ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޮޑު ހައުސިން މަޝްރޫއެއް މިއަދު އިއުލާން ކުރަނީ، މަހު ކުލި 6،000 ރުފިޔާ

Mar 27, 2019
16

މި ސަރުކާރުން ހިންގަން ރާވާފައިވާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން 4،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ހެނދުނު ޕްރޮގްރާމް "ފަށާއިރު"ގައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު 6،000 ރުފިޔާއަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ބޯހިޔާވަހިކަމަށް ސަލާން ޖެހުމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ އެވެ.

"އަޅުގަނޑުމެން ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ އެޕާޓްމަންޓްތަކުގެ ކުލި އުޅޭނީ 5000ރ. އާއި 6،000ރ. އާ ދެމެދު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އުނދަގޫވި ކަންތަކެއްގެ ގޮތުގައި ދިމާވެފައިވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންނަށް ވަޒީފާ ދިނުމާއި ވަޒީފާ ނުދިނުން ކަމަށެވެ. ވިދާޅުވީ، ޕާޓީތަކުން ނަން ފޮނުވާ ބޭފުޅުންނަށް ވަޒީފާ ނުދީފިނަމަ ބައެއް ލީޑަރުން ޕޯޑިއަމްތަކުގައި ވެސް އެ ވާހަކަ ދައްކަވާ ކަމަށާއި ވަޒީފާއަށް މީހަކު ހަމަޖެއްސުމުން ރައްޔިތުން ކިބައިން ވެސް އެމަނިކުފާނަށް އެކަމުގެ ފާޑުކިޔުން އަމާޒުވާ ކަމަށެވެ.

"ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ބޭފުޅުންނަށް ވަޒީފާ ދިނުމަށް އެދޭ. ވަޒީފާ ނުދެވޭ ކޮންމެ ފަހަރަކު ހިތްހަމަ
ނުޖެހުން އާދޭ. މީހަކު މަގާމަށް އައްޔަން ކުރުމުން ފާޑުކިޔުން އަމާޒުވާ. މިއީ ހައްލު ކުރުމަށް އަޅުގަނޑަށް ދިމާވި އެންމެ ދަތިކަމަކީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމަށް މިވީ 90 ދުވަހުގެ ތެރޭގައި ކުރެއްވުނު އެންމެ ހިތްހަމަ ޖެހޭ ކަމަކީ، ވިހެއުމުން ދޭ ޗުއްޓީ ނޫނީ މެޓާނިޓީ ލީވް އަންހެން މުވައްޒަފުންނަށް ހަ މަސް ދުވަހަށް އަދި ފިރިހެނުންނަށް 30 ދުވަސް ކަމުގައި ހަމަޖައްސަވައި ދެއްވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނަށް ކޮށްދެއްވުނު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ކިޔަވަންދާ ދަރިވަރުންނަށް ދޭ ލުއިލޯނުގެ އިންޓަރެސްޓް ކުޑަކުރެއްވުމެވެ. މި ކަންތައްތަކަކީ އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.