ރައްޔިތުންގެ ތެރެއިން ވަޒީފާނެތި، އާންމުދަނީ ލިބޭނެ ވަސީލަތެއް ނެތް ފަރާތަކަށް، އާންމުދަނީ އެއް ލިބެންދެން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރާ ހަތަރު ކެންޑިޑޭޓެއްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. އަދި އެމައްސަލަ ހައްލުނުވެ ގިނަ ދުވަސްވުމުން މާލޭ ރައްޔިތުން ޖެހެނީ ލިބޭ އާންމުދަނީ އޫޅޭ ތަނުގެ ކުއްޔަށް ދައްކާ ހުސްކޮށްލަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ނަމުގައި ހަރަދުތަކެއް ކުރި ކަމަށެވެ. އެހަރަދުތަށް ކޮށްގެން ހަދައިފައިވާ ފްލެޓް ތަކަކީ އިންސާނުން ދިރި އުޅެން އެކަށީގެންވާ ގޮތަކަށް ހަދައިފައިވާ ތަނެއް ނޫން ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުމުން މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ފްލެޓްތައް ހަދާފައި ވަނީ 500 އަކަފޫޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ކަމަށެވެ. އެއިން ފްލެޓެއްގެ ކޮޓަރި އެއްގައި ހުންނަނީ އަށް ފޫޓާއި ނުވަ ފޫޓު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކުލީގެ ގޮތުގައި 8000ރ ނެގުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިރޭ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި 950 އަކަފޫޓުގައި ތިން ކޮޓަރީގެ އެޕާޓްމެންޓް އަޅައި ކުލީގެ ގޮތުގައި ނަގާނީ 6000ރ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓްތައް މާލެއާއި އަތޮޅުތަކުގެ ފަރާތްތަކަށް ދޫކުރަނީ ތިން ބަޔަކަށް ބަހައިގެން ކަމަށް ވިދާޅުވި އެވެ.
އެ ތިން ބަޔަކީ އާމްދަނީ އެއް ލިބޭނެ އެއްވެސް ގޮތެއް ނެތިފަ ތިބި ފަރާތްތަކަށް، އެފަރާތްތަކަށް އާންމުދަނީ ލިބެއް ދެން ހިލޭ ފްލެޓް ދޫކުރުން،" ލިބޭ އާންމުދަނީ އިން ކުލި ނުދެއްކޭ ފަރާތްތަކަށް ސަރުކާރުން އެހީވެދީގެން ފްލެޓް ދޫކުރުން" އަދި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފްލެޓް ގަނެވޭނެ ގޮތް ހަދައިދޭން އެފަރާތްތަކަށް ލުއި ލޯނު ދޫކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.