ހަބަރު

މުހުތަބާގެ ސުވާލެއް: މިިނިވަނަކަށް ފުރުސަތެއް ނެތީތަ؟

މާފަންނު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އިސްމާއިލް މުހުތަބާ މުހިންމު ސުވާލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް އަމާޒު ކުރައްވައިފި އެވެ.

ޓީވީއެމްއިން ގެނެސްދޭ މަޖިލިސް ބަހުސްގައި ފަހު ބަސް ވިދާޅުވާން ފުރުސަތު ލިބުމުން މުހުތަބާ އެއްސެވީ އެ ސުވާލެވެ. "މިިނިވަނަކަށް ހަމަ އެއްވެސް ފުރުސަތެއް ނެތީ ހެއްޔެވެ؟" އޭނާގެ ސުވާލަކީ މިއީ އެވެ.

"ކެބިނެޓްގަ ސިޔާސީ މީހުން، ސަރުކާރު ކުންފުނިތަކުގެ ސިޔާސީ މީހުން، ހުރިހާ ތަނެއްގަ ސިޔާސީ މީހުން، ކުޅިވަރު ޖަމިއްޔާތަކުގަ ސިޔާސީ މީހުން، ކޮން ކަމެއްތޯ އަޅުގަނޑުމެންނަށް އޮތީ، ކޮބައިތޯ ކިޔަވައިގެން އައިސް ކުރެވޭނެ ކަމަކީ، އެހެންވެ މިއަދު އަޅުގަނޑަށް މިތަނަށް އައިސް ހުއްޓި މިހުރީ،" މުހުތަބާ ވިދާޅުވި އެވެ.

ބަހުސްގައި ތަފާތު ދައްކަވަމުން މުހުތަބާ ވަނީ ދާއިރާގެ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު މިވަގުތު ބޭނުންވާ ދާއިރާގެ ރައްޔިތުން ކިބައިން މާފަށް އެދެން ވެސް، އަޅުގަނޑު ކައިރިއަށް އެބަ އާދޭ އެތައް ގިނަ ރައްޔިތުންނެއް ކަންކަން ބޭނުން ވެގެން، އަޅުގަނޑު ބޭނުން ވަނީ އެ ބޭފުޅުން ކިބައިން މާފަށް އެދެން، އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ނޫން އެއީ، އަޅުގަނޑު ނުދެކެން މެންބަރު ކަމަކަށް ފުރާ މީހާއަށް 200 ޑޮލަރު ދޭން ޖެހޭނީ، އަޅުގަނޑު މިއަދު އެކަން ކޮށްދީފަނަމަ އެ ވާނީ ވަގުތީ ކަމަށް، ވަގުތީ ފައިދާއަކަށް،" މުހުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ސިޔާސަތަކީ ރައްޔިތުންނަށް ވަގުތީ މަންފާއެއް ހޯދައިދިނުން ނޫން ކަމަށާއި ނަމަވެސް މެންބަރުން ގާތަށް ކަންކަމު ކިޔަން ރައްޔިތުން އަންނަން ނުޖެހޭ މިންވަރަށް ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށް ދިނުން ކަމަށެވެ.

"ވަރަށް ބޮޑު ތަސައްވަރެއް އޮބަ އޮތް ދާއިރާއަށް ވެސް އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް ވެސް، އެންމެ ބޮޑަށް ވަކާލާތު ކުރާ ކަމަކީ މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ފަރަގު ކުޑަކުރުން،" މުހުތަބާ ވިދާޅުވި އެވެ.

އެގޮތުގެ މަތިން ފުދޭ މީހުންނާއި ނިކަމެތިން ނޫނީ އެހާ ބޮޑު އާމްދަނީއެއް ނުލިބޭ މީހުންގެ އަތުން ނަގައި ޓެކްސް އާއި ޑިއުޓީގައި ފަރަގުތަކެއް ގެންގުޅުމަށް ވަކާލާތު ކުރައްވާނެ ކަމަށް މުހުތަބާ ވިދާޅުވި އެވެ.

މުހުތަބާ ވިދާޅުވީ ޒުވާނުންނަށް ފުޓްބޯޅަ ކުޅޭނެ ތަންތަން ހޯދައިދީ، ފްލެޓްގެ ވާހަކަ ދައްކަން ޖެހެނީ ހަމައެކަނި ވޯޓެއް އައީމަ ނޫން ކަމަށެވެ. އެ ވާހަކައަކީ އަބަދުވެސް ދައްކައި އެއަށް ދާއިމީ ހައްލުތަކެއް ހޯދައިދޭން ޖެހޭނެ ކަންކަން ކަމަށެވެ.

"މިދިޔަ އިންތިހާބުގައި އަޅުގަނޑު ވެސް ގޭ ތެރޭގަ، މިކަމެއް ނުވެއޭ އެކަމެއް ނުވެއޭ ކިޔަން، އެހެން ކިޔަކިޔަ ތިބެވިދާނެ، ތައުލީމީ ގާބިލް މީހުން ނުކުމެގެން މިކަންކަން ވަނީ،" މުހުތަބާ ވިދާޅުވި އެވެ.

މުހުތަބާ ވަނީ ރާއްޖޭގެ ނިޒާމް ބަދަލު ކުރަން އުޅުމަކީ އޭނާގެ ތާއިދު އޮތް ކަމެއް ނޫންކަން ހާމަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ނިޒާމުގެ މައްސަލައެއް ނުފެންނަ ކަމަށާއި އެހެންނަމަވެސް ރައްޔިތުން އެކަމަށް ބޭނުންވާ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. ހަމަ އެހެން ލާމަރުކަޒީ ނިޒާމަށް ވެސް އޭނާ ތާއިދު ކުރެއްވި އެވެ. ވިދާޅުވީ އެ ގާނޫނު ވެސް ފުރިހަމަ ކަމަށާއި ބޭނުން ވަނީ ނިޒާމް ހިންގާނެ ގާބިލް ތައުލީމީ ބައެއް ކަމަށެވެ. މުހުތަބާގެ ކެންޑިޑޭޓް ނަންބަރަކީ ދެއެކެވެ.