ހަބަރު

އަދީބަކީ ޔާމީންގެ ސަރުކާރުގައި އަޅުގަނޑު އެޅުވި ފަންޏެއް: ނަޝީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގަސްދުގައި އެޅުވި ފަންޏެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ މިއަދު ނ. ކުޑަފަރީއަށް ވަޑައިގެންނެވެ. އެއީ ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު އީސާގެ ކެމްޕެއިނަށެވެ. އޭނާއަކީ 17 ވަނަ މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ. އޭނާއަކީ އެމްޑީޕީއިން އަދީބަށް ރުހުން ނުދިނުމަށް ވިޕްލައިން ނެރެފައިވަނިކޮށް އެއާ ދޮޅަށް ވޯޓު ދެއްވި މެންބަރެކެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެކަމާ ގުޅިގެން އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވި އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އީސާގެ އެ ގުރުބާނީއަކީ އެމަނިކުފާނު އެދިވަޑައިގެންވީ ގުރުބާނީއެއް ކަމަށާއި އަދީބަށް ވޯޓު ދިނުމަށް އެންގީ ސީދާ އެމަނިކުފާނު ކަމަށެވެ. އަދީބަކީ ބޮޑު ފަންޏެއްކަން އޭރު ވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތަށް އެރީ އެހާ ބޮޑު ފަންޏެއް އެޅުވެން އޮތްއިރުގައި ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުމެއް އެރުވެން އޮތީ އެ ވެރިކަން ގާއިމްކޮށްގެން، އެ ވެރިކަމުގައި ފަންޏެއް އަޅުވައިގެން ގުޑުމެއް ގެނެސްގެންކަން، އެއީ އަބަދުވެސް އަޅުގަނޑު ދުށް ހަގީގަތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަދީބު މިނިސްޓަރު ކަމަށް ގެނެސްފިއްޔާ އޭނާ އިންތިހާއަށް ކޮރަޕްޓްވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ އޮއިވަރުގައި ރައީސް ޔާމީން ރަނގަޅަށް ޖެހިވަޑައިގަންނަވާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ހިތަށް އެރީ އެ ރޭ 12 ޖެހިއިރު އީސައަށް ގުޅާނަމޭ، އީސާއަށް ގުޅާފަ ބުނިން، އޭރު އޮތީ ޕާޓީގެ ވިޕްލައިން ވެސް އަޅާ ނިންމާފަ، އަޅުގަނޑު އީސާއަށް ދެންނެވިން ކަލޭލާށޭ އަދީބަށް ވޯޓު، އަދީބަށް ވަޒީރުކަން ލިބުނީ އީސާގެ ވޯޓުން، އެ ދުވަހު ވެސް އީސާ ރޮއެ ހޭރުނު، ތިހެން ނުހާދާށޭ، ދެން ތިމަންނައަކަށް ރަށު މީހުން ވޯޓެއް ނުދޭނެއޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަދީބުވީ ވަޒީރަކަށް، އަދީބު ވަޒީރަކަށްވީ ދުވަހު ނޫން އަނެއް ދުވަހު ރާއްޖޭގައި އޮތް ފަޅަކާއި ގިރިއެއް އޭނާ ވަގަށް ނަގައިފި، ސަރުކާރު ހިއްސާވާ ކުންފުންޏެއް އޮތިއްޔާ އެވެސް އޭނާގެ އަތަށް ނަގައިފި، މިހުރިހާ ކަމެއް އޭނާ ކުރައްވަނީ ރައީސް ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން،"

ރައީސް ނަޝީދު ވިދާޅުވީ އަދީބަކީ މާގިނަ އެއްޗެހި ތަކެއް އަތަށް ނެގި ބޭފުޅެއް ނޫން ކަމަށާއި ގޯނިގޯނީގައި ފައިސާތައް ވެއްދި ގެތައް އެކަމުގައި އުޅުން ކުދިން ކިޔައިދީފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑު މިތަނުގައި މިހުރީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްފަ، އެ ވެރިކަން އަޅުގަނޑުމެންނަށް ބަދަލު ކުރެވުނީ އެ ވެރިކަމުގައި އަޅުގަނޑުމެން ރެނދެއް އެޅުވީމަ، ދެން ފަހުން އެހެން ރެނދެއް ވެސް ފެނުނު، އެކަމަކު އަޅުގަނޑުމެން ރައީސް ޔާމީންގެ ވެރިކަމުގައި އެޅުވި ރެނދަކީ ދުރު ވިސްނާ ކުރި ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު މިފެންނަ ސިޔާސީ ނަތީޖާ ލިބުނީ އެ ދުވަހު އަމަލުކުރި ގޮތުން ކަމަށާއި އެއީ ދުރު ވިސްނުމެއްގެ ތެރެއިން ހާސިލްވި ނަތީޖާއެއް ކަމަށެވެ.