ހަބަރު

އެމްޑީޕީގެ ތާއީދު މުގުނީއަށް އަލުން ދީފި

ތިނަދޫ އުތުރު ދާއިރާއަށް ވާދަ ކުރައްވާ އަބްދުލް މުގުނީއަށް އެމްޑީޕީގެ ތާއިދު އަލުން ދީފި އެވެ. ތާއިދު އަނބުރާ ދެއްވާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ގދ. އަދި ގއ.ގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނާއެކު މިރޭ ތިނަދޫގައި ވަނީ ޖަލްސާއެއް ފަށާފަ އެވެ. އެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެ ދާއިރާތަކުގެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް "އެޖެންޑާ 19"ގެ ސޭޝްއެއް ހަވާލުކުރައްވާފަ އެވެ.

އެ ބޭފުޅުންގެ ތެރޭގައި މުގުނީ ވެސް ހިމެނެ އެވެ. މިއަދު ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގެންނެވުމާއެކު އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ވެސް މުގުނީ އެވެ.

ގުނީގެ ކުރީގެ އަނބިމީހާ ސޯޝަލް މީޑިއާގައި ކުރި ގެވެށި އަނިޔާގެ ތުހުމަތުތަކެއްގެ ބަހުސް ހޫނުވުމުން އެމްޑީޕީއިން މުގުނީއަށް ކުރި ތާއިދު އަނބުރާ ގެންދިޔަ އެވެ. އަދި އެ ޕާޓީގެ އިސް ބޭފުޅުން މުގުނީގެ ކެމްޕެއިން އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާނެ ކަމަށް ނިންމި އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވެސް ޓްވީޓް ކުރައްވައި ވިދާޅުވީ އެފަދަ ތުހުމަތުތަކެއްވާ ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މާފަށް އެދުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީގެ އެ ނިންމުމާ ދެކޮޅަށް މުގުނީގެ ސަޕޯޓަރުން ތިނަދޫގައި އަޑު ވެސް އުފުލި އެވެ.

އޭގެ ފަހުން ފުލުހުން ވަނީ މުގުނީއާ ގުޅޭ އެފަދަ އެއްވެސް މައްސަލައެއް އެއްވެސް އިރެއްގައި ފުލުހަށް ހުށަހެޅިފައިނުވާ ކަމަށް ބުނެފަ އެވެ. އެއާއެކު ވެސް އެމްޑީޕީއިން ބުނީ އެ މައްސަލާގައި ދެން ޕާޓީއިން ދެން އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ.