ހަބަރު

90 ދުވަހުގެ ވައުދުތަކުން 83 ޕަސެންޓް ހާސިލްވެއްޖެ: ރައީސް

Mar 27, 2019
14

ސަރުކާރުގެ މަސައްކަތުގެ 90 ދުވަސް ހަމަވާއިރު، ސަރުކާރުގެ ވައުދުތަކުގެ ތެރެއިން 83 ޕަސެންޓް ހާސިލް ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއިން ކޮންމެ ދުވަހަކު ހެނދުނު ގެނެސްދޭ، ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވައުދުތަކުގެ 83 ޕަސެންޓް ހާސިލް ކުރެއްވުމަކީ ކުރިއެރުމެއް ކަމަށެވެ. ހާސިލް ނުވެ ހުރި ގިނަ ވައުދުތަކަކީ ޖުޑިޝަރީ އިސްލާހުކުރުން ފަދަ ދަތި ކަންތައްތައް ހުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ޖުޑިޝަރީ އިސްލާހު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރެވޭނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން އެވެ. އެކަމަކު ސިޔާސީ ނުފޫޒުތަކާ ހެދި އެއީ ކުރަން ވަރަށް ދަތިކަމެއް ކަމަށް އެމަނިކުފާނި ފާހަގަ ކުރެއްވި އެވެ. އެކަމަކު ހިތްވަރު ދެރަނުކޮށް އެ މަސައްކަތް ވެސް ކާމިޔާބުކޮށް ރައްޔިތުން އިތުބާރު ހިފޭނޭ ޖުޑީޝަރީއެއް ރާއްޖޭގައި ގާއިމް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ސިޔާސީ މީހުންގެ ނުފޫޒު ހުއްޓުވައިގެން. ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ކުރެވޭނެ ކަމެއް. އެކަން ވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހާސިލް ކުރާނަން. އެއީ އަޅުގަނޑު ކުރާނެ މަސައްކަތެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރޫއީ ދާއިރާއަށް މީގެ ކުރިން އެންމެ ބޮޑު ނުފޫޒުތައް ވަދެފައި ހުރީ އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރެއްގެ ފަރާތުން އެވެ. އެހެން ނަމަވެސް، މި ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ނުފޯރުއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ނުކުރާނެ ކަމެއް [ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން] އެއީ. އެކަމެއް އަޅުގަނޑުމެން ނުކުރާނެ. ސިޔާސީ އެހެން ބޭފުޅުން ވެސް އެއީ ކުރައްވައިގެން ވާނެ ކަމެއް ނޫން. އެހެން ނޫނީ ޝަރުއީ ދާއިރާ އިސްލާހެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.