ދުނިޔެ

ޗައިނާއިން ހައްޔަރުކުރި އިންޓަޕޯލްގެ ކުރީގެ ވެރިޔާއަށް ދައުވާކުރަނީ

Mar 28, 2019

ބެއިޖިންގް (މާޗް 28) - މިދިޔަ އަހަރު ފަހުކޮޅު ޗައިނާ އިން ހައްޔަރުކުރި އިންޓަޕޯލްގެ ވެރިޔާ މެންގް ހޮންގްވެއިގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ ކުރަން ނިންމާފައިވާކަމަށް ވެރިކަން ކުރާ ޕާޓީން ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު، ފްރާންސް އިން ފުރައިގެން ޗައިނާއަށް އެތެރެވުމަށްފަހު، މެންގަށް ވީގޮތެއް ނޭނގިގެން ކަންބޮޑުވުން ފާޅުކުރަނިކޮށް، އޭނާ ހައްޔަރުކޮށްފައިވާކަމަށް ޗައިނާ ސަރުކާރުން ވަނީ ފަހުން ބުނެފަ އެވެ.

އޭގެ ފަހުން، ހުރިހާ މަގާމުތަކެއް އަތުލައި، މެންގް ވަނީ ޕާޓީން ވެސް ވަކިކޮށްފަ އެވެ.

ޗައިނާ ސަރުކާރުން ބުނީ، މެންގް ހައްޔަރުކުރީ ހިޔާނާތުގެ މައްސަލަތަކަކާއި ގުޅިގެން ކަމަށެވެ. ސަރުކާރުން ހައްޔަރުކުރުމުން، މެންގް ވަނީ އިންޓަޕޯލްގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ހުށަހަޅުއްވައިފަ އެވެ. މެންގް އަކީ ޗައިނާގެ ޕަބްލިކް ސެކިއުރިޓީގެ ވައިސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވި ބޭފުޅެކެވެ.

ޕާޓީގެ އުސޫލުތަކާއި ހިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައިވާކަމަށް މެންގަށް ވަނީ ތުހުމަތުކޮށްފަ އެވެ.