޭނަ ދާއިންގެ ގޮނޑިއާއި ކައިރިވެލިއެވެ. ބޭއިޙްތިޔާރުގައި އެގޮނޑީގައި އަތްހާކާލެވުނެވެ. އެއާއިއެކު އެތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިގެންދިޔައެވެ. މަންހާގެ ސިކުނޑިއަށް ކުއްލިއަކަށް ހިޔާލެއްވަނެވެ. އެހިޔާލު ވަންނަން މެދުވެރިވި ސަބަބަކަށްވީ އެކެބިންގެ ތެރޭގައި އެއްވެސް ރޫހެއްނެތްކަމުގައި ފެންނާތީއެވެ. ކުޑަކުޑަ ބަދަލެއް ގެނައުމުން ދާއިން އެކަމާ ހިތްހަމަ ނުޖެހިފައި ނުހުންނާނެހެން އޭނައަށް ހީވާތީއެވެ. މަންހާ އަވަސް އަވަހަށް ދާއިންގެ މޭޒުމަތީ ހުރި ގަލަން ޖަހާއެތީގައި އިން ފަންސޫރެއްނެގިއެވެ. އަދި ޕްރިންޓަރު ހުރި ދިމާލަށްގޮސް އޭގެން ހުސްގަނޑެއްނެގުމަށްފަހު ކެބިންގެ ނަމޫނާއެއް ކުރަހާލިއެވެ. ކުޑައިރުކޮޅަކު އެގަނޑަށް ބަލަހައްޓައިގެން ވިސްނަން ހުރެފައި މަންހާ އޭނަގެ އަތުގައި އޮތް ފަންސޫރު ގަލަން ޖަހާއެއްޗަށް ލުމަށްފަހު ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ.

އޮފީސް ނިމުނު ގަޑިއަށް ވިޝާލް މަންހާ ބަލާއެވެ. އޭރު ޖެނީވެސް ވިޝާލް އާއިއެކު ކާރުގައި އިނެވެ. އެތަންފެނި މަންހާ ހިނިތުންވެލަމުން ސުވާލުކުރަންފެށިއެވެ. ޖެނީ ހެނދުނުގެ ހާދިސާއާއި ގުޅިގެން މަންހާ އާއި ވިޝާލް އާއި ދިމާކޮއްލިއެވެ. އަދި އޭނަ މަންހާ ކައިރިއަށް ހަމަ އައިސްލީކަމުގައި ބުނެލިއެވެ. ގޭދޮރުމައްޗަށް ކާރު މަޑުކޮއްލުމާއިއެކު މަންހާ އާއި ޖެނީ ފޭބިއެވެ. ނަމަވެސް ވިޝާލް އެމީހުންނާއިއެކު ގެއަށް ވަންނަކަހަލަ ހިޔާލެއްނުކުރިއެވެ. މަންހާ ވަގުތުން ކާރުގެ ބިއްލޫރި ގަނޑުގައި ޖަހާލިއެވެ. ވިޝާލް ހުއްޓުވުމުގެ ބޭނުމުގައެވެ. އޭނަ ގޭތެރެއަށް ވަދެގެން ދިޔައީ އެންމެ ފަހުން ޖެނީ އާއިއެކު ވިޝާލްވެސް ގޮވައިގެންނެވެ.

"އަވަހަށް އާދޭ ސައިބޯން....." ވަސީމާއަށް މަންހާއާއި އެކު ވަތްދެކުދިންވެސް ފެނުމުން ބުނެލިއެވެ.

"ދޮންބެ ނެތީމަ ދެން ހާދަ ފަޅުވާނެއޭ ދޯ މަންމާ" މަންހާއަށް ކާމޭޒުމަތި ފެނި ބުނެލެވުނެވެ.

"އާން، އެދަރިނޫނީ ގަޑިން ގަޑިއަށް ގޭން ކާ ކުއްޖަކު ނެތްވިއްޔަ، މިއަދުވެސް މަންހާ މެންދުރު ގެއަށް ނާދޭ...............މަންމަ އެކުން ނުގުޅީ މުހިއްމުކަމެއްގައި އަވަދިނެތި އުޅެދާނެތީ" ވަސީމާ ވިޝާލް އާއި ޖެނީއަށް އިށީނުމަށް ގޮނޑި ދުރުކޮއްދެމުން ބުނެލިއެވެ.

"ސޮރީ މަންމާ، މާފުކުރޭ، އަޅުގަނޑު ހަނދާންނެތުނީ މަންމައަށް ގުޅާލާފަ ބުނެލަން، ބައްޕަ ކޮބައިތޯ، ތިއްތޭވެސް އަދި ގެއަށް ނާންނަނީތަ؟" މަންހާ ގޭތެރެއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

"ހޫމް...........ޝަރަފްއަށް އަދި ގެއަށް އާދެވޭވަރު ނުވެގެން އެއުޅެނީ، ބައްޕަވީ މޫސަބެ އާއިއެކު ކަމަކު ބޭރަށް ގޮސް" ވަސީމާ އިރުކޮޅަކަށްވެސް ހުއްޓިލުމެއްނެތި ވާހަކަދެއްކިއެވެ.

"އެހެންވީމަ އަޅުގަނޑަށްދޯ އެންމެ ކުރިން މި އާދެވުނީ، މަންމާ، އަންނާނަން ހެދުން ބަދަލުކޮއްލައިގެން" މަންހާ ސިޓިން ރޫމާ ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

އިރުއޮއްސެން ގާތްވެފައިވަނިކޮށް ސަޢީދު އާއި މޫސަވެސް ގެއަށް އަތުވެއްޖެވެ. އޭރު ގޭތެރޭގައި ދެއާއިލާގެ ކުދިންވެސް އޮލަވާހަކައިގައި ތިއްބެވެ. ސަޢީދު އާއި މޫސަ ސޯފާގައި ހަމަޖެހިލުމާއިއެކު ހިފައިގެން އައި އުފާވެރި ހަބަރު ހިއްސާކޮއްލިއެވެ. ސަޢީދު ކާރެއް ގަންނަން އުޅެނީއެވެ. އެހިޔާލަކީ މޫސަ މާލެ އައިއްސުރެން ސަޢީދުއަށް ދެމުން އަންނަ ހިޔާލެކެވެ. އެކަމަށް ޢަމަލީ ސިފައެއް މިއައީ މިއަދުއެވެ. އެހަބަރާއިއެކު ޝަރަފް ސޯފާގައި އިނދެފައި ފުއްމައިގަތެވެ. މަންހާވެސް އިނީ އެފަދަކަމެއް ކޮއްލާހިތުންނެވެ. އެހެންނަމަވެސް އޭނައަކީ މައިންބަފައިންގެ ކުރިމަތީ ވީހާވެސް މަޑުމައިތިރިކަމަށް ލޯބިކުރުމަށް އާދެވެފައިވާ އަންހެން ކުއްޖަކަށްވީތީ އެފަދަ ގޮތަކަށް އުޅޭކަށް ނުކެރުނެވެ. ގޭގެ އެންމެ މަތީބުރި ޓެރެސްގެ ގޮތުގައި ހަދާނިންމާލުމަށް ޝަރަފް ހިޔާލުދިނެވެ. އަދިމިހާރު އެތަން ރީތިގޮތަކަށް ފަރުމާކުރުމަށް މަންހާގެ ހިޔާލާ ވިސްނުން ބޭނުންކުރެވިދާނެކަމުގައި ޝަރަފް ބުނެލިއެވެ.

ދެކެވެމުން ދިޔަ އޮލަވާހަކައިގެ ތެރެއިންވެސް އެންމެނަށް ސިއްރުވެފައި އޮތީ ސޯފާގައި އިނދެ ދެބަސް ބުނެފައި އުފަލުން ފުއްމައިގަންނަ ކޮންމެ ފަހަރަކު ޝަރަފް ސޯފާގައި ބާއްވާލެވިފައިވާ ޖެނީގެ އަތްތިލާގައި ހިފާލާކަމެވެ. އެކުޑަކުޑަ ޢަމަލުގެ ސަބަބުން ޖެނީގެ ހިތަށްވަދެގެންދާ ލަދުވެތިކަމާއިއެކު ޖަންބުކުލަ އަރާ ދެކޯތާފަތެވެ. ލަދުވެތި ހިނިތުންވުމަކާއިއެކު އެކަން ސިއްރުކުރުމަށް ޖާހާލާ އިސްޖަހާލުމެވެ.

