ހަބަރު

ތިނަދޫއިން ނަޝީދަށް މަރުހަބާ ދެންނެވީ މުގުނީ

Mar 27, 2019
3

ގދ. ތިނަދޫއަށް މިއަދު ހަވީރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ތިނަދޫ އުތުރު ދާއިރާއަށް ވާދަ ކުރައްވާ އަބްދުލް މުގުނީ އެވެ. މުގުނީއަކީ އެމްޑީޕީއިން ތާއިދު އަނބުރާ ގެންދިޔަ ހަމައެކަނި ކެންޑިޑޭޓެވެ.

މުގުނީގެ ކުރީގެ އަނބިމީހާ ސޯޝަލް މީޑިއާގައި ކުރި ގެވެށި އަނިޔާގެ ތުހުމަތުތަކެއްގެ ބަހުސް ހޫނުވުމުން އެމްޑީޕީއިން މުގުނީއަށް ކުރި ތާއިދު އަނބުރާ ގެންދިޔައީ އެވެ. އަދި އެ ޕާޓީގެ އިސް ބޭފުޅުން މުގުނީގެ ކެމްޕެއިން އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާނެ ކަމަށް ނިންމި އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވެސް ޓްވީޓް ކުރައްވައި ވިދާޅުވީ އެފަދަ ތުހުމަތުތަކެއްވާ ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މާފަށް އެދުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީގެ އެ ނިންމުމާ ދެކޮޅަށް މުގުނީގެ ސަޕޯޓަރުން ތިނަދޫގައި އަޑު ވެސް އުފުލި އެވެ.

އޭގެ ފަހުން ފުލުހުން ވަނީ މުގުނީއާ ގުޅޭ އެފަދަ އެއްވެސް މައްސަލައެއް އެއްވެސް އިރެއްގައި ފުލުހަށް ހުށަހެޅިފައިނުވާ ކަމަށް ބުނެފަ އެވެ. އެއާއެކު ވެސް އެމްޑީޕީއިން ބުނީ އެ މައްސަލާގައި ދެން ޕާޓީއިން ދެން އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ތިނަދޫއަށް ރައީސް ނަޝީދު މިއަދު ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދެންނެވި އެވެ. މުގުނީގެ އިތުރުން ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަބްދުﷲ ސަނީފް ވެސް ރައީސް ނަޝީދަށް މަރުހަބާ ދެންނެވި އެވެ. މިރޭ އެ ރަށުގައި ކެމްޕެއިން ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.