ދުނިޔެ

އިތުރު މީހެއްގެ އަތުން ހަތިޔާރު ފެނި މިސްކިތް ހަމަލާއާ ގުޅުންއޮތްތޯ ބަލަނީ

Mar 27, 2019

ކްރައިސްޓްޗާޗު (މާޗް 27) - ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި ފުލުހުންނާއި ހިނގި ކުރިމަތުލުންތަކުގައި މަރުވި މީހެއްގެ ގެއިން ގިނަ އަދަދެއްގެ ހަތިޔާރު ފެނުމުން، އެ ގައުމުގައި ދިން މިސްކިތް ހަމަލާއާ އެއްވެސް ގުޅުމެއް އޮތްތޯ ބަލަން ހާއްސަ ތަހުގީގެއް ފަށައިފި އެވެ.

ޝައްކު ކުރެވޭ އަމަލުތަކެއްހުރި ކަމެއް ބުނެ ފުލުހުންނަށް ހުށަހެޅުނު ރިޕޯޓަކާއި ގުޅިގެން، 54 އަހަރުގެ އެމީހާގެ ގެ ބަލައި ފާސް ކުރިއިރު، އެ ގެއިން ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މައިކް ބުޝް ވަނީ ވިދާޅުވެފަ އެވެ.

އެ މީހާ ދުއްވި ކާރު ހުއްޓުވައިގެން ބެލިއިރު، އެމީހާއަށް ވަޅިއަކުން ޒަހަމްތަކެއް ލިބިފައިވާޗކަމަށާއި، އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ މަރުވެފައިވާޗކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ނަމަވެސް، އެމީހާއަށް އެ ޒަހަމްތައް ލިބުނު ގޮތެއް ފުލުހުން ބުނެފައެއްނުވެ އެވެ.

"މަރުވި މީހާގެ ފަރާތުން މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބެލުމަށް ހާއްސަ ތަހުގީގެއް ވަނީ ފަށާފައި،" މައިކް ބުށް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އެމީހާ ދުއްވި ކާރުތެރެއިން ވަޅިއެއްގެ އިތުރުން އެއްވެސް ހަތިޔާރެއް ފެނިފައިވާނުވި ނަމަވެސް، މިސްކިތް ހަމަލާއާ އެއްވެސް ގުޅުމެއްވޭތޯ ބަލާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"މަރުވި މީހާއާ މާޗް 15 ގައި ދެ މިސްކިތަށް ދިން ހަމަލާއާ ގުޅުމެއްވާކަމުގެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ލިބިފައެއް ނުވޭ، ނަމަވެސް އެކަމުގެ ތަހުގީގުގައި އެކަން އިތުރަށް ބަލާނެ،" ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ދެ މިސްކިތަށް ދިން ރަހުމްކުޑަ ހަމަލާއާ ގުޅިގެން، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ޕޯސްޓްމޯޓަމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތައް މިދިޔަ ބުދަ ދުވަހުން ފެށިގެން އާއިލާއާ ހަވާލުކުރެވިފައިވާއިރު، މިދިޔަ ހުކުރު ނަމާދަށްފަހު އެ ހުރިހާ މީހުންގެ ޖަނާޒާތައް ވަނީ ބާއްވައިފަ އެވެ.