ރިޕޯޓް

ކާށިދޫ ދާއިރާއަށް: ޖާބިރުގެ ބިލިއަން ޑޮލަރުގެ ޕްލޭނެއް!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މިއޮތީ އިނގިލިން ގުނާލެވޭހާ މަދު ދުވަސްކޮޅެކެވެ. އެ އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީއްސުރެވެސް އަދި އޭގެ ކުރިންވެސް އެކި ފަރާތްތަކުން ގެންދިޔައީ ވަރުގަދަ އަށް ކެމްޕެއިން ކުރައްވަމުންނެވެ. އެއްބަޔަކު އަހަރެއްހާ ދުވަސް ކުރިން އެކަމަށް ތައްޔާރުވެއްޖެ އެވެ. އެބަޔަކު ކުރިމަތިލާ ދާއިރާއަކަށް ތަފާތު ވައުދުތަކެއް ވަމުން އެ ދާއިރާގެ ރައްޔިތުންގެ ވޯޓް ހޯދުމުގެ މަސައްކަތް ގެންދަވަނީ ކެނޑިނޭޅި ކުރައްވަމުންނެވެ. މަޖިލީހުގެ 87 ދާއިރާއަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި މުޅީން ތަފާތު ކެނޑިޑޭޓަކު އެބަހުއްޓެވެ.

އެއީ ކާށިދޫ ދާއިރާއަަށް ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބުދުﷲ ޖާބިރެވެ. ޖާބިރު އެހެން ކެނޑިޑޭޓުންނާއި ތަފާތުވަނީ މަޖިލީހަށް ވާދަ ކުރުމަށް ގާނޫނޫ އަސާސީން ދީފައި އޮތް ހައްގު ހޯދަން ޖާބިރު ކުރި މަސައްކަތުންންނެވެ. އަދި އަބަދުވެސް ތަފާތު ވާހަކަފުޅުތަކެއް ދައްކަވާ ޖާބިރަކީ ޕީއެސްއެމްއިން ބޭއްވި މަޖިލިސް ބަހުސްގައިވެސް އެންމެ ބޮޑު ތަފާތެއް ދެއްކެވި ބޭފުޅާއެވެ. މުޅި ބަހުސްގައިވެސް ދާއިރާއަކާއި މެދު އެންމެ ފުޅާ ތަނަވަސް ތަސައްވަރެއް ގެންގުޅުއްވީ ޖާބިރެވެ. ޖާބިރު ދެއްކެވި ވާހަކަތައް ދިވެހިންގެ ތެރެއިން ބަޔަކަށް ޖޯކަކަށްވީ ކަމުގައިވީނަމަވެސް ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދުގެ ބަހުން ނަމަ ޖާބިރަކީ އެމަނިކުފާނު އަޒުމް ކަނޑައަޅުއްވައިފި ކަމެެއް ޖާނާއި މާލުން ގުރުބާންވެގެންވެސް ހާސިލް ކުރައްވާނެ ބޭފުޅެކެވެ. އެެހެން ކަމުން ކޭބަލް ކާރު އަޅާ ވާހަކައާއި އިސްލާމިކް ޓުއަރިޒަމް ފަދަ ވާހަކަތައް ޖާބިރު ވިދާޅުވީ ތޯތޯ އަކަށް ނޫން ކަން ދިޔާނާވެސް ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު ކަންވެސް ކުރައްވާ ޖާބިރު ކޭބަލް ކާރުގެ ވާހަކަ ވިދާޅުވުމުން ވަރަށް ގިނަ ބަޔަކަށް އެކަން ހަޖުލަކަށްވި ކަމަށާއި އެހެން ނަމަވެސް މެލޭޝިއާ ތަންތަނުގައިވެެސް ކޭބަލް ކާރު ބޭނުން ކުރަމުން އަންނަކަން ދިޔާނާ ފާހަގަ ކުރެއްވި އެވެ. މާލީ ތަނަވަސްކަން ހުރެފައި، އެ ޓެކްނޮލޮޖީ ގެނެވިއްޖެ ކަމަށްވާނަމަ އެއީ ނުވާ ވަރުގެ ކަމެއް ނޫން ކަމަށް ދުނިޔެ ހެކިދެއެވެ. އެހެން ކަމުން އެވަރު ކަމެއް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި އެފަދަ ކޭބަލްކާރު އޮޕަރޭޓްކޮށް، އޭގެ ފަސޭހަތައް ދަނީ ލިބިގަންނަމުންނެވެ. އަދި ޖާބިރު ހޮވަންވީ ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނެސް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނައުމަށްޓަކައި ކަމަށް ދިޔާނާ ދެކެވަޑައިގަންނަވައެވެ. ދިޔާނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި ޖާބިރަކީ އެމަނިކުފާނު އިށީންނަވާ ގޮނޑިއެެއްގައި އަބަދުވެސް ވަރަށް ނުފޫޒު އޮންނަ ބޭފުޅެކެވެ. އެހެން ކަމުން ސަރުކާރުގެ ތެރެއިން ދާއިރާ ތަރައްގީ ކުރުމަށް ޖާބިރަށް މާބޮޑު އުދަގުލެއް ކުރިމައްޗެއް ނުވާނެ އެވެ.

