ވާހަކަ

އީޝަލް

(24 މާރިޗު 2019 އާ ގުޅޭ)

"އާން!... މިވަގުތު އޭނާއަކީ ކާކުކަން އެނގުން މުހިންމެއްނޫން، އޭނާ އައިސް އެހުރީ އަހަރެންގެ އަނބިމީހާ ރައްކާތެރިކުރަން، ޒިޔަޒެލް އޭނާއަށް އިތުބާރުކުރޭ" ދުރުގައި ހުރި ލާމިއާއަށް ބަލަން ހުރެ ރައުލް ބުންޏެވެ.

ބާންދީންނާއެކު ޔާފިއާއާއި ރާވިން އައިސް ރައުލްމެންނާ ބައްދަލުކުރިއެވެ. އޭރު ބޭނުންވާނޭ ހުރިހާ ސާމާނެއްހެން އެ މީހުން އައީ ހިފައިގެންނެވެ. ބޭރީތުގެ ޚާއްޞަ ފިރިހެން ޚާދިމުންތަކެއް އައިސް އެތަނުގެ ބިތްތަކުގައި ނިވާކޮށްފައި ހުރި ފްރޭމްތައް ނަގައި އެ ގެންދިއުމަށް ބަރިބަރިއަށް ޖެހިއެވެ. އަދި ފައްވާރުގައި ހުރި ބުދުގެ ބޮލުން ފެށިގެން ފަޔާ ހަމައަށް އުރައެއް މަހައި އެ ނުފެންނަ ގޮތް ހެދިއެވެ.

"ކީއްވެ ތި ނިވާ ކުރަނީ؟" ފައްވާރުގެ ކައިރިއަށް އައި އީޝަލް ސުވާލުކުރިއެވެ. އޭނާގެ ގާތުގައި ހުރި ރައުލް ވެސް ފައްވާރަށް އެރިއުޅުނު ދެ ޚާދިމުންނަށް ބޮލުން އިޝާރާތްކޮށްލީ އީޝަލްއަށް ޖަވާބެއް ދޭށޭ ބުނާފަދައިންނެވެ.

"ރަސްގެފާނުގެ އަމުރުފުޅު" ދެ ޚާދިމުންކުރެ އެކަކު ރައުލްއަށް ޖަވާބުދިނެވެ.

އިތުރަށް އީޝަލް ސުވާލެއް ނުކުރިއެވެ. އެމީހުން ތިބި ތަނާމެދު އެއްޗެއް ބުނަން އެނގޭނޭ އެކަކު ވެސް ނެތްކަން އެނގޭތީއެވެ. ލާމިއާ ވެސް ސުވާލުތައް ކުރުން ހުއްޓާލީ އެހެންވެކަން އީޝަލް ދެނެހުއްޓެވެ. ރައުލް ވެސް އަޖައިބުވީ އެފަދަ ތަނެއް ގަނޑުވަރުގައި ހުރިކަމުގެ ހިލަން ވެސް ވެފައި ނެތީމައެވެ. މެހެމާނުން އަންނަ ފަހަރަކު ނޫނީ ބޭރީތު ގަނޑުވަރުގެ އުތުރުބަޔަށް އަންނަކަމެއް ޚުދު އޭނާ ވެސް ނުދެނަހުއްޓެވެ.

* * * * *

"ކީއްކުރަން ތިއައީ؟" ކަސްދިޔާގެ ކޮޓަރިތެރެއިން އޭނާގެ އަޑުއިވިގެންދިޔައެވެ. އޭރު ހަތޯރަށް އެ ކޮޓަރިއަށް އަދި ނުވަދެވެއެވެ. ހަލުވި ފިޔަވަޅު މަޑުޖައްސާލަމުން އައިސް ކަސްދިޔާގެ ކޮޓަރީގެ ދޮރުކައިރީ އޭނާ މަޑުކޮށްލިއެވެ.

"މަންމަގެ ހާލު އަހާލަން" ހަތޯރު އިތުރަށް ވާހަކަދައްކަން ބޭނުންވިޔަސް މިވަގުތު އޭނާގެ ހުރިހާ ވާހަކައެއް އަޑުއެހުން ކަސްދިޔާއަށް ކުޅަދާނަކަމަކަށްނުވާނޭ ހިތަށް އެރީއެވެ. އެހެންވެ ދައްކަން ބޭނުންވި އެންމެ މުހިންމު ވާހަކަ އިހަށް ފަސްކޮށްލީ ގަސްދުގައެވެ.

