ސައި ލެގޫން މޯލްޑިވްސް

އެނބޫދޫ ފަޅު، ސައި ލެގޫންގެ ރިސޯޓް މެނޭޖަރަކަށް އިނާޒް

Mar 28, 2019
5

މި އަހަރު އެނބޫދޫ ފަޅުގައި ހުޅުވާ، ސައި ލެގޫން މޯލްޑިވްސްގެ ރިސޯޓް މެނޭޖަރަކަށް އިބްރާހިމް އިނާޒު ހަމަޖައްސައިފި އެވެ.

ތައިލޭންޑުގެ ދެވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށްވާ ސިންހަ އެސްޓޭޓް ކުންފުނިން ތަރައްގީ ކޮށްފައިވާ، ސިއުރޯ ކަލެކްޝަން ބައި ހިލްޓަން ބްރޭންޑުގައި ހިންގާ މި ރިސޯޓުން ހިންގާ ރާއްޖޭގެ ފުރަތަމަ ރިސޯޓް މެނޭޖަރަކަށް ހަމަޖެއްސި އިނާޒް ކުރިން ހުންނެވީ ހުވަފެންފުށީގެ ޑިރެކްޓަރު އޮޕަރޭޝަންސްގެ މަގާމުގަ އެވެ.

ބިޒްނަސް މެނޭޖުމަންޓާއި އެކައުންޓިން އިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި އިނާޒް ވަނީ މީގެ ކުރިން ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި ހިދުމަތް ކުރައްވާފަ އެވެ. މީގެ ތެރޭގައި ބޭރުގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ވަން އެންޑް އޮންލީ އާއި ފޯސީޒަން ފަދަ ބްރޭންޑްތަކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ ޔުނިވާސަލްގައި ވެސް ހިމެނެ އެވެ.

އެނބޫދޫ ފަޅުގައި ހުޅުވާ، ސައި ލެގޫން ރިސޯޓުގައި ޑުލެކްސް ރޫމް އާއި ބީޗް ވިލާ އަދި އޯވަ ވޯޓާ ވިލާ ހިމެނޭ ގޮތަށް 198 ކޮޓަރި ހުރެ އެވެ.

އެނބޫދޫ ފަޅުގައި ދަނީ ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ. އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން މަޝްރޫއު ތަރައްގީކުރަނީ 3،000 ކޮޓަރި ހުންނާނެ ގޮތަށެވެ.