ޖާބިރުގެ ތާރީހަށް ބަލާލާއިރު ޖާބިރަކީ އެމަނިކުފާނު ވިދާޅުވާ ބަހުންނަމަ "ބަރަވެލިވެސް ނާރާ ތަންތަން މިލިއަނުން ފައިދާވާ ރިސޯޓްތަކަށް" ހައްދަވާ ބޭފުޅެކެވެ. ހުވަދު އަތޮޅުގައި ޓުއަރިޒަމް ނެތް އިރެއްގައި އެތަނަށް ޓުއަރިޒަމް ތާރަފްކުރައްވަން އުޅުއްވުމުންވެސް ބައެއް ފަރާތްތަކުން ޖާބިރަށް ހަޖޫޖެއްސެވި އެވެ. ރާއްޖޭގެ އެންމެ ގަދަ އަދި ބޮޑު ކަނޑު ހުރަސް ކުރުމަށްފަހު އެތަނަށް ދާނެ ޓުއަރިސްޓުން ނުލިބޭނެ ކަމަށް ގަބޫލުކޮށްގެން އެކަމަށް ހަޖޫޖެއްސެވި ބޭފުޅުންނަށްވެސް ޖާބިރު ވަނީ އަމަލުން އެކަން ކުރައްވާ، ހުވަދު އަތޮޅުގައި ދެ ރިސޯޓް ގާއިމް ކުރައްވާފައެވެ. އޭގެ ފަހުން މިހާރުވެސް އެ އަތޮޅުގައި އެކި ފަރާތްތަކުން އެގެންދަވަނީ ރިސޯޓަކަށްފަހު ރިސޯޓެއް ހައްދަވަމުންނެވެ. އެހެންކަމުން ހުވަދޫގެ ޓުއަރިޒަމްގެ ބާނީ އަކީ އެ އަތޮޅަށް އުފަން، އެ އަތޮޅު ފަހުރުވެރިވާ ޖާބިރު ކަމުގައި ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