"ކީއްކުރަން އަހަރެންގެ ހާލު ބަލަނީ؟... އަހަރެން ބުނާ އެއްޗެއް ހަތޯރު ޤަބޫލުކުރަންތަ؟ މިފަހަރު ވެސް ނޭނގެ ކޮންތާކު އުޅެފައިކަމެއް ތި އައީ... ކިތައްފަހަރު ބުނާނީ އެ ރައުލްއާއެކު ނޫޅޭށޭ، އޭނާއާއެކު އުޅެގެން ރަނގަޅުގޮތެއް ނުވާނޭ... އަހަރެންނާމެދު ތިހާ ކަންތައްބޮޑުވާނަމަ އަހަރެން ބުނާގޮތް އެއްފަހަރު ވެސް ހެދީސްކަން ޔަގީން" ކަސްދިޔާ ނުރުހިފައި ހުރިވަރު އޭނާގެ އަޑުން އެކަނި ވެސް ހަތޯރަށް އިޙްސާސް ކުރެވުނެވެ.

"ރައުލްގެ ނުބައިކަން ފެންނަންޏާ ފެންނަހާ ދުވަހު އޭނާއާއެކު އުޅެވިއްޖެ، އަޅުގަނޑު މިއައީ ތި މައުޟޫޢުއަށް ވާހަކަދައްކާކަށްނޫން، މި އައީ މަންމަގެ ހާލު އެނގެންބޭނުންވެގެން، އެކަމަކު ވަންނާށޭ ވެސް މިފަހަރު މަންމަ ނުބުނި... އަޅުގަނޑަށް ބޭނުންނުވާކަން އެނގޭތީވެ، މިވަގުތަށް އެނބުރި މިދަނީ... މަންމަގެ ޠަބީޢަތް ރަނގަޅުވެލީމާ އަނެއްކާ ވެސް އަންނާނަން ބައްދަލުކޮށްލަން" ހަތޯރު ބުންޏެވެ. ކަސްދިޔާގެ ޖަވާބެއް ލިބޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހަތޯރު އެނބުރި ހިނގައްޖެއެވެ.

"އޭނާ މިގަނޑުވަރަށް އައި ދުވަހުން ފެށިގެން އޭނާގެ ސުންޕާކަން އަހަންނަށް ޖެހިއްޖެ، ކީއްވެތަ ވީހޭ ދަރިއާއެކު މަރުނުވީ؟ އޭނާގެ ސުންޕާކަން އަދި މާބޮޑު.... އަހަރެންނާއި އަހަރެންގެ ދަރީންނަށް އޭނާއާ ހެދި އުޅޭން ދަތިވެއްޖެ... ބޭރީތު ވެސް ހީވަނީ އޭނާ ނޫނީ ދަރިއަކު ނެތިގެން އުޅޭހެން" ހަތޯރު ނުކުމެގެން ދިޔަކަން އެނގި ކަސްދިޔާގެ ޠަބީޢަތް އިތުރަށް ގޯސްވިއެވެ. ކޮޓަރީގައި އެކަނިވުމުން އޭނާގެ ހަނދާނަށް މާޒީގެ އެ ދުވަސްތައް ތިލަވެ ސިފަވަމުންދިޔަ ވަރަކަށް ނަފްސުގެ ހަމަޖެހެން ގެއްލެމުންދިޔައެވެ.

* * * * *

ޅަކުއްޖަކު އުނގަށް ލައިގެން ނާނާ ކިޔަމުންދިޔަ މަދުރާގެ ކަނާއަތުން އެނދުގައި އޮތް ހަތަރު އަހަރުގެ ފިރިހެންކުއްޖާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެތަނަށް އޭނާގެ ދަރިފުޅު އައިކަމުގެ ހިލަން ވީ ވެސް އުނގުގައި އޮތް ތުއްތުކުއްޖާ ނަގައިގެން އެނދުގައި ބާއްވަން އެނބުރިލި ވަގުތު އެ ކޮޓަރިއަށް ވަދެވެން ހުރި ދޮރުކަނީގައި ލެނގިލައިގެން ދާރިއުސް ހުއްޓާ ފެނުނީތީއެވެ. ލުއި ހިނިތުންވުމެއް ދަރިފުޅާ ބަދަލުކޮށްލަމުން އިޝާރާތްކޮއްލީ ވަގުތު ކޮޅެއް ދިނުމަށެވެ. އޭރު އެ ކޮޓަރީގައި ތިން ބާންދީން އުޅެއެވެ. އެ މީހުން ވެސް ކުދީންގެ ކަންކަން ބަލަހައްޓަމުންދިޔައެވެ. މަދުރާގެ އަތުގައި އޮތް ކުއްޖާ އެނދުގައި ބާއްވާލައި އެތަނުގައި އުޅުނު ބާންދީއެއްގެ ކަންފަތް ދޮށުގައި ސިއްރުން ވާހަކައެއް ބުނެލިއެވެ. އަދި އެ ކޮޓަރިން ނުކުންނަން އޭނާ އައެވެ. ދާރިއުސްގެ ގާތަށް އާދެވުމުން ދަރިފުޅާއި ކަރާކަރުޖައްސާ މަދުރާ ސަލާމްކުރުމާއެކު ހާލުއަހުވާލު އެއްސެވެ.

"މަންމަ އަޑުއެހިން ރައުލް އަނެއްކާ ވެސް މެހެމާނަކު ގަނޑުވަރަށް ގެންނަ ވާހަކަ" ދާރިއުސްއާއެކު ވާހަކަދައްކާލުމަށް އެއްފަރާތްވަމުން މަދުރާ އެއްސެވެ. ދާރިއުސް އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި މަންމަގެ އަތުގައި ހިފައިގެން މަރިޔާދުގެއެއް ފަދައިން ހަދާފައި ހުރި ބަޔަކަށް ދާރިއުސް އައެވެ. އެތަނުގައި ހުރި ހިލައިގެ ގޮނޑިތަކުން ގޮނޑިއެއްގައި މަދުރާ ބައިންދާ އޭނާގެ ކަނާއަތް ފަރާތުގައި ދާރިއުސް ވެސް އިށީނެވެ. އަދި ދާރިއުސްގެ ވައަތްތިލައިގެ ތެރޭ އޭނާގެ މަންމަގެ ކަނާއަތްތިލަ ހިފަހައްޓައިލައިގެން އިނެވެ.

"ދަރިފުޅު ވާހަކައެއް ދައްކަން ބޭނުންވެފަހެން ހީވޭ" ދާރިއުސްގެ ހަރަކާތްތަކަށް ސަމާލުވެއިން މަދުރާ ބުންޏެވެ. ދެން ވެސް ދާރިއުސް ބޯޖަހާލީއެވެ.

"ކިހިނެއްވީ؟" މަދުރާ ސުވާލުކުރިއެވެ.

"މަންމަ އަޅުގަނޑާއެކު މިތަނުން ހިނގައިދާނަންތަ؟" ދާރިއުސްއަށް މަދުރާއާ ނަޒަރު ހަމަކޮށްލާކަށް ނުކެރުނެވެ. އެހެންވެ މަދުރާގެ މޫނުން ފާޅުވީ ހައިރާންކަން އޭނާއަކަށް ނުފެނެއެވެ.

"ދަރިފުޅު ކަމަކާ ހިތްހަމަނުޖެހިގެންތަ ތިއުޅެނީ، މަންމަ ހީކޮށްގެން މިހުންނަނީ ރައުލްއާއެކު ދަރިފުޅު އުޅޭތީ ހުރިހާކަމެއް ވެސް ރަނގަޅުކަމަށް" މަދުރާއަށް ދާރިއުސްގެ ވާހަކައިގެ މުރާދު ނޭނގޭތީ އަމިއްލަ ވިސްނުމުގެ މައްޗަށް ބުރަވެ ވާހަކަދެއްކިއެވެ.

"މަންމަގެ މީހުންމަތިން ހަނދާނެއްނުވޭތަ؟ މަންމަގެ ވެސް ޢާއިލާއާއި ތިމާގެ މީހުން ތިބޭނެއެއްނު، އެ މީހުންނާ ބައްދަލުކުރަން ދާހިތެއް ނުވޭތަ؟" ދާރިއުސްގެ އަޑުގައި އެހެންޏާ މަދުރާއަށް ފާހަގަނުވާ މަޑުމައިތިރިކަމެއްވިއެވެ.

"ތިފަދަ ޚިޔާލެއް ކުއްލިއަކަށް ދާރިއުސްގެ ސިކުނޑިއަށް ވަންނަން ޖެހުނީ ކަމެއް ދިމާވީތަ؟" މަދުރާ އިނީ ކަންބޮޑުވެފައެވެ.

"ފުރަތަމަ އަޅުގަނޑުގެ ސުވާލަށް ޖަވާބުދީބަލަ މަންމާ" ދާރިއުސް އިސްއުފުލައި މަދުރާއަށް ބަލާލިއެވެ. ދަރިފުޅަށް ބަލަން އިނދެ އޭނާގެ ކޯތާފަތުގައި މަދުރާ ފިރުމާލިއެވެ. އަދި ދާރިއުސްގެ ކޮނޑުގައި މަދުރާ ބޯއަޅާލިއެވެ.

"މަންމަ ބޭނުންވެގެން މިތަނުގައި މި ހުންނަނީ، މަންމަގެ އަމިއްލަ އެދުން ބޮޑުކަމާމެދު މަޢާފުކުރޭ" ދާރިއުސްގެ މުލައްދަނޑީގައި އެއްއަތުން ފިރުމަމުން މަދުރާ ވާހަކަދެއްކިއެވެ.

"މަންމަ ނެތަސް އެއްވެސް ކަމެއް އުނިވީހެން ބައްޕައަކަށް ހީނުވާނެ، މަންމަ ތި ފުރަމުންދާ އާޔާގެ މަޤާމު ފުރާނޭ ބާންދީ މިތަނުގައި މަދެއްނޫން، މިތަނުގައި އެކަކު ވެސް މަންމައަކަށް ބޭނުމެއްނުވޭ" ދާރިއުސް ދެފަރާތަށް ބޯހޫރުވާލިއެވެ.

"ހުރިހާ ގުޅުމަކީ ސާފުކޮށް ބުނެދެވޭނޭ ގުޅުންތަކެއްނޫން، ދަރިފުޅުދެކެ ބޭރީތު ލޯބިވޭ... ކޮންމެގޮތެއްވިޔަސް އެއީ ދާރިއުސްގެ ބައްޕަ، އޭނާ އަހަރެމެން ދެމައިން ދެކެ ލޯބިވޭ، އަހަރެމެން ދެމައިންނަށް ނިކަމެތިކަމެއް ލިބުނައެއްނުދޭ، މަންމަ އަބަދުވެސް ދާރިއުސް ގާތު ބުނަމުން އައީ ގަނޑުވަރުތެރެއިން އިވޭ އަޑުތަކަށް ބީރުކަންފަތެއް ދިނުމަށް، މަންމައާމެދު ދަރިފުޅު ކަންބޮޑުނުވެބަލަ، މަންމަ ހިތާމަކުރަނިކޮށް ދާރިއުސް ދުށީންތަ؟... ނުދެކެމެންނު، މަންމަ ދެރަވާވަރުކަމެއް ދަރިފުޅުގެ ބައްޕަ ނުކެރޭ، މަންމައާއި ބައްޕައާ ދެމެދު އޮތް ކަންތައްތަކާމެދު ދާރިއުސް ނުވިސްނަބަލަ، މަންމަ ބޭނުމެއްނޫން ދަރިފުޅުގެ ބައްޕައާ ދުރަށްދާކަށް" މަދުރާ ބުންޏެވެ.

"އަހަރެން މަންމަ ގާތު ނުހުރެ ރައުލްއާއެކު މިތަނާ ދުރުގައި ހުންނަން ނިންމައިފިން، ތީ އަހަރެންގެ މަންމަ، ހިތަށް އެރީ މަންމަ ރުހޭނަމަ އަހަރެންނާއެކު ގެންދަން، އަދި މަންމަގެ އަހުލުވެރީން ހޯދައި އެ މީހުންގެ ގާތަށް މަންމަ ގެންގޮސްދޭން" ދާރިއުސް ބުންޏެވެ.

