ވިޔަފާރި

މާފަރު އެއާޕޯޓު އޭ 380 ޖެއްސޭ ވަރަށް ބޮޑު ކުރަނީ

ނ. މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރު ޖެއްސޭވަރު ތަނަކަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުވި މާފަރު އެއާޕޯޓު ބޮޑު ކުރަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފަރަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ކެމްޕޭން އެ ދަތުރުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ މާފަރު އެއާޕޯޓު ނިމެނުންދާއިރު މި އެއާޕޯޓު ތަރައްގީ ކުރާ ކުންފުންޏާއި މި ސަރުކާރުން ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމަށްފަހު އެ އެއާޕޯޓަކީ އޭ 380 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭ ވަރުގެ ތަނަކަށް ހަދަން އެ ކުންފުނިން ބޭނުންވާ ކަމަށެވެ. އެކަމަށް ސަރުކާރުން ވެސް ތައްޔާރަށް އޮތް ކަމަށެވެ.

"މިހާރު އެއާޕޯޓުގެ ދިގު މިނަކީ 2200 މީޓަރު. އެ ބޭފުޅުން ބޭނުން އެއާޕޯޓުގެ ރަންވޭ އިތުރަށް 1000 އިތުރުކޮށް، ދުނިޔޭގައި އޮތް އެންމެ ބޮޑުތި ބޯޓު ފަހަރު ޖެއްސޭ ތަނަކަށް ބަދަލު ކުރަން. އެކަން ކުރުމަށް މާފަރު ކައުންސިލާއި ރައްޔިތުން ކަންތައްތަކެއް ކޮށްދެއްވަން ޖެހޭ. މި މަަސައްކަތް ކުރާއިރު، އެއާޕޯޓާ ކައިރީގައި ބައެއް ގެތަށް ނަގަން ޖެހޭ. އެކަމަކު އެ ގެތަށް ނަގަން ނިންމަނީ ރަނގަޅު އަގު ދީފައި،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓާއެކު ދޭން ބުނި ރަށްތައް އެހެން ބަޔަކަށް ދީފައި

ރައީސް ވިދާޅުވީ މާފަރު އެއާޕޯޓަކީ އެ ސަރަހައްދުގެ ކުރިއެރުމަށް ވަރަށް ބޭނުންތެރި ތަނެއް ކަމަށާ، އެއާޕޯޓު ނިމެންވާއިރަށް، މިތަން ތަރައްގީ ކުރި ކުންފުންޏަށް ރަށް ތަކެއް ދޭންޖެހޭނެ ކަމަށް އެއްބަސްވުމުގައި އޮތް ކަމަށެވެ. ނަމަވެސް އެ ރަށްތައް އެހެން ބަޔަކަށް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އެގްރީމެންޓްގައި އެބަހުރި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް. އެގްރީމެންޓުގައިވާ ގޮތުން ފަޅު ރަށެއް ނޫނީ ރަށްތަކެއް ދޭން ޖެހޭނެ ކަމަށްވޭ. ޔޫއޭއީން ވަނީ ވަކި ރަށްތަކެއް ފާހަގަކޮށްފަ. ނަމަވެސް އެރަށްތައް ވަނީ އެހެން ފަރާތަކަށް ކުއްޔަން ދީފައި. މިއަށް ހައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. ކޮންމެ ގޮތެއް ވިއަސް މާފަރު އެއާޕޯޓުގެ ބޮޑު މަސައްކަތެއް ވަނީ އެ ފަރާތުން ކޮށްދީފައި. އެކަމަކު ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން އޮތީ ނުކޮށް. އެހެންވެ، އެ ފަރާތަކާ މަޝްވަރާ ކޮށްގެން ރަނގަޅު ހަލެއް އިރާދުކުރެއްވިއްޔާ ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މި އެގްރީމެންޓުގައި އެބަހުރި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް. އެގްރީމެންޓުގައި ވާ ގޮތުން ފަޅު ރަށެއް ނޫނީ ރަށްތަކެއް ދޭން ޖެހޭނެ ކަމަށްވޭ. ނަމަވެސް އެރަށްތައް ވަނީ އެހެން ފަރާތަކަށް ކުއްޔަން ދީފައި. މިއަށް ހައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން.
އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލް ޖުމްހޫރިއްޔާ

ޔުނައިޑެޑް އެރެބް އެމެރިރޭޓަސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހެދި މި އެއާޕޯޓް ހަދާފައިވަނީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ވަރަށެވެ. މި އެއާޕޯޓުގެ މަސައްކަތް ކުރަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ. އެއާޕޯޓުގައިއެ ރަށުގައި އަޅަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ. މި އެއާޕޯޓުގައި ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ 14، އޮގަސްޓް 2018، ގަ އެވެ. އަދި އޭގެ ފަހުން، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު ހުޅުވައި ދެއްވާފަ އެވެ. ނަމަވެސް އެއާޕޯޓް އަދި އެއްކޮށް ނުނިމެ އެވެ.