ވިޔަފާރި

މާފަރު އެއާޕޯޓުން އަންނަ މަހު އިންޓަނޭޝަނަލް ދަތުރުތައް ފަށަނީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އަންނަ މަހު އެކެއްގައި ހުޅުވައި، މޯލްޑިވިއަން އިން ރާއްޖޭން ބޭރަށް ދަތުރު ފަށަން ތައްޔާރު ވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވައި، އެ ދުވަހު ރާއްޖޭން ބޭރަށް ދަތުރު ފަށާނެ އެވެ. މި އެއާޕޯޓް މެނޭޖުކޮށް ބަލަހައްޓާނީ ވެސް ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ.

މާފަރު އެއާޕޯޓް ހަދާފައި ވަނީ ޔުނައިޑެޑް އެރެބް އެމެރިރޭޓަސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ. މިއީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.

މި ސަރުކާރުން ވަނީ މި އެއާޕޯޓުގައި އޭ380 ބޯޓު ފަހަރު ޖެއްސޭ ވަރުގެ އެއާޕޯޓަކަށް ހަދަން ތައްޔާރުވާ ކަމަށް ބުނެފަ އެވެ. އެ މަސައްކަތް ދިޔަ ހިސާބެއް އަދި ނޭނގެ އެވެ.

މި އެއާޕޯޓުގެ މަސައްކަތް ކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ. މާފަރުގައި އެއާޕޯޓް އަޅާފައިވަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭއަކާއެކުގަ އެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޗެއް ވެސް އެއާޕޯޓުގައި ވަނީ އަޅާފަ އެވެ.

މި އެއާޕޯޓުގައި ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ 14، އޮގަސްޓް 2018، ގަ އެވެ. އަދި އޭގެ ފަހުން، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު ހުޅުވައި ދެއްވާފަ އެވެ.