ކުޅިވަރު

ވީރާނާވުމުން ދަނޑުގެ ސަހަރާފަޅީގެ ސިޑިބަރި ބަންދުކޮށްފި

ބޭނުން ނުކުރެވޭ ވަރަށް ވީރާނާ ވުމުން، ގަލޮޅު ދަނޑުގެ ސަހަރާވީ ފަޅީގެ ސިޑި ބަރި ބަންދު ކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ވަހީދު ވިދާޅުވީ، ސަހަރާ ފަޅީގައިވާ އިމާރާތްތަކުގެ އެސްމެންޓެއް ހެދުމަށް ފަހު، އެފަޅި ބޭނުން ކުރަން އެހާ ރައްކާތެރި ނޫން ކަމަށް، ޕްލޭނިން މިނިސްޓްރީން ލަފާ ދީފައިވާ ކަމަށެވެ.

ސަހަރާ ފަޅި އެންމެ ކުރިން މަޝްހޫރު ވެފައި ވަނީ، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ސަޕޯޓަރުން ތިބޭ ސަރަހައްދުގެ ގޮތުގަ އެވެ. އެ ސަރަހައްދު ވީރާނާ ވުމުން، އެ ފަޅީގައި ހިންގި ބައެއް އެސޯސިއޭޝަންތަކުގެ އޮފީސްތަކާއި އެކޮމެޑޭޝަން ބްލޮކް އެހެންތާކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ސަހަރާ ފަޅި ބަންދު ކުރުމުން މިނިސްޓަރު ވިދާޅުވީ، މި ވަގުތަކީ ޒަމާނީ ފެންވަރެއްގައި ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ރަނގަޅު ފުރުސަތެއް ކަމަށް ދެކި ވަޑައިގަންނަވާ ކަމަށެވެ.

"އެނގި ވަޑައިގަންނަވާނެ ޒަމާނުން ސުރެ ގަލޮޅު ދަނޑުގެ އެންމެ ހަގީގީ ބޭނުން ފުޓްބޯޅައަށް ނުވަތަ ކުލަބުތަކަށް މިއޮންނަނީ ނުހިފިފައި،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭޏުންވަނީ ފުޓްބޯޅަ އެސޯސިއޭޝަނާއެއްކޮށް އެބޭފުޅުންގެ ޓެކްނިކަލް ހިޔާލާވެސް އެއްކޮށް ގަލޮޅު ދަނޑުގެ ސްޓޭންޑްތައް ދުނިޔޭގެ އެހެން ގައުމުތަކުގެ ރަސްމީ ސްޓޭޑިއަމްތައް އެ ހުންނަ ގޮތަށް ބަދަލުވެގެން އަންނަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން، އޭރުން ހަގީގަތުގައި ފުޓްބޯޅަ ދަނޑެއްގެ ހުންނަ ހަގީގީ ސިފަތައް ގަލޮޅު ދަނޑުގައި ހުންނާނެ."

މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑުގެ މައްސަލަތައް ހައްލު ކުރުމަށް، އެފްއޭއެމް އާއެކު މަޝްވަރާ ކުރާނެ ކަމަށާއި އަދި ފީގެ އެހީތެރި ކަމާއެކު މައްސަލަ ހައްލު ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ބޭނުން ވަނީ އެފްއޭއެމް އާއެއްކޮށް ފީފާ އާއި އޭއެފްސީގެ ޓެކްނިކަލް އެހީތެރި ކަމާއެކު ނޮލެޖެބަލް މީހުން ލައްވާ ކުރަހައިގެން ދިވެހިން އަލުން ދަނޑަށް ވަންނަ ހިތްވާ ކަހަލަ ދަނޑެއް އަދި ޕްރޮޑެކްޓިވް ދަނޑެއް ރާއްޖޭގެ ފުޓްބޯޅަ އާއިލާއަށް ހެދިގެން ދިއުން." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ސަހަރާވީ ފަޅީގައި ހުރި އެކޮމެޑޭޝަން ބްލޮކުވެސް ބޭނުން ނުކުރާ ގޮތަށް ނިންމުމުން، ކުޅުންތެރިން ބޭތިއްބުމަށް އެހެން ގޮތްކެއް ހަމަޖައްސައި ދެވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރަށްރަށުން އަންނަ ޓީމުތަކަށްވެސް އެކޮމެޑޭޝަން ހަމަޖެއްސުމަށް ވެސް އެފްއޭއެމްއާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ހުރި ވެލިދަނޑުތައްވެސް ހުރީ ވަރަށް ހާލުގައި ކަމަށާއި އެމްޓީސީސީގެ ސާމާނުތައް ހުރި ސަރަހައްދުތަކުގައި އެ ކުންފުންޏާ ގުޅިގެން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.