ހަބަރު

ހަޔާ އެޑިއުކޭޝަންގެ ހުރިހާ ވައުދުތައް ފުރިހަމަ ކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހު ނިންމުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުގެ ފަސް ވައުދު ފުރިހަމަ ކޮށްފި އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ މިނިސްޓްރީ އާ ގުޅުންހުރި ހުރިހާ ވައުދުތަކެއް މިހާރުވަނީ ފުއްދިފައި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ހަޔާ އެޑިއުކޭޝަން އަށް ވަނީ ފަސް ވައުދެއް ފުރިހަމަ ކުރުމަށް ދެވިފަ އެވެ. އެގޮތުން، ޖީސީއީ އޭލެވަލް އިން އެއްވަނަ ހޯދާ ދަރިވަރުން އިހުތިޔާރުކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދޭން ފެށުމާއި ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއި ހައިއެޗީވާސް ސްކޮލަރޝިޕް ސްކީމު މުރާޖައާކުރުން ހިމެނެ އެވެ.

އަދި، އެންމެ ފަހު ދެ ވައުދުގެ ގޮތުގައި ފުރިހަމަ ކުރި، ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ގައުމީ ފެންވަރުގެ ޓްރެއިނިން ނީިޑް އެނަލަސިސް ރިޕޯޓު ހެދުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހިންގުން ހަރުދަނާކުރުމުގެ ވައުދު ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި، ގައުމީ ފެންވަރުގެ ޓްރެއިނިން ނީިޑް އެނަލަސިސްގެ މަގްސަދަކީ ގައުމަށް ބޭނުންވާ މަތީ ތައުލީމާއި ތަަމްރީނު ޕްރޮގްރާމް ތަކަކީ ކޮބައިކަން ދެނެގަތުން ކަމަށެވެ. އަދި، މި އެނަލަސިސް ތައްޔާރު ކުރުމަށްޓަކައި މުޅި ރާއްޖެއިން އެކި ދާއިރާ ތަކާއި އެކި ލެވެލްތަކުގައި މަސައްކަތް ކުރާ 150 އަށް ވުރެ ގިނަ ފަރާތަކާ މަޝްވަރާ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެ އަށް ބޭނުންވާ މަތީ ތައުލީމުގެ ޕްރޮގްރާމް ތަކަކީ ކޮބައި ކަމާއި، މީހުން ބިނާ ކުރުމަށް ބޭނުންވަނީ ކޮން ދާއިރާ ތަކެއް ކަމާއި މީގެ ތެރެއިން އެންމެ މުހިއްމު ދާއިރާތަކަކީ ކޮބައިކަން ވަނީ މި އެނަލަސިސް އިން ދެނެގަނެފައި. މީގެ ކުރިން ޓްރެއިނިންގް ނީޑް އެނަލަސިސް އެއް ހެދިފައިވަނީ ވަރަށް ކުރިން. އަދި އޭރު ހެދިފައި އޮތް ލިސްޓުގެ މައްޗަށް މި ހުރިހާ ދުވަހަކު މަސައްކަތް ކުރަމުން މި ދަނީ"

މިނިސްޓަރު އިތުރަށް ވިދާޅުވި، ގިނަ ދުވަސްތަކަކަށްފަހު ރާއްޖެ އަށް އައި ބަދަލުތަކަށްފަހު މި ކަހަލަ ރިޕޯޓެއް ހެދުމުގެ ސަބަބުން އެންމެ ބޮޑަށް ފާހަގަވީ މީހުން ބިނާ ކުރަން ބޭނުންވާ ދާއިރާތަކުގައި އާ ދާއިރާތައް ހުރި ކަމަށެވެ. އެގޮތުން، ޓުއަރިޒަމްގެ ދާއިރާއިން، ގެސްޓު ހައުސް މެނޭޖުމަންޓް، ރިއަލް އެސްޓޭޓް، އިސްލާމިކް ބޭންކިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އާ ދާއިރާތައް ހުރި ކަމަށެވެ.

ޓްރެއިނިން ނީިޑް އެނަލަސިސްގެ އިތުރުން، އެމްކިއުއޭ ބާރުވެރި ކުރުވުމާ ބެހޭ ވައުދުވެސް ވަނީ މިހާރު ފުރިހަމަ ކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، އެމްކިޔުއޭ ބާރުވެރި ކުރުވުމާ ބެހޭ މާއްދާ އެއް ހިމެނޭ ބިލެއް ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައި ކަމަށެވެ.
"މި ވައުދު ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ކޮށްފި. ތައުލީމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި އަދި އެ ބިލް މިހާރުވަނީ ކޮމިޓީ ސްޓޭޖުގައި. އެ ބިލްގައި އޮވޭ އެމްކިޔުއޭ ބާރުވެރި ކުރުވުމާ ބެހޭ މާއްދާ އެއް"

ހަޔާ އެޑިއުކޭޝަންއިން ފުރިހަމަ ކުރި ކަމަށް މިއަދު އިއުލާން ކުރި ދެ ވަައުދާއެކު އެ މިނިސްޓްރީގެ ހުރިހާ ވައުދެއް ވަނީ ފުރިހަމަ ކޮށްފަ އެެވެ.