ކާށިދޫ ދާއިރާ ޑެވޮލްޕް ކުރަނީ 30000 މީހުން އާބާދުވާނެ ސިޓީއަކަށް

ޖާބިރު ކާށިދޫ ދާއިރާއާއި މެދު ގެންގުޅުއްވަނީ ވަރަށްވެސް ފުޅާ ތަސައްވަރެކެވެ. އެއީ 30000 މީހުންގެ އާބާދީގެ ސީޓީއެއް ގޮތަށެވެ. ރާއްޖެ މިހާރުވެސް ދަނީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި ކަމަށާއި، އެހެން ނަމަވެސް ކާށިދޫ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްލޭން ކުރެވިގެން ތަރައްގީ ކުރެވޭނެ ރަށް ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ. ދަނޑުވެރިކަމުން އެކަނި ނަފާ ހޯދަމުން އަންނަ ކާށިދޫއަކީ އިގްތިސާދީ މައި ހަބަކަށް ހަދަން ޖާބިރު ބޭނުންފުޅުވެއެވެ. އެކަމަށްޓަކައި ޖާބިރު ވަނީ އެރަށުން 10 ވަރަކަށް ބިން ގަނެ އަމިއްލަ ކުރައްވާފަ އެވެ. އަދި ޖާބިރުގެ ވިޔަފާރިތަކުގެވެސް މައި ހަބަކީ ކާށިދޫއަށް ހަދަން ނިންމަވާ އެރަށަށް އޮފީސްތައްވެސް ބަދަލުކުރަން ވަނީ ނިންމަވާފަ އެވެ. އަދި ކާށިދޫ އަކީ މޮޑާން އެންމެ ޒަމާނީ ވަސީލަތްތަކާއެކީ ތަރައްގީ ކުރެވިގެންދާނެ ސިޓީއަކަށް ހެދުމަށް އެމަނިކުފާނު ކުރައްވާ އުމްމީދުގެ މަތިން ކާށިދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާވެސް ވަނީ ޖާބިރުގެ އަމިއްލަ ހަރަދުގައި ހަމަޖައްސަވާފަ އެވެ. ދައުލަތުން ހަމަ އެކަނި ދޭން ވީ އެކަމުގެ ހުއްދަ އެވެ.

ރާއްޖޭގައި ގާއިމް ކުރެވޭނެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ ހެލްތު ފެސިލީޓީގެ ގޮތުގައި "ޖާބިރު ހޮސްޕިޓަލް" އެޅުމަށް ޖާބިރު ވަނީ 15 ހާސް އަކަފޫޓުގެ ބިމެއްް ކާށިދޫއިން ބައްލަވައިގެންފަ އެވެ. އަދި އެހޮސްޕިޓަލް އިމާރާތުގައި ޝޮޕިން ސެންޓަރުތަކާއި، ރެސްޓޯރަންޓްތައް ފަދަ ތަންތަން ހުންނާނެ އެވެ. މީގެ އިތުރުން ޔޫރޯޕްގެ ގައުމުތަކުން އެންމެ ގާބިލް ޑޮކްޓަރުން އެ ހޮސްޕިޓަލުގައި ބަލި މީހުން ބައްލަވާނެއެވެ. އަގުހެޔޮކޮށް އެކޮމޮޑޭޝަން ހަމަޖެހިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން މާލެއަށް ބޭސްވެރިކަމަށް ދިއުމުގެ ބަދަލުގައި އަތޮޅުތެރޭގައި އުޅޭ މީހުންނާއި، މާލޭގައި ދިރިއުޅޭ މީހުންވެސް ކާށިދޫއަށް ގެނައުމަކީވެސް ޖާބިރުގެ ވިސްނުމެކެވެ. ޖާބިރު ވިދާޅުވާގޮތުންނަމަ މާލެ އަކީ މިހާރު މީހުން ދިރިއުޅެއް ހެޔޮވަރުގެ ތަނެއްނޫނެވެ. އިމާރާތްތަކާއި ތަންތަން ބާވެ، ހޮސްޕިޓަލެއް ފަދަ ތަނެއް އަޅަން ބިމެއްވެސް މާލެއަކު ނެތެވެ. އެހެން ކަމުން މާލެއަށްވުރެ މާ ފަހިކޮށް އެކަންކަން ޖާބިރު މިވަނީ ކާށިދޫގައި ކުރުމަށް ނިންމަވާފަ އެވެ.