"މަންކޮ އާދޭ ތިކޮޓަރިއަށް ދާން........." ސަޢީދު އާއި ވަސީމާ މޫސަ އާއި ވާހަކަދައްކަން ފެށުމުން ޝަރަފް ބުނެލިއެވެ.

ރޭގަނޑު އަށެއްޖެހުމާއިއެކު ޝަރަފްގެ އަތުގައި އޮތް މަންހާގެ ފޯނުން ރީތި ރާގެއްގެ އެލާމެއް އަޅަންފެށިއެވެ. އެއާއިއެކު އަވަސް އަވަހަށް ޝަރަފްގެ އަތުން މަންހާ ފޯނު އަތުލާ ބަލާލިއެވެ. އަދި ކަމެއްކުރަން އޭނަ ނިންމާފައިވާކަމުގެ ހަނދާންވެގެންދިޔައެވެ.

"ރީއެރޭންޖިންގ..........ކޮންކަމެއް ބަދަލުކުރަންތިއުޅެނީ" ޝަރަފްއަށް މަންހާގެ ފޯނުން އެރި މެސެޖުގެ އެއްބައި ކިޔާލެވުމާއިއެކު ސުވާލުކޮއްލިއެވެ.

"ސާބަސް ތިއްތޭއަށް، އަދިވެސް އަހަރެންގެ ފޯނު ޗެކުނުކުރެވެނީތަ، އެއީ އަހަރެން މިރޭ ކުރަން ނިންމާފައޮތްކަމެއް، ފޯނުގެ އޯގަރނައިޒާއަށް އެޑްކޮއްލީ..........ހޭ ވިޝާލް، އަހަންނާއެކު ދާނަންދޯ" މަންހާ ވިޝާލްއަށް ބަލާލަމުން އަހާލިއެވެ. ވިޝާލް ހިނިތުންވެލުމަކުން ފުއްދާލީއެވެ.

"ދެން އަހަރެން ކިހިނެތް ހަދަންވީ؟" ޖެނީއަށް ކުއްލިއަކަށް އަހާލެވުނެވެ.

"އަހަރެން މިހިރީނު، މިހާރު ދޮންބެއެއްވެސް ނެތްވިއްޔަ ޖެއްސުންކޮއްލާ ފައިޓުކޮއްލާކަށް، އަހަރެންވެސް ވަރަށް ފޫހިވާނެ............" ޝަރަފް ޖެނީއަށް ބަލާލަމުން ބުނެލިއެވެ.

"ތެދެއް ޖެނީ، ތިއްތޭ ޖެނީއަށް ކޮމްޕެނީދޭނެ، ނޫނީ އަހަރުންނާއިއެކު އަޔަސް އެންމެ ރަނގަޅު، މަޑުކުރަން ބޭނުމިއްޔާ މަޑުކޮއްލިޔަސް އެންމެ ރަނގަޅު، އަހަރުމެން އެހާ ގިނައިރެއްނުވާނެ......."މަންހާ ތެދުވެ އަލަމާރި ހުޅުވާލަމުން ބުނެލިއެވެ.

"ތިހެންވީރު މަންކޮމެން އަންނަންދެން މަޑުކޮއްލާނީ" ޖެނީ ވިސްނާލަމުން ޝަރަފްއަށް ބަލާލާފައި ބުނެލިއެވެ.

މަންހާ އާއި ވިޝާލް ދާން ނުކުތްވަގުތު ޝަރަފް އާއި ޖެނީވެސް އެކޮޓަރިން ނުކުތެވެ. އަދި ވަސީމާގެ ކުރިމަތީ އެނބުރިލުމަށްފަހު ޝަރަފް ޖެނީ ގޮވައިގެން ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އޭސީކޮއްފައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުބެހެއްޓޭނެތީ ޝަރަފް ކޮޓަރިއަށް ވަންނަމުން ދޮރުލައްޕާލިއެވެ. އެދެކުދިންނަށް މާބޮޑު ފަރުވާލެއްނުދީ މޫސަ ގެއަށް ދިއުމުން ސަޢީދު އާއި ވަސީމާ ވަނީ އެމީޙުންގެ ކޮޓަރިއަށެވެ.

"ދެން ކީއްކުރާނީ؟" ލާނެތް ހިނިތުންވުމަކާއިއެކު ޝަރަފް އަހާލިއެވެ. އެނދުގެ ކޮޅުގައި އިށީނދެލައިގެން އިން ޖެނީއަށް ދޭނެ ޖަވާބެއް ނޭގުނެވެ. އެހެންވެ ދެބުމަށް އަރުވާލަމުން ކޮނޑުހިއްލާލީ ހަމަ އެސުވާލު ކޮއްލާފަދަ ގޮތަކަށެވެ.

"ވަސިންތަ..." ކުއްލިއަކަށް ޖެނީ ދޮރާދިމާލަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު މަޑުމަޑުން ބަހެއްނުބުނެ އިނދެ ޖެނީގެ ގާތަށް ޖެހެމުންދިޔަ ޝަރަފް ސިހިފައި ދޮރާދިމާލަށް ބަލާލިއެވެ. އެތަންފެނި ޖެނީ ހޭންފެށިއެވެ. ޝަރަފް އޭނަ އިން ހިސާބުގައި މަޑުކޮއްލީއެވެ.

"ރޭގަ އަހަރެންގެ މަތިން ހަނދާންވިތަ؟" ޝަރަފް ޖެނީއާއި ސުވާލުކޮއްލިއެވެ.

"ޝަރަފް އަހަރެންނާމެދު ހިޔާލުކުރިންތަ؟" ޖެނީ ޝަރަފް ކުރި ސުވާލު އަނބުރާލިއެވެ.

"ހެ ހެ ހެ.........ތެދެއް ބުނަންތަ، ރޭ ހަތަރުދަމު ތިސޫރަ ނޫނީ ނުދެކެން، ތި ކަމަނާޔާ ދޭތެރޭ ހަމަ ހިޔާލުކުރީ..........ދެން ބުނެބަލަ، އަހަރެންނާމެދު ވިސްނިންތަ؟" ޝަރަފް އެނދުގައި އެއްއަތްޖައްސާލަމުން ޖެނީ އާއި ދިމާލަށް ކުޑަކޮށް ގުދުވެލައި އަހާލިއެވެ.

"ހޫމް...." ޖެނީ ލަދުވެތިކަން ފޮރުވަމުން ބުނެލިއެވެ.

"އެހެންވީރު ދެމީހުންވެސް މިތިބީ އެއްހާލެއްގަ ދޯ، އަހަންނަށް ޖެނީ ވަރަށް ކަމުދޭ...........މިފަދަ ފުރުޞަތެއް ލިބޭނެ ކަމަކަށް ހީވެސް ނުކުރަން، އޯލް ތޭންކްސް ޓު މަންކޮ.........ޝީ އިޒް އޯލްވޭސް ލަކީ ފޯމީ.........އަހަރެންގެ ހިތްކިޔާވަރުގެ އަންހެން ކުއްޖަކާ ދުވަހަކުވެސް ދިމާވާނެ ކަމަކަށް ހިއެއްނުކުރަން، އެކަމަކު މިހާރު މިއޮތީ އެވަގުތު ޖެހިފަތާ ދޯ..........ޖެނީއަށް އަހަރެން ކަމުދޭތަ؟" ޝަރަފް ޖެނީގެ ހިތުގައި އޭނަ އާއި ދޭތެރޭ ވާއެއްޗެއް އޮޅުންފިލުވަން ބޭނުންވިއެވެ.

"އަހަންނަށްވެސް މީގެ ކުރިން މިކަހަލަ އީޙްސާސްއެއް ނުކުރެވޭ މީހަކާއި ދޭތެރޭ، ބައެއް ފަހަރު ހިތަށް އަރާ ލޯބި ވުމަކީ އަހަންނަށް އޮތް ހައްގެއްބާއޭ.........." ޖެނީގެ އިސްޖަހާލެވިފައިވާ މޫނުމަތިން ފާޅުވަމުންދާ ހިތާމަވެރިކުލަވަރެއް ޝަރަފްއަކަށް ނުފެނެއެވެ.

"ކީއްވެ ތިހެންތިބުނީ.........ކޮންމެ މީހަކަށްވެސް ލޯބިވުމުގެ ހައްގު އޮންނާނެއެއްނު، އަނެއްކާ ޖެނީގެ ހިތްވަނީ އެހެން ފަރާތަކަށް ދެވިފަތަ" ކަންބޮޑުވުމާއިއެކު ޝަރަފް އަހާލިއެވެ.

"ނޫން، ނޫން، އަހަރެންގެ ދިރިއުޅުމުގައި އެހާ ޙާއްޞަ މީހަކު އަދި ނެތް....." ޖެނީ ޝަރަފްއަށް ޖަވާބު ދިނެވެ.

"ޖެނީ، އަހަރެން ޖެނީ އާއި ގުޅެން ބޭނުންވަނީ ވަރަށް މާތް މަޤްސަދެއްގައި.........އެމަޤުސަދާއި ހަމައަށް ވާޞިލްވުމުގެ ހެޔޮނިޔަތާއިއެކު އަހަރެން ޖެނީ އާއި ގުޅެން ބޭނުންވަނީ.........ކޮންމެހެން މިހާރު މިވަގުތު ޖެނީ އަހަންނަށް ޖަވާބެއް ނުދިނަސް އެންމެ ރަނގަޅު، ޖެނީ ވިސްނާ ފިކުރު ހިންގުމަށްފަހު އަހަންނަށް ޖަވާބެއް ދެނިކޮށް އެނިމުނީ.........." ޝަރަފް ސީރިއަސްކަމާއިއެކު ވާހަކަދެއްކިއެވެ.

"އަހަރެންނަށް ޝަރަފް ހިތްހަމަޖެހޭ ފަދަ ޖަވާބެއް ނުދެވިއްޖެޔާ ދެން ކިހިނެތްވާނީ؟" ޖެނީ ބުނެލިއެވެ.

ޝަރަފް އާއި ޖެނީގެ މެދުގައި އެކިއެކި ވާހަކަތައް ދެކެވެމުންދިޔައެވެ. ދެމީހުންވެސް އެކަކުއަނެކަކު ބޭނުންވެއެވެ. އެހެންނަމަވެސް ވަކިގޮތެއް ނިންމުމުގައި ހަމައެކަނި ފަސްޖެހެވެނީ ޖެނީއަށެވެ. އޭނަގެ މުސްތަޤުބަލަށް މާޒީގެ އަނދިރިކަން ވެރިވެދާނެއޭ ފަހަރެއްގަވެސް ހީކުރެވިފައިނެތެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި އެފަދަ ޙާއްޞަ މީހަކާއި ދިމާވެދާނެއޭވެސް އޭނަ ހީނުކުރެއެވެ.

ދިރިއުޅުމުގެ އެކިވާހަކަތަކުގައި ޝަރަފް އާއި ޖެނީ މަސްޢޫލުވެފައިވާއިރު ވަގުތު ދިޔަގޮތްވެސް ނޭގުނެވެ. ދެމީހުންގެ މެދުގައި އުފެދެމުން އައިގާތްކަމުގެ ތެރެއަށް ކުއްލި ސިހުމެއްގެނުވީ އެކޮޓަރިއަށްވަތް މަންހާ އާއި ވިޝާލްއެވެ.

"މުޅިން ފޫހިވެއްޖެ ދޯ" މަންހާ ކޮޓަރިތެރެއަށް ވަންނަމުން ޖެނީއަށް ބުނެލިއެވެ. އޭނަގެ ފަހަތުން ވިޝާލްވެސް ވަނެވެ.

"ނޫނޭ، މަންކޮގެ ތިއްތޭއަކީ ހަމަ ގުޑް ކޮމްޕެނީއެއް، އަހަރެން ފޫހިވިޔަކަ ނުދޭ" ޖެނީ ހިނިތުންވެލަމުން ބުނެލިއެވެ.


(ނުނިމޭ)