"ރައުލްއާއެކު މިތަނާ ދުރުގައޭ... އަދި ނޭނގުނު ތިބުނި އެއްޗެއް، ދަރިފުޅު އެހެންޏާ ވެސް ރައުލްއާއެކު ކަންކަމުގައި ގޮސް އެތައް ދުވަހެއް މިތަނާ ދުރުގައި އުޅެމެންނު" ދާރިއުސްގެ ކޮނޑުން ބޯނަގައި އޭނާއާ ދިމާއަށް މަދުރާ ކުޑަކޮށް އެނބުރިލިއެވެ.
"ރައުލް ކައިވެނިކުރަން އުޅޭ ޖިންނިއަކީ އަޅުގަނޑުމެންގެ ތެރެއިންވާ ޖިންނިއެއްނޫން، އެއީ ބިމުގައި ވަޒަންވެރިވެ އުޑުގައި ދަތުރުކުރާ ބައެއް، ރައުލް އޭނާގެ އަނބިމީހާއެކު އެ މީހުންގެ ތެރޭގައި ދިރިއުޅޭން ބޭނުންވަނީ، އެ މީހުންނަކީ މުއިމިނު ޖިންނީން، އެމީހުންގެ ތެރޭގައި ރައުލް ދިރިއުޅޭއިރު އަޅުގަނޑު ރައުލްއާއެކު ހުންނަން ގަސްދުކުރީ... ބައްޕަ މިއިން އެއްވެސް ކަމަކާ ރުހުން ނުދޭނެކަން އެނގޭ، މީ ފަހަރެއްގައި އަބަދަށް ވަކިވާ ވަކިވުމަކަށް ވެދާނެ، އެހެންވެ މަންމަ ގާތު ހުރިހާ ވާހަކައެއް ބުނަން ބޭނުންވީ، މިކޮޅުގައި އީޝަލް އެހާ ގިނަ ދުވަހު މަޑެއްނުކުރާނެ، އޭނާ އެނބުރި ދާއިރު ރައުލް ވެސް އެމީހުންނާއެކު ދާނެ" ދާރިއުސް ހުރިހާކަމެއް އޭނާގެ މަންމައަށް އޮޅުންފިލުވައިދެވޭތޯ ބެލިއެވެ.

"އީ..ޝަ..ލް..." މަދުރާ ބުނެލެވުނެވެ.

"އެއީ ރައުލް ކައިވެނިކުރަން އުޅޭ ކުއްޖާ، މަންމާ... އީޝަލްއަކީ އަޅުގަނޑުގެ ރަޚުމަތްތެރިއެއް... އެ މީހުންނަކީ ގޯސްބައެއްނޫން، ރައުލް އަޅުގަނޑު ރައްކާތެރިކުރާނޭ ފަދައިން އެ މީހުންގެ ފަރާތުން ވެސް ރައްކާތެރިކަން ނޫނީ ނުވޭ، މަންމަ ރުހޭނަމަ އީޝަލްއާ މަންމަ ބައްދަލުކޮށްދޭހިތްވޭ" ދާރިއުސްގެ މޫނުން ފާޅުވި ހިނިތުންވުމަށް މަދުރާގެ ސަމާލުކަން ހުއްޓުނެވެ.

"ބޭރީތަށް އެނގޭތަ؟" މަދުރާއަށް އަހާލެވުނެވެ.

"ރައުލް ހުރިހާކަމެއް ބައްޕައަށް އޮޅުންފިލުވައިދޭނެ، އޭނާ ބުނި މި ނިންމުމުގެ ސަބަބުން އެތައްކަމެއް ބަދަލުވާނޭ، ބައްޕަ ނުރުހިއްޖެނަމަ ރައުލްއާ ބައިވެރިވި އެންމެން ބައްޕަގެ ހިމާޔަތުގެ ދަށުން ބޭރުކޮށްލާނޭކަން، އަދި ދަރީންނާއި ބައްޕައާ ދެމެދު ގޮތް ކެނޑި ދުޝްމަނުންނަށްވާނޭކަން" ދާރިއުސްގެ ވާހަކައަށް މަދުރާ މަޑުމަޑުން ބޯޖަހާލިއެވެ.

"މަންމާ" މަޑުމަޑުން މަދުރާ ތެދުވެގެން ދާން އުޅުމުން އޭނާގެ ކޮނޑުމައްޗަށް އެއްލައިފައި އޮތް ދިގު ފޮތިގަނޑުގެ ބައެއްގައި ދާރިއުސް ހިފިއެވެ. މަދުރާ އެނބުރި އޭނާއަށްވުރެ އިސްކޮޅުން ދިގު ދަރިފުޅުގެ އުޅަންބޮށްޓާއި ހަމައިގައި މަޑުމަޑުން ޖަހާލަމުން ހިނިތުންވެލިއެވެ. އަދި ފަހުން މަންމަ ވާހަކަދައްކާލަން ގޮވާލާނޭކަން ބުންޏެވެ. ދާރިއުސް މާޔޫސްވިޔަސް މަދުރާ ދިއުމަށް ދޫކޮށްލިއެވެ.

* * * * *

މެންދުރު ކެއުމުގެ ކަންކަން ކުރިއަށް ދިޔައިރު ޒިޔަޒެލްމެންނަށް ކެއުން ތައްޔާރުކުރަންޖެހޭނޭ ގޮތް ބޭރީތު އޮތީ އަންގާފައެވެ. އެކަމުގައި ރައުލްގެ ޚިޔާލެއް އޭނާ ނުހޯދައި އެހާ ފުރިހަމައަށް ކަންތައްތައް ތައްޔާރުކުރި ގޮތަކާމެދު ޚުދު ރައުލް ވެސް ހުރީ އަޖައިބުވެފައެވެ. އޭނާގެ ހަޔާތުގައި ވެސް ޒިޔަޒެލްމެން ނަސްލުގެ ޖިންނިއަކު އެ ގަނޑުވަރަށް ބޭރީތުގެ މެހެމާނުންގެ ގޮތުގައި އައިސްފައެއް ނުވެއެވެ. އަދި އެފަދަ ބަޔަކާއި ބޭރީތާއި ގުޅުމެއް އޮތްކަމެއް ވެސް ނޭނގެއެވެ. ވިޔަފާރީގެ މުޢާމަލާތެއްގައި ވެސް އެ ނަސްލުގެ ޖިންނީންނާ ބޭރީތު ގުޅުމެއް ނުބާއްވާކަން ރައުލްއަށް ވަރަށް ބޮޑަށް ޔަގީންވެއެވެ.

ލާމިއާއާ ބޭރީތު ވާހަކަދައްކަމުންދާތީ އެކަން މެދުކަނޑާލާފައި ތެދުވަންނުކެރިފައި އޭނާ އިނެވެ. ޔާފިއާގެ ލާނެތް އިޝާރާތަކާއެކު އީޝަލް އެތަނުން ތެދުވީ ރައުލްމެންނާއެކުއެވެ. ނަމަވެސް ރައުލްއަށް ބޭރީތު ގޮވާލުމުން އޭނާއަށް ޖެހުނީ މަޑުކުރާށެވެ. އީޝަލްގެ އަތުގައި ހިފާލައިގެން ސައިކޮޓަރީގެ ކުރިމަތީ ހުސްކޮށް އޮތް ބަޔަށް ޔާފިއާ ނުކުތެވެ. ތިރިކޮށް ހުރި ހިރިގަލުގެ ރެއިލިންގައި ޔާފިއާ އަތްއަޅުވާލައިގެން ހުރިއިރު އޭނާއާ ޖެހިގެން އީޝަލް ހުއްޓެވެ. ދެ އަންހެންކުދީން ވާހަކައިގައި ތިބެފައި ކުއްލިއަކަށް އީޝަލް ދުރަށް ޖެހި ޔާފިއާގެ އަތަށް ދަމާލިއެވެ.

"ވަރަށް ހުސިޔާރު... އެކަމަކު ތި ރީތިކަން ފަނޑުކޮށެއްނުލެވޭނެ" ލުއި ހީނލުމަކާއެކު ރެއިލިންގެ ކައިރިން ފާޅުވި ޒަގަން ވާހަކަދެއްކިއެވެ. ޔާފިއާ ދެ ލޯ އަޅާލުމާއެކު އަވަހަށް އީޝަލްގެ ގައިގާ ހިފަހައްޓާލީ އޭނާ ރައްކާތެރިކުރާ ފަދައަކުންނެވެ. އީޝަލްގެ މޫނުގައިވީ ހައިރާންކަން ބުނެދެނީ އެއިން އެއްވެސް ކަމެއްގެ މަޤްޞަދު އޭނާއަށް ނޭނގޭކަމެވެ.

"ރައުލްއަށް ސަމިއާނާ ކަމުނުދިޔައީ ކީއްވެކަން މިހާރު އެނގިއްޖެ، އަހަންނަށް ވެސް..." ޒަގަން ބުނަން އުޅުނު އެއްޗެއް ހުއްޓާލީ އީޝަލްގެ ދެފަރާތުގައި އައިސް ހުއްޓިލި ސޭމެސްއާއި ހަތޯރު ފެނިފައެވެ.