އިންޓަނޭޝަނަލް އިންޖީނިއަރުންނާއި ކޮންސަލްޓެންޓުން ގެނެސް ސްޓަޑީތައް ހަދާ ޖާބިރު ބޭނުންފުޅުވަނީ ކާށިދޫ "އުސްކޮށްލާ" ށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުސް އިމާރާތްތަށް ހުންނާނީ ކާށީދޫގައި ކަމަށް ޖާބިރުގެ ތަސައްވަރުގައި ވަނީ ކުރައްސަވާފަ އެވެ. މީގެ އިތުރުންވެސް އެޕާޓްމަންޓް ބިލްޑިންގތައް ކާށީދޫގައި އަޅުއްވާ، އެތަންތަން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭނެގޮތް ހެއްދެވުމަކީވެސް އެމަނިކުފާނުގެ ތަސައްވަރެކެވެ. އޭގެ ބޭނުމަކީ ރާއްޖެއިން ބޭރުގެ މަހުޖަނުންގެ ހޮލިޑޭ ހޯމްތަކެއް އެ ރަށުގައި ގާއިމްކޮށް، އެރަށަށް އިތުރު ކުރިއެރުމާއި ފައިސާ ވައްދާނެ ގޮތް ހެއްދެވުމެވެ. ކާށިދޫއަކީ ކެޕިޓަލް ސިޓީ މާލެއާއި ކައިރީގައި އޮތް ތަނަކަށްވުމުން ދަތުރުފަތުރުގެ ކަންކަމަށްވެސް އުނދަގުލެއް ނުވާނެ ކަމަށާއި، އެ ދެމެދުގައި ދުއްވުމަށް ހޮވާކްރާފްޓާއި، ކަނޑުގެ 3 މީޓަރު މަތިން ދުއްވާ ފްލައިޓްތައް ގެނެސް އޭގެ ދަތުރުތައް އެދެމެދުގައި ފެށުމަކީވެސް ޖާބިރުގެ ތަސައްވަރުގައި ހިމެނޭ ކަމެކެވެ.

ކާށިދޫއާއި މެދު ޖާބިރު ކުރެއްސެވި ތަސައްވަރުގައި ދެން ހިމެނެނީ އާބަނދަރަކާއި، ހޮޓެލް ސުކޫލަކާއި، ގެސްޓްހައުސްތަކާއި، ގެސްޓް ޝޮޕްތަކާއި، ރީހެބިލިޓޭޝަން ސެންޓަރަކާއި، "ޖާބިރު ޔުނިވަސިޓީ"ގެ އިތުރުން، ރިއަލްއެސްޓޭޓް ސަރަހައްދަކާއި، ޓުއަރިސްޓް މެރީނާ އަދި ކަލްޗަރަލް ސަހަރައްދެކެވެ. މީގެ އިތުރުންވެސް ކާށިދޫ ފަޅު ތެރޭގައި ޓުއަރިސްޓް ރިސޯޓަކާއި، ހޮލިޑޭ އައިލެންޑެއް ތަރައްގީ ކުރުމަކީވެސް ޖާބިރު ކުލަ ޖައްސަވަން ބޭނުންވާ ކާށިދޫގެ ތަސައްވަރުގައި ހިމެނޭ މުހިންމު ތަންތަނެވެ. މީގެ އިތުރުން ކޭބަލްކާރު ޕްލެޓްފޯމަކާއި، ހެލިޕެޑެއްވެސް ޖާބިރު ވަނީ ކާށިދޫގައި އެޅުމަށް ނިންމާފަ އެވެ. މި ތަންތަނާއެކު ޖާބިރުގެ ވިސްނުމުގައި ހުރީ ސިންގަޕޯއަށްވުރެވެސް ތަހުޒީބު ސީޓީއެއް ތަރައްގީ ކުރުމެވެ. އެކަން ކުރުމަށްޓަކައި އޮފްޝޯ ބޭންކެއްވެސް ކާށިދޫގައި ގާއިމް ކުރުމުގެ ވިސްނުން ޖާބިރު ގެންގުޅުއްވަ އެވެ.

ގާފަރާއި މެދު ޖާބިރު ކުރެއްސެވި ތަސައްވަރުގައި ވަނީ ގާފަރު ފަޅުތެރޭގައި ދެ ރިސޯޓާއި، އާ ބަނދަރަކާއި، ދަތުރުދާ ރަށަކާއި، އަލަށް ބިން ހިއްކާ ސަރަހައްދަކާއި، އެ ސަރަހައްދުގައި ގާއިމް ކުރާ މެޑިކަލް ފެސިލިޓީއާއި، ސްކޫލާއި، ރިއަލްއެސްޓޭޓް ސަރަހައްދުގެ އިތުރުން، ގެސްޓް ހައުސްތަކާއި، ގެސްޓްހައުސް ފިހާރަތަކާއި، ކޭނިން ފެސިލީޓީއާކާއި، ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން، ޓުއަރިސްޓް މެރީނާއެއްގެ އިތުރުން ކޭބަލް ކާރު ޕްލެޓްފޯމް ހިމެނެއެވެ.

"ސިންގަޕޯރ އަށްވުރެވެސް މައްޗަށް ދާން އަޅުގަނޑު ބޭނުންވަނީ. ސިންގަޕޯރަކީވެސް މީހެއްގެ ސިކުނޑިން ޑެވޮލޮޕް ކުރިތަނެއް. މިތަންވެސް ޑިވެލޮޕް ކުރުމުގެ ސިކުނޑި އަޅުގަނޑަށްވެސް އަތުވެދާނެ ނޫންތޯ. މިހާރު މިތަނަށް ދަތުރު ކުރަން ތިބި މީހުންނަކީ ޖަރުމަން އާކިޓެކްޓަރުންގެ ޓީމެއް. އިންވެސްޓަރުންގެ ޓީމެއް ރަޝީޔާއިން، އިޓަލީގެ ޓީމެއް، މިތަން ބަދަލު ކުރާނީ ފެޝަން ސިޓީއަކަށް" ޖާބިރު ވިދާޅުވި އެވެ.

އަރަބިންނަށް ހާއްސަ ޓުއަރިޒަމްއެއް ކާށިދޫއާއި ގާފަރަށް

ޖާބިރު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ތަސައްވަރުގައި ހުރީ އަރަބިންނާއި ގުޅޭ ޓުއަރިޒަމްއެއް ކާށިދޫއާއި ގާފަރުގައި ފައްކާ ކުރުމެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި އަދިވެސް ރާއްޖޭގައި އަރަބި ޓުއަރިސްޓުންގެ މާކެޓް ޓެޕެއް ނުވެއެވެ. އަރަބިންނާއި ގުޅޭ އަރަބިންނަށް ހާއްސަ ކުރެވިފައިވާ ޓުއަރިޒަމްއެއް ކާށިދޫ އަދި ގާފަރުގައިވެސް އުފަން ކުރެވިގެންދާނެ ކަމަށާއި، އަރަބިން ބޭނުންވާ ކެއުމާއި، ކަލްޗާ އެ ދާއިރާގައި ޑެވޮލޮޕް ކުރުމަށް އަރަބި ދުނިޔޭގައި މަސައްކަތް ކުރާ އެމަނިކުފާނުގެ ނެޓްވޯކުން ކުރަމުންގެންދާނެ ކަމަށެވެ. މިއީ ސުންނީ މުސްލިމުންގެ ގައުމަކަށް ވުމުން އަރަބިންނަށް މިތަނުގައި އުޅެން ފަސޭހަވާނެކަމަށްވެސް ޖާބިރު ދެކިލައްވަ އެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ސަރުކާރުތަކުން ރާއްޖެ ތަރައްގީ ކުރަން ނޫޅޭ ކަމަށާއި، ސަރުކާރުތަކުން އަބަދުވެސް ބަލަނީ ރައްޔިތުން "ސަޕްރެސް"ކޮށްފައި ބަހައްޓަން ކަަމަށެވެ.
"ރައްޔިތުން ފިއްތައިގެން. ފަގީރުވެގެން ވޯޓް ގަނެގެން. މިރާއްޖެ ތަރައްގީ ކުރެވެން ނެތިގެނެއްނޫން ނުކޮށްގެން މިއުޅެނީ. މިރާއްޖެއަށް ލިބިފައިހުރި ގުދުރަތީ ވަސީލަތްތައްވެސް ބޭނުމެއް ނުކުރޭ." ޖާބިރު ވިދާޅުވި އެވެ. މިކަންކަން މިހެން ހުރުމާއެކު ޖާބިރުގެ ވިސްނުމުގައި ހުރީ މި ސަރުކާރާއި ގުޅުގެން ކާށިދޫ ދާއިރާއަކީ ނަމޫނާ ދާއިރާއަކަށް ހެދުމަށެވެ.

ޖާބިރުގެ ގާބިލިއްޔަތުކަން ހުރި މިންވަރު ދިޔާނާ ސިފަކޮށްދިނީ ތަންކޮޅެއް ކުރީގެ ވާހަކަ އަކުންނެވެ. ޖާބިރުއާއި އެއްކޮށް، އުޅުއްވާތާ 14 އަހަރު ގުނަމުންދާއިރު، އެކަމަނާއަށް ފެނިފައިހުރިތަންތަނުގައި ތަންތަނުން ޖާބިރު އެގޮތަށް ދައްކަވާ ވާހަކަފުޅުތަކާއި، ކުރައްވާ އުމްމީދުތަކަށް ހަގީގީ ކުލަ ޖައްސަލަވާފައި ހުރީ ވަރަށް ރަނގަޅަށް ކަމަށް ދިޔާނާ ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ދިޔާނާ ނެންގެވީ ޖާބިރު އެންމެ ފުރަތަމަ ރިސޯޓަކަށް ހެއްދެވި "ދޮންވެލި" އެވެ. ދިޔާނާ ވިދާޅުވި ގޮތުން އޭރު އެއީ 25 ކޮޓަރީގެ ކުޑަ ކުޑަ ފިނޮޅެކެވެ. އެހެން ނަމަވެސް ޖާބިރު އެތަން ދޫކޮށްލެވި އިރު، އެއީ 300 ކޮޓަރީގެ ބޮޑު ރޮސޯޓެކެވެ. އަދި އޭރުގައި ޖާބިރާއެކު އެމަަސައްކަތުގައި އުޅުއްވި ބޭފުޅުންނަށްވެސް ޖާބިރު އެކުރެއްވި ތަސައްވަރު ހަގީގަގަތަކަށް ހެއްދެވިދާނެ ކަމަށް ގަބޫލު ކުރުން އޮތީ އުނދަގޫ ކަމަކަށް ވެފައެވެ.

"އަޅުގަނޑު އަޑުއަހަން މީހުން ބުނާ އަޑު އަސްލު މި އެއްކަލަ ބޮނބިނަރު މިހެން ނައްޓައިގެން ވައްޓާފައި އޭގެ އޮއެ ދާގޮތަށް ބައްލަވައިގެން އެތަން ހިއްކެވީ. އަދި އެއީ މިހާ ފުޅާކޮށް، އެއްކަލަ ރާއްޖޭގައި ޑްރެޖަރުތައް ގެނެސްގެން ހިއްކާ ނޫޅޭ ޒަމާނެއްގައި. އިނގޭތޯ އެހެންވީމަ އޭރުއްސުރެ އެކަންވެސް އެއޮތީ ކުރައްވާފައި ދެއްތޯ. ހުވަދު އަތޮޅަށްވެސް ޓުއަރިޒަމް ގެންދެވީ ޖާބިރު، އެހެން ވީމާ ޖާބިރު އެހެން ކުރައްވާފައި ހުރި ކަންކަމަށް ބަލާއިރު، ޖާބިރު ވިދާޅުވާ ކަންތައްތައް އެއީ ހަގީގަތަކަށް ހެދުމުގެ ގާބިލްކަން ހުރިކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" ދިޔާނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ކާށިދޫ ދާއިރާ ތަަރައްގީ ކުރުމުގައި އެ ދާއިރާގެ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. މަޖިލީހަށް ހޮވި ވަޑައިނުގަތަސް ދާއިރާ ތަަރައްގީ ކުރައްވާނެ ކަމަށާއި، އެހެން ނަމަވެސް އެކަންކަން ކުރުމަށް ފަސޭހަ ވާނީ މަޖިލިހުގައި އިންނަވައިގެންކަން ޖާބިރު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ޖާބިރު ގަބޫލުފުޅު ކުރައްވާ ގޮތުގައި މި ރާއްޖެ ތަރައްގީ ކުރުމަށް ބޭރުގެ ގައުމުތަކަށް "ސަލާން" ޖެހުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހެއެވެ.

"މިރާއްޖޭގައި ވައްކަން ކުރުމާއި، ނަޒާހަތްތެެެރިނޫން މީހުން ލައިގެން ވެރިކަން ކުރުމުގެ ނަތީއްޖާއެއްގެ ގޮތުން ދަރާވިކިފަ އޮންނަ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ގައުމު ވެފައި މި އޮންނަނީ. އިންޑިއާއަށް ގުޅާލާފައި ބަޖެޓް ސަޕޯޓް އަބަދުވެސް، ބޭނުންވެފައި އޮންނަނީ. ދެން ހުންނަ މީހަކަށް ގުޅައިގެން ދެން ހުނަން އެއްޗެއް ހޯދަން ވެފައި އޮންނަނީ. އަމިއްލަ ފައިމައްޗަށް އުޅެން ދަސްކުރަމާ ހިގާށޭ. މި ކާށިދޫ ދާއިރާއިން އަޅުގަނޑު ބިލިއަން ޑޮލަރު ނެެރޭނަމޭ. އަޅުގަނޑަށް އިނގޭ އެކަން ކުރަން." ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން ޖާބިރު މަޖިލީހަށް ހޮއްވަވައިފި ނަމަ، މިނިމަމް ވޭޖްގެ ގޮތުގައި 3000 ޑޮލަރަށް ބަދަލުކޮށް، ރާއްޖޭގެ ބަޖެޓަކީ 10 ބިލިއަން ޑޮލަރުގައި އޮޕަރޭޓް ކުރާނެ ބަޖެޓަކަށް ހައްދަވާނެ ކަމަށާއި، އެކަން ކުރުމުގެ ގާބިލިއްޔަތުކަން އެމަނިކުފާނު ގައިގައި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގައި ހުރި ރިސޯސަސްތައް ބޭނުން ކުރެވިއްޖެ ނަމަ ރާއްޖެއަށް ބޭނުންވާ ހުރިހާ ފައިސާއެއް އޭގެން ޖެނެރޭޓް ކުރެވޭނެ ކަމަށާއި، 10 ރުފިޔާއަށް ޑޮލަރެއް ލިބެންވާނެ ކަމަށެވެ. އަދި ކާށިދޫ ދާއިރާއިން ޖެނެރޭޓްވާ ޓެކްސް އިން 50 އިންސައްތަ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

ދިޔާނާގެ ބަހުރުވައިންނަމަ ޖާބިރަކީ ކުރަން ހިތުލައްވައިފި ކަމެއް ކުރުމަށްޓަކައި، ޖާނާއި މާލުން ގުރުބާން ވެވަޑައިގަންނަވާ ބޭފުޅެކެވެ. އެހެން ކަމުން ކާށިދޫ ދާއިރާއަށް ޖާބިރު ކުރައްސަވާފައިވާ މާސްޓާޕްލޭން ހަގީގަތަކަށް ހެއްދެވުމަށް އެމަނިކުފާނު މަސަައްކަތް ކުރައްވާނެ ކަމީ ޔަގީން ކަމެކެވެ. އެކަމުގެ ފެށުމެއްގެ ގޮތުން އަދި އެކަން ހަގީގަތަކަށް ވާނެ ކަމުގެ ހެޔޮ ފާލަކީ ޖާބިރު ކާށިދޫގައި އިސްވެސްޓް ކުރުމަށް ގަންނަމުންދާ ބިންތަކެވެ. އެ ބިންތަކުގައި ތަންތަން ޑިވެލޮޕް ކުރެވި، އެތަންތަނުން ވަޒީފާއާއި، އެހެނިހެން ފުރުސަތުތައްވެސް ދާދި އަވަހަކަށް އެދާއިރާގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެހެން ކަމުން މިހާރުވެސް ޖާބިރު މިވަނީ އެމަނިކުފާނުގެ ބިލިއަން ޑޮލަރުގެ ތަސައްވަރުގައި ކުލަޖައްސަވަން ފައްޓަވާފަ އެވެ.