މަޖިލިސް އިންތިހާބު 2019

ކޮމަންވެލްތުން މަޖިލިސް އިންތިހާބު އޮބްޒާވް ކުރަނީ

އަންނަށް އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތުން ނިމްމާފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފި އެވެ.

އިންތިހާބު އޮބްޒާވްކުރުމުގެ ކޮމަންވެލްތް ޓީމް ރާއްޖެ ވަޑައިގަންނަވާނީ މިމަހު 30 ވަނަ ދުވަހު އެވެ. މިވަފްދުގައި އެނެމެ އިސްކޮށް އުޅުއްވަނީ ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑެން އެވެ. ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ރާއްޖޭގެ މަޖިލިސް އިންތިހާބު އޮބްޒާވްކުރަން ނިންމި ސަބަބެއް ކަމަަށް ވިދާޅުވީ، އިންތިހާބުގައި ކަންތައް ހިނގާ ގޮތުން ރާއްޖެއިން ކޮމަންވެލްތުގެ އުސޫލުތަށް ހިފައްޓާ މިންވަރު އެގިގެންދާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ދަށުން ރާއްޖެ ވަނީ މިހާރު އަލުން ކޮމަންވެލްތްގެ މެންބަރުކަން ހޯދަން ހުށަހަޅައިފަ އެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވި ބައެއް އިންތިހާބުތަށްވެސް ކޮމަންވެލްތުން ވަނީ އޮބްޒާވްކޮށްފަ އެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަދި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ކޮމަންވެލްތުން ވަނީ އޮބްޒާވްކޮށްފަ އެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.

ރާއްޖެ ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި އޮތްއިރު ރާއްޖެ ގިނަގުނަ ފައިދާ ކުރި އެވެ. އަދި މުހިންމު މަޝްވަރާތަކުގައި ރާއްޖެއިން ވެސް ބައިވެރިވަމުން ދިޔަ އެވެ.