ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ އޮޕަރޭޝަން ހިންގީ ޕިކަޕަކަށް އަރުވައިގެން މައްޗަންގޯޅީގެ ގެއަކަށް ގެންދާ ފޮށިތަކެއްގައި މަސްތުވާތަކެތި ހުރި ކަމަށް ