ވިޔަފާރި

މާފަރު އެއާޕޯޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

Mar 28, 2019

މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން މާފަރު އެއާޕޯޓަށް މުވައްޒަފުން ބޭނުން ވެގެން ކޮށްފައިވާ އިއުލާނުގައި ބުނީ މި އެއާޕޯޓުގެ އެކި މަގާމުތައް ހިމެނޭ ގޮތަށް ޖުމްލަ 30 މުވައްޒަފުން ބޭނުންވާ ކަމަށެވެ.

މާފަރު އެއާޕޯޓަށް މުވައްޒަފުން ހޯދާ މަގާމުތަކުގެ ތެރޭގައި އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރާއި އެސިސްޓެންޓް އެއާ ފީލްޑް ޓެކްނީޝަނެއްގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއި އެސިސްޓެންޓް އެކައުންޓްސް އޮފިސަރެއް އަދި އެސިސްޓެންޓް ފަޔާ ފައިޓަރެއްގެ އިތުރުން ޑްރައިވަރެއް ހިމެނެ އެވެ. އަދި ލައުންޖް ހޯސްޓް ސޭފްޓީ އޮފިސަރެއް ހިމެނެ އެވެ.

ޔުނައިޑެޑް އެރެބް އެމެރިރޭޓަސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހެދި މި އެއާޕޯޓް ހަދާފައިވަނީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ވަރަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ މި އެއާޕޯޓުގައި އޭ380 ބޯޓު ފަހަރު ޖެއްސޭ ވަރުގެ އެއާޕޯޓަކަށް ހަދަން ތައްޔާރުވާ ކަމަށް ބުނެފަ އެވެ.

މި އެއާޕޯޓުގެ މަސައްކަތް ކުރަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ. އެއާޕޯޓުގައިއެ ރަށުގައި އަޅަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ. މި އެއާޕޯޓުގައި ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ 14، އޮގަސްޓް 2018، ގަ އެވެ. އަދި އޭގެ ފަހުން، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު ހުޅުވައި ދެއްވާފަ އެވެ. ނަމަވެސް އެއާޕޯޓް އަދި އެއްކޮށް ނުނިމެ އެވެ.