"މީ ރައުލްގެ އަނބިމީހާ" ހަތޯރު ބުނެލީ އޭނާގެ ބޭބެއަށް ވިސްނައިދޭ ފަދައިންނެވެ. ޒަގަން ދެން ވެސް އީޝަލްއަށް ބަލަން ހުރެ ހީނލީއެވެ.

"އީ..ޝަ..ލް.." މަސްތުންފުރިގެންވީ ބެލުމަކުން ބަލަން ހުރެ ޒަގަންގެ ދެތުންފަތުން އީޝަލްގެ ނަންކިޔާލިއެވެ. ހަމައެއާއެކު އޭނާ އަނެއްކާ ވެސް ހީނގަނެއްޖެއެވެ. އީޝަލްއަށް އެ ބެލުމާއި އޭނާ ގޮވާލި ގޮތް ކަމަކު ނުދިޔައެވެ. އޭނާ ފަހަތަށް ޖެހިލިގޮތުން އެތަނުގައި ތިބި އެންމެންނަށް އެކަން ސާފުވިއެވެ.

"ޒަގަން..." ސޭމެސް ގޮވާލީ އިންޒާރުދޭ ފަދައިންނެވެ. އެއާއެކު ޒަގަން ޣައިބުވީއެވެ.

"އޭނާ ބައެއްފަހަރު ސަމާސާކުރުމުގައި ހައްދުފަހަނައަޅާނެ" ހިތްހެޔޮ ހިނިތުންވުމަކާއެކު ހަތޯރު ބުނެލީ އީޝަލްގެ ހިތްހަމަޖައްސާލުމަށެވެ.

"ޔާފިއާ... އޭނާގެ މީހުންނާއި ރައުލްއާ ނުލައި އޭނާ ގޮވައިގެން ގަނޑުވަރުގެ ތެރެއަށް ނުނިކުންނާތި، ދޭ އެތެރެއަށް" ސޭމެސް ބުންޏެވެ. އެ އަޑު އެތަނަށް އައި ރާވިންއަށް އިވި ޔާފިއާއަށް ލޮލުން އިޝާރާތްކޮށްލީ ވީގޮތެއް އޮޅުންފިލުވުމަށެވެ.

"ޒަގަން ގަނޑު އައީ" ޔާފިއާ ރުންކުރުކަމާއެކު ބުންޏެވެ.

"ސަމިއާނާއަކީ ކާކު؟" އީޝަލް ވިސްނަން ހުރެފައި އެއްސެވެ. އެއާއެކު ރާވިންއާއި ޔާފިއާ އެކަކު އަނެކަކަށް ބަލާލިއެވެ.

"އެއީ... އެއީ މުހިންމު މީހެއްނޫން... ހިނގާބަލަ ރައުލް އަދިވެސް ނުނިމޭތޯ ބަލަން" ޔާފިއާ ވާހަކަ ހަމަޖައްސާލަން އުޅުނު ގޮތުން އީޝަލްގެ ހިތުގައި ސުވާލުތައްވީ ގިނައެވެ. އޭނާ ރާވިންއަށް ބަލާލައި ނިތް އަރުވާލިއެވެ. އެއާއެކު އޭނާ ހިނިތުންވެލިއެވެ.
"އެއީ ބޭރީތު ދަޢުވަތު ދީގެން އައި މެހެމާނެއް، ޔާފިއާ ބުނިހެން މުހިންމު މީހެއްނޫން، އީޝަލް އައި ފަހަރު ވާނެ އަހަރެން އުޅެބޮޑުވި ތަން ބަލާލަން ދާން" ރާވިން ވާހަކައިގެ މިސްރާބު އަނބުރާލިއެވެ.

* * * * *

މެންދުރު ފަސްވީ ފަހުން އެއްގޮތަކަށް ވެސް ކަސްދިޔާ ނުފެންނާތީ އޭނާގެ ކޮޓަރިއަށް ބޭރީތު އައެވެ. އޭރު ދާނުގެ ވަށައިގެންވީ ފޮތިގަނޑު އޮތީ ވައްޓާލައި ނިވާކޮށްފައެވެ. އެއްފަރާތުގައި ހުރި ތިރި މޭޒުމަތީ ކާއެއްޗެހި ގެނައި ދޮލަނގު ހުރި ގޮތަށް ހުއްޓެވެ. އެއިން ކާއެއްޗެއްގައި އޭނާ އަތްލައިފައި ނުވާ ފަދައެވެ.

