އަބްދުﷲ ޖާބިރު

ސްމާޓް މެންބަރު: ކޯޓް ބޭލުމެއް ނެތް!

ރައްޔިތުންގެ އާ މަޖިލީހުގެ އުމުރަކީ އަދި އެންމެ ދެތިން ޖަލްސާ ނަމަވެސް، މިހާރު ވެސް ވަރަށް ތަފާތެވެ. ނަވާރަ ވަނަ މަޖިލީހާމެދު ރައްޔިތުން ކުރާ އުއްމީދު ބޮޑުވެފައި ވަނީ 18 ވަނަ މަޖިލީހުގައި އޮތް ކޮރަޕްޝަންގެ އެތައް ތުހުމަތެއްގެ ހިޔަނިން ސަލަމާތްކޮށް، ނަޒާހަތްތެރި އަދި އަބުރުވެރި މަޖިލީހެއް ކަށަވަރުކޮށްދޭނެ ކަމަށް ގަނޑުކޮށް ވައުދުވެފައިވާތީ އެވެ.

މި މަޖިލީހުގައި އަދި އެންމެ ބޮޑު ތަފާތެއް ދައްކަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކުރިން ނޯންނަ ރޫހެއް މަޖިލީހަށް ގެނެސް ދެއްވާފައި ވެއެވެ. ޖަޒުބާތުގައި ޖެހިވަޑައިގެން، ބަހުސްގައި ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. ގަސްދުގައޭ ހީވާ ގޮތަށް ކަންކަމުގެ ތަރުތީބުވެ އޮޅުވާލައްވާ ބަދަލު ކުރައްވަ އެވެ. އެކަމަކު މަޖިލީހުގެ އެހެން ރައީސުންނާއި އެއްގޮތަށް ފެންނަނީ ކޯޓު ފަޓުލޫނުގައި އިންނަވާކަން އެކަންޏެވެ. އެހެން ހުރިހާ ކަމެއް ތަފާތެވެ. ރިޔާސަތުގައި ކޯޓް ފަޓުލޫނުގައި އިންނެވުމަކީ މަޖިލީހުގެ ހުރިހާ ރައީސުން ވެސް ދެމެހެއްޓެވި ޑްރެސް ކޯޑެވެ.

މި ފަހަރު މީގެ ކުރީގެ މަޖިލީހަކުން ނުފެންނަ މަންޒަރެއް އެބަފެނެ އެވެ. އެކަމަކު މަޖިލީހުގެ އާ ރައީސްގެ ފަރާތްޕުޅަކުން ނޫނެވެ. ވާހަކަ ގިނަ، ދޫނު ކުރައްވާ ކުރިޔަށް ވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް މިފަހަރު ތަފާތެވެ.

މަޖިލީހުގެ ތަޅުމުގައި އެންމެ ގިނައިން އަދި އެންމެ ހަރު އަޑުން ވާހަކަ ދައްކަވަނީ ގައިމުވެސް ޖާބިރެވެ. މިހާރު ވެސް ދެ ވަޒީރަކާއި ސުވާލު ކުރައްވަން ހުށަހަޅުއްވައިފި އެވެ. ފެން ބޮޑުވާ ރަށްތަކުގެ މައްސަލައަށް ގަރާރެއް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ. މުޅި މަޖިލީހުގައި އޭނާ ވިދާޅުވާން ބޭނުންފުޅުވާ ހުރިހާ ވާހަކައެއް މިހާރު ވެސް ސާފުކޮށް އެކަމަކު "ފައިން ނެރޭ ގޮތަށް" ވިދާޅުވެ ނިންމަވައިފި އެވެ. ދެން މަޖިލިސް ހުޅުވޭ އިރު ޖާބިރު މަޖިލީހަށް ވެދަ ވަޑައިގަންނަވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ހުށަހެޅުމެއް ހިއްޕަވައިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ޖާބިރުގެ ބޮޑީ އޭނާގެ ޖޯޝާއި ފޯރި އަދި މޮޅު ވާހަކަ ދެއްކުންތެރިކަން އެކަންޏެއް ނޫނެވެ. ހެދުން ތުރުކުރެއްވުމުގައި ވެސް ޖާބިރު ދުލެއް ނުކުރައްވަ އެވެ.

އާންމު ގޮތެއްގައި މަޖިލީހުގެ ހާއްސަ ޖަލްސާއެއް ނޫނީ މަޖިލީހުގެ ރައީސް ނޫން އެހެން ހުރިހާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަބަދުވެސް ފެންނަނީ ގަމީހާއި ޓައިގަ އެވެ. ނަމަވެސް 19 ވަނަ މަޖިލީހުގައި މިހާތަނަށް ފެނުނު ހުރިހާ ޖަލްސާއެއްގައި ވެސް އަދި އެ މަޖިލިހާ ގުޅޭ ހުރިހާ ކަމެއް ވެސް ޖާބިރު ފެނިވަޑައިގެންފައި ވަނީ ކޯޓު ތުރުކުރައްވައިގެން އެހެން މެންބަރުންނާއި ތަފާތުކޮށެވެ.

މިފަހަރު 19 ވަނަ މަޖިލީހުގައި ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު އަދިވެސް ޖާބިރު ކޯޓު ދޫކޮށެއް ނުލައްވަ އެވެ. މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ޝަރީފާ އާއެކު ތަޅުމުގައި ކޮންމެ ދުވަހަކު ތަކުރާރުކޮށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވަ އެވެ. އެކި ރާގު ރާގަށާއި އެކި ލަހުޖާތަކުގައި ބަސްމަގު އެކި ދިމަ ދިމާއަށް ގެންގޮސް މޮޅަށް ވާހަކަ ވިދާޅުވެފައި ނަމަވެސް ދޫކޮށްލައްވަނީ އެއް ވާހަކަ ފުޅެކެވެ. "މިއީ އިއްޒަތްތެރި މަޖިލީހެކޭ!" އެވެ. އަދި "މި މަޖިލީސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރައްވާނަމައޭ" އެވެ.

