ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކާމިޔާބު ސިއްރަކީ ޑިޖިޓަލްކޮށް ހިދުމަތް ދިނުން: ޝަރީފް

Mar 27, 2019

ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ބޭންކިން ހިދުމަތްފޯރުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި ފުޅާ ގޮތެއްގައި ދެމުންދާ ކާޑުގެ ހިދުމަތްތައް ކަމަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ކެންޔާގެ ނެއިރޯބީގައި މިހާރު ކުރިއަށްދާ "ޑިޖިޓަލް ރައިޒް 2019" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ ބޭންކުތަކާއި، ޑިޖިޓަލް ބޭންކިން ސޮލިއުޝަން ދޭ ކުންފުނިތަކާއި، ޕޭމަންޓް ސިސްޓަމްގެ ހިދުމަތްދޭ ކުންފުނިތަކުގެ އިސްވެރިން ހިމެނޭ މި ކޮންފަރެންސްގައި 80 އަށް ވުރެ ގިނަ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވެ އެވެ.

މުޅި ރާއްޖޭ ޝާމިލްވާ ގޮތަށް 188 ރަށާއި 129 ރިސޯޓަށް ބީއެމްލް އިން ހިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހުރި ނަމަވެސް ބޭންކުގެ އެންމެ މުހިންމު އެއް އަމާޒަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކަމާއެކު ބޭނުން ވަގުތަކު ހިދުމަތް ހޯދޭނެ ފުރުސަތުތައް ހޯދައިދިނުން ކަމުގައި ޝަރީފް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒަމާނީ ބޭންކިން ޓެކްނޮލޮޖީ ބޭނުން ކުރުމާއި ފުޅާދާއިރައެއްގައި ދެމުންދާ ކާޑުގެ ހިދުމަތުން ކަމަށް އޭނާ ވިދާާޅުވި އެވެ.

ބޭންކުން އަންނަނީ ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ދޫކުރަމުންނެވެ. ޝަރީފް ވިދާޅުވި ގޮތުގައި ކާޑުގެ ހިދުމަތާއެކު ފައިސާ ދެއްކުމުގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. މީގެ އިތުރުން ބީއެމްއެލް އިން ވަނީ ރާއްޖޭގެ ފުރަތަމަ ޕާސްޕޯޓު ކާޑާއި މަސްވެރިންނަށް ހާއްސަކޮށްގެން 'މަސްވެރިޔާ ކާޑު' ވެސް ތައާރަފްކޮށްފައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކާޑު ދޫކުރުމާއި ޕީއޯއެސްގެ ހިދުމަތްދިނުމާއި، ސެލްފްސާވިސް ބޭންކިން، އިންޓަނެޓް އަދި މޮބައިލް ބޭންކިން ހިދުމަތްތައް ތައާރަފްކުރުމާއި، ޕޭމަންޓް ގޭޓްވޭ އާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ޑިޖިޓަލް ވޮލެޓްގެ ހިދުުމަތާއެކު ބީއެމްއެލް އިން މިވަނީ ރާއްޖޭގައި ބޭންކިން ހިދުމަތް ހޯދާ ގޮތްތަކަށް އިންގިލާބީ ބަދަލެއް ގެނެސްފައި. ކަސްޓަމަރުން އިހުތިޔާރުކުރާ ކޮންމެ ވަސީލަތެއް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭނެ މަގު މިވަނީ ފަހިކޮށްދެވިފައި. ގުދުރަތީ ގޮތުން ރާއްޖެ އެކުލެވިފައިވާ ގޮތުން ކޮންމެ ރަށެއްގައި ބްރާންޗެއް ގާއިމުކުރުމަކީ މާލީ ގޮތުން ހަރަދު ކުޑަ ގޮތަކަށްނުވެ އަދި ފަސޭހަކަމެއްވެސް ނޫން. ބޭންކްގެ ބްރާންޗް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ޕީއޯއެސް އާއި ކާޑު ބޭނުންކޮށްގެން ތައާރަފްކުރެވުނު 'ކޭޝް އެޖެންޓް' ހިދުމަތާއެކު މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބޭންކިން ހިދުމަތް ހޯދެނޭ ފުރުސަތު މިވަނީ ތަނަވަސްވެފައި،" ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބޭންކުގެ ބްރާންޗެއް މިހާރު ގާއިމްކުރެވިފައިވާ އިރު، ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި ފައިސާ ނެގޭނެ ހިދުމަތް ހަމަޖައްސާފައިވާ އެވެ. މިދިޔަ އަހަރު ބޭންކުގެ ކަސްޓަމަރުން ވަނީ 39 މިލިއަން ޓްރާންސެކްޝަން ހަދާފައި ކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މި ޓްރާންސެކްޝަންތަކުގެ 98 ޕަސެންޓް އަކީ ބޭންކުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހަދާފައިވާ ޓްރާންސެކްޝަންތަކެއް ކަމަށެވެ. ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ މަގުފަހިކޮށްފައިވާ ވުމާ އެކު، ބޭންކުގެ 77 ޕަސެންޓް ކަސްޓަމަރުން އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހިދުމަތް ބޭނުންކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މުޙަައްމަދު ޝަރީފް އަކީ ބޭންކިން ދާއިރާގެ 23 އަހަރުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ އިތުރުން އޭނާ އަކީ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ވައިސް ޗެއާޕާސަންވެސް މެއެވެ. މިއީ މި މަގާމު ދިވެއްސަކު އަދާކުރައްވާ ފުރަތަމަ ފަހަރުވެސްމެ އެވެ.

މި ކޮންފަރެންސްގެ ހަވާސާގައި ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ސްޓްރެޓެޖީ އާ ބެހޭ ގޮތުން ޑިޖިޓަލް ބޭންކިން ސޮލިއުޝަން ދޭ ކުންފުނިތަކާއި، ޕޭމަންޓް ސިސްޓަމްގެ ހިދުމަތްދޭ ކުންފުނިތަކާއެކު ބީއެމްއެލްގެ ފަރާތުން ބައްދަލުވުންތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. މި ކޮންފަރެންސްގައި ޑެޕިއުޓީ ސީއީއޯ ޝަރީފްގެ އިތުރުން ބީއެމްއެލްގެ ހެޑް އޮފް ބޭންކިން ސޮލިއުޝަން އަފްރާހު އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.