"ކަސްދިޔާ..." ބޭރީތު ގޮވާލިއެވެ. ޖަވާބެއް ނައުމުން ދެތިން ފަހަރަށް ގޮވާލިއެވެ. އަދި އެނދުގެ އެއްފަރާތުން ފޮތިގަނޑު ހިއްލާލުމާއެކު ކަސްދިޔާ އެނބުރުނީ ބޭރީތަށް ފުރަގަސްދެމުން އަނެއްފަރާތަށެވެ.

"ތި އޮންނަނީ އަނގައިން ނުބުނަންތަ؟... އެހެންވިއްޔާ ތި ރުޅި މަޑުވީމާ އަހަރެން ހޯދަން އާދޭ" ބޭރީތު ބުންޏެވެ.
"އަހަންނަށްވުރެ އެހެން އެންމެން ވެސް މުހިންމު" ބޭރީތު ނުކުންނަން ހިނގައިގަތުމުން ކަސްދިޔާ ބުންޏެވެ.

"މިހާރު ކޮން ކޫސަނި ޝަކުވާއެއްކުރަން ތިޔައުޅެނީ" ބޭރީތު ފޫހިކަމާއެކު ބުންޏެވެ. އަދި ދެމީހުން ދެމެދު ޒުވާބެއް ހިނގާފާނޭތީ އަވަހަށް އެތަނުން ބޭރީތު ނުކުތީއެވެ.

ކުދީންގެ ކަންތައްތައް ހަމައަކަށް އަޅުވާފައި މަދުރާ ކޮޓަރިއަށް އައީ ފެންވަރާލުމަށެވެ. ނަމަވެސް ދޮރުން އެތެރެއަށް ވަދެގެން އައިސް އެނދު ހުރި ބަޔަށް ވަދެވުމާއެކު ލިބުނީ ހައިރާންކަމެކެވެ. އޭނާ ނިދާ އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތީ ބޭރީތެވެ. ނިތުގައި އަތްބާއްވާލައިގެން ލޯމަރާލައިގެން އޮވެ މޭގައި ފިރުމާލަ ފިރުމާލައި އެ އޮތީ ފިކުރެއްގައިކަން މަދުރާ ދެނެގަތެވެ. އެހެންވެ އުނދަގޫނުކުރަން ނިކަން ސިއްރުން އެތަނުގައި ހުރި ވަޅުކޮޓަރިއަށް ވަންނަން މަދުރާ ދިޔައެވެ. އެހެންވިޔަސް މަދުރާއަށް ހުއްޓެން މަޖުބޫރުވީ ބޭރީތު ގޮވާލި އަޑު އިވިފައެވެ.

"މަދުރާ... ކަލޭ ވެސް އަހަރެންދެކެ ފޫހިވީތަ؟" ބޭރީތު ލޯ ހުޅުވާލަމުން އަހާލިއެވެ. އެއާއެކު ނިކަން ހަލުވިކޮށް މަދުރާ އައިސް އެނދުގެ މަގަތުން އިށީނދެއްޖެއެވެ.

"ލޯބިވުމަށްފަހު ފޫހިވެވޭތަ؟" ބޭރީތުގެ މޭގައިވީ އަތުގައި ފިރުމާލަމުން މަދުރާ ހިނިތުންވެލިއެވެ.

"ލޯތްބަކީ އޭގައި ނަފުރަތެއްވާއެއްޗެއް، އެދުންވެރިކަމެއްވާ އެއްޗެއް... މަދުރާ... އަހަރެން މާޒީގެ ތެރެއަށް ގޮސް ނުގެއްލެނީސް އެ ހުރިހާކަމުން ސަލާމަތްކުރޭ... މިވަގުތު އަހަރެން ކަލެއަށް ބޭނުންވޭ، ތީ އަހަރެންގެ މިބައްޔަށް އޮތް ފަރުވާ" މަދުރާގެ މޫނުގައި ފިރުމާލަމުން ބޭރީތު ބުންޏެވެ. އަދި މަޑުމަޑުން އޭނާއާ ގާތަށް މަދުރާގެ އަތުގައި ހިފާ ދަމާލިއެވެ.

(ނުނިމޭ)