ރާއްޖެއަށް ހަމަޖެހުން އަންނާނީ ޖޭޕީ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް އަޣުލަބިއްޔަތު ލިބިގެން ކަމަށާއި ފައިސާއަށް ވޯޓް ވިއްކާ ނުލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
މަނީލޯޑާ ކުރުމުގެ ތުހުމަތައްކޮށް ހައްޔަރު ކޮށްފައި ވަނިކޮށް އިއްޔެ ހައިކޯޓް މިނިވަން ކުރި، ކުރީގެ ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާއަށް އެ މަނިކުފާނުގެ ތާއީދާއެކު ވާދަ ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ ކެމްޕެއިން ޖަލްސާއަށް ރޭ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ފޯންކޯލްގައި ކުރީގެ ރައީސް ވިދާޅުވީ ރައްޔިތުން އިހުލާސްތެރިވާން ވެއްޖެހޭ ކަމަށާއި އެއީ އެ މަނިކުފާނު ކުރައްވާ އާދޭހެއް ކަމަށެވެ. އަދި ވިދާޅުވީ ޖޭޕީ ހިމެނޭ ގޮތަށް ޕްރޮގްރެސިވް ކޯލިޝަނަށް ދޭ ކޮންމެ ވޯޓަކީ ރާއްޖެއަށްޓަކައި ކޮށްދެވޭނެ ކަމެއް ކަމަށާއި މިކަހަލަ މުހިންމު ކަންކަމުގައި ނަފުސުތައް ވީރާނާވާން ޖާގަދީގެން ނުވާނެ ކަމަށެވެ.
"ތަކުރާރުކޮށް ދަންނަވަން ރާއްޖޭގެ މަސްލަހަތު އޮތީ އަމާންކަން އޮތީ އަދި ރާއްޖޭގައި އެއްވެސް ބަޔަކަށް ހަމަނޭވާ ލެވެން އޮތީ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޖޭޕީ އާއި ޕީޕީއެމާއި ޕީއެންސީ ދީގެން" ރައީސް ޔާމީން ވިދާޅުވި އެވެ.
ރޭ ވެސް އެމަނިކުފާާނު ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށް ވިދާޅުވެފަ އެވެ.