މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓަޑްގެ ދާއިމީ ކޯޗަކަށް ސޮލްޝަޔާ ހަމަޖައްސައިފި

މެންޗެސްޓާ ޔުނައިޓަޑްގެ ވަގުތީ ކޯޗުގެ ގޮތުގައި ހުރި، ނޯވޭގެ އޮލޭ ގަނާ ސޮލްޝަޔާ އާއެކު ދާއިމީ އެއްބަސްވުމެއްގައި މެންޗެސްޓާ ޔުނައިޓަޑުން ސޮއި ކޮށްފި އެވެ.

ޔުނައިޓަޑްގެ ކޯޗް ކަމަށް ސޮލްޝަޔާ ހަމަޖެއްސީ، އޭގެ ކުރިން ހުރި ކޯޗް، ޖޯޒޭ މޮރީނިއޯ މަގާމުން ވަކި ކުރުމަށް ފަހު މދިޔަ ޑިސެމްބަރު މަހު އެވެ. ސޮލްޝަޔާގެ ކޯޗު ކަމުގެ ދަށުން އޭނާ ވަނީ ޔުނައިޓަޑްގެ ނަތީޖާތައް ރަނގަޅު ކޮށްފަ އެވެ. ހަ ވަނައިގައި އޮތް ޓީމު ގަދަ ހަތަރަކާ ހަމައަށް ގެންގޮސް ދިނެވެ.

ކުރިން ޔުނައިޓަޑަށް ކުޅުނު ފޯވަޑާއެކު، ކޯޗެއްގެ ގޮތުގައި ޔުނައިޓަޑުން ސޮއި ކުރީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ. މޮރީނިއޯ ވަކި ކުރުމަށް ފަހު ސޮލްޝަޔާ އާއެކު ޔުނައިޓަޑުން އެއްބަސްވީ ސީޒަން ނިމެންދެން ވަގުތީ ކޯޗެއްގެ ގޮތަށެވެ. އޭނާ ޔުނައިޓަޑުގެ ކޯޗް ކަމާ ހަވާލުވެ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް އެޓީމު ވަނީ ގެންގޮސްދީފަ އެވެ.

ޕްރިމިއާ ލީގްގައި، ބަލި ނުވެ ޖެހިޖެހިގެން 12 މެޗު ފުރިހަމަ ކުރި އެވެ. އޭނާ ބަލިވީ މި މަހު ކުރީ ކޮޅު އާސެނަލް އަތުންނެވެ. އެފްއޭ ކަޕުގައި ވޯލްވާ ހެމްޓަން ވޮންޑާސް އަތުން ބަލިވެ ޔުނައިޓަޑް ކެޓި ނަމަވެސް، ޓީމުގެ ހަލަތު ބަދަލު ކުރުމުން ޔުނައިޓަޑުން އޭނާ އާމެދު ހިތްހަމަ ޖެހުން ވަނީ ފާޅުކޮށްފަ އެވެ.