ކުޅިވަރު

ޗައިނާއިން އަޅާ ފުޓްސަލް ދަނޑުތައް އާބާދީ ކުދި ރަށްތަކަށް

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރާ 21 ފުޓްސަލް ދަނޑު، އާބާދީ ކުދި ރަށްތަކުގައި ބިނާ ކުރަން ނިންމައި، އެރަށްތަކުގެ ނަންތައް އިއުލާން ކޮށްފި އެވެ.

ޗައިނާގެ ކުންފުންޏަކުން އަމަލީ މަސައްކަތް ކުރާ ދަނޑުތައް އިމާރާތް ކުރަން ހަމަޖެހިފައިވާ ރަށްތަކަކީ، ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ ، ށ. ނޫމަރާ، ނ. ހެނބަދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމް، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، ވ. ތިނަދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ދ. ރިނބިދޫ، ތ. ބުރުނި، ތ. ވަންދޫ އަދި ލ. މުންޑޫ، އެވެ.

ޔޫތު ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި، ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މީގެ ކުރިން ފުޓްސަލް ދަނޑުތައް އިމާރާތް ކުރެވިފައި ހުރީ އާބާދީ ބޮޑެތި ރަށްރަށުގައި އެކަނި ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ އަމާޒަކީ އަބާދީ މަދު ރަށެއް ނަމަވެސް އެ ރަށްރަށަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުތައް މިއޮތީ ހުރިހާ ރައްޔިތުންވެސް ހިމެނިގެންދާ ގޮތަށް ދާން،" މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މިނިސްޓަރު އަލީ ވިދާޅުވި އެވެ. "މީގެ ކުރިން ރަމްޒީކޮށް ކިޔާ ރަށްރަށް އެއީ ށ. ނޫމަރާ ކަހަލަ ރަށްތައް، ތަރައްގީ އާއި ހިދުމަތްތަކުން އުނިވެފައިވާ."

އަލީ ވިދާޅުވީ، ކުރީގެ ސަރުކާރުން އެފްޭއެމް އާ ހަވާލުކޮށްފައިވާ ދަނޑުތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް، މިއަދު އެފްއޭއެމްއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެމްއާރްޑީސީ އާ ހަވާލު ކުރެވިފައިވާ ދަނޑުތަކާ މެދުވެސް ވަކި ގޮތެއް ހަމަޖެހިގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދަނޑުތައް އިމާރާތް ކުރަން ބޭނުންވާ ސާމަނު ރަށްރަށަށް ގެންދިއުމުގެ މަސައްކަތް މާދަމާ ފެށިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ކަނޑައެޅުނު 21 ރަށަކީ ފުޓްސަލް ދަނޑެއް އެޅުމަށް މީގެ ކުރިން ޕްލޭން ކޮށްފައިވާ ރަށްތަކެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުތައް އެޅުމަށް ފަހު، މަރަމާތު ކުރުމަށް ބިޒްނަސް މޮޑެލްއެއް ތާރަފު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އޭރުން ދަނޑުތަކުގެ މަރާމާތު ކުރިއަށް ގެންދާނީ ވިޔަފާރި އުސުލުން ލިބޭ ފައިދާގެ ތެރެއިން ކަމަށެވެ.

"ހަގީގަތުގައި ރަށެއްގެ ދުރު ހިސާބުގައި ދަނޑެއް އަޅާފައި ދޫކޮށްލީމަ މިޖެހެނީ އަބަދު ރައްޔިތުންގެ ފައިސާއިން މަރާމާތު ކުރަން، އޭގެ ބަދަލުގައި ސަސްޓެއިނަބަލް ގޮތަކަށް ކުރެވޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ކަށަވަރު ކުރާނަން،:" މިނިސްޓަރު ވިދާޅުވި އެވެ. "އިޖުތިމާއީ މަރުކަޒު ތަކާއި ފުޓްސަލް ދަނޑުތަކާއި އަދި ކޮންމެ ކުޅިވަރު މޮޑެލްއަކަށް ބިޒްނަސް މޮޑެލް ލާން އަޅުގަނޑުމެން ބޭނުންވޭ، އެއީ ކައުންސިލަށް ވިޔަސް ރައްޔިތުންނަށް ވިޔަސް ސަރުކާރަށް ވިޔަސް އާންމުދަނީއެއް ލިިބި އެ ލާރިން އޭތި މަރާމާތުކޮށް މެއިންޓެނެސް ކުރެވޭނެ މޮޑެލްއެއް ތައާރަފް ކޮށްދޭނަން."