"އަޅުގަނޑު މަޖިލީހަށް ދަނީ ރައްޔިތުން ތަމްސީލް ކުރަން. އަޅުގަނޑުގެ ޑްރެސް ކޯޑު މި ބަހައްޓަނީ އަޅުގަނޑު ކުރަމުންދާ ރަސްމީ މަސައްކަތާއި 5000 ރައްޔިތުން ތަމްސީލް ކުރަން އެބައި މީހުން ހޮވާ ރަމްޒުވާ ގޮތަށް ހޮވާ އެންމެ މަތީ ވެރިޔާގެ ގޮތުގައި އެ މީހާ ދެން ގިރުއާންު ނެތް ޓީޝާޓެއް ލައިގެން ، އެހެންޏާ މުންޑު ގަނޑެއް އަދެން ދިޔާމައި އެ ކޯންޗަކަށް އެވަނީ" މުއްސަނދި ޔޮޓް ޓްއާސްގެ ޗެއާމަން ވިދާޅުވި އެވެ. "އަޅުގަނޑު މިއީ އަބްދުﷲ ޖާބިރު ކ. ކާށިދޫ ޖާބިރުގެ، އަޅުގަނޑަކީ ކާށިދޫ ދާއިރާގެ މެންބަރު އެ މެންބަރު މަޖިލީހަށް ވަޑައިގަންނަވާން ވާނީ އަދި އެ މަ ޖްލިޙުގައި ތަމްސީލު ކުރައްވާއިރު ހުންނަވާންވާނީ އިތްޒަތްތެރި މެންބަރެއްގެ ފުރިހަމަ ޑްރެސްކޯޑްގައި އެ ނޫނީ ކޮން އިތްޒަތްތެރި މެންބަރެއް، މިއޮއް އިންޑިއާ މީހުން ތިބޭ ގޮތަށް މުންޑޫގަނޑެއް ގައިގައި އޮޅައިގެން ތިބީމަވީއެއްނު ދުނިގެ އެނބުރެމުން އެނބުރެމުން ގޮސް ނިމޭ އިރުވެސް... އެއީ ކާށިދޫ ދާއިރާގެ މެންބަރު ތަފާތުވާ ސަބަބަކީ،"

ޖާބިރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން އޭނާ ރަމްޒުކޮށްދެއްވަނީ ރައްޔިތުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކަރާމާތެވެ. އެކަން ފެށެނީ، މީހާ ލައިގެން ހުންނަ ހެދުމުން ފެށިގެން މަޖިލީހުގެ ތަޅުމުގައި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ވަކާލާތު ކުރުމާއި ހިސާބަށެވެ.

އެކަމުގައި ޖާބިރު ހުންނެވީ ސާބިތުކަމާއެކު އެވެ. ތުރުކުރައްވައިގެން ހުންނެވި ކޯޓު ފަޓުލޫނެކޭ އެއްފަދައިން، ގިނިކަންޏާ ވިޔަސް ވަރިހަމަ އެވެ.

"އެހެން ބޭފުޅުން ކޯޓް ފަޓުނުލައި ތިއްބަސް... އަދި ތިއްބަވާނެހޭ ގޮތަކަށް ތިއްބަސް ކާށިދޫ ދާއިރާގެ މެންބަރު އެގޮތެއް ބަލައެއް ނުގަންނާނެ. އަދި އަޅުގަނޑުގެ ޑްރެސްކޯޑް ހަމަ މި ގޮތުގައި ކުރިޔަށް ގެންދާނަން، ކަރާމާތާއި އިތްޒަތެރި ކަމާއި ހަބައިތު އެހެން ބަޔަކަށް ނޭނގުމަކީ ކާށިދޫ ދާއިރާގެ މެންބަރާ ބެހޭ ކަމެއް ވެސް ނޫން... އަޅުގަނޑަކީ މަޖީލުގައި ސްމާޓް މެންބަރެއް،" ޖާބިރު ވިދާޅުވި އެވެ.

ސޯޅަ ރައްޔިތުންގެ މަޖިލީހުގައި ބައި އިލެކްޝަނެއްގެ ތެރެއިން ކާށިދޫ ދާއިރާގެ މެންރު ކަމަށް ޖާބިރު އިންތިހާބުވެ ވަޑައިގެން ހުވާ ކުރައްވަން ވަޑައިގެންނެވީ އެ ރަސްމިއްޔާތަށް ހާއްސަކޮށް އިޓަލީން ތައްޔާރު ކުރެއްވި ގަދަ ރަތް ކުލައިގެ އަގު ބޮޑު ކޯޓު ފަޓުލޫނާއި ރަތް ކުލައި ބޫޓާއި ޓައީގަ އެވެ. އެކަން އެގޮތަށް ހިނގާނެ ކަން ދުރާލާ އިއުލާން ވެސް ކުރެއްވި އެވެ.

އޭރު ޖާބިރު އޭނާގެ ޑްރެސްކޯޑް ސިފަކޮށް ދެއްވީ "ޑްރެސްކޯޑަކީ މުހިންމު އަދި ބާރުދަ ވަސީލަތެއް" ގެ ގޮތުގަ އެވެ. "އެއްޗެއް ނޭނގޭ ބަޔަކު އެހެން ގޮތެއްގައި ތިބޭ ތބުން ބަދަލުވާނީ އެނގޭ މީހުން ނަމޫނާ ދައްކައި" ގެނޭ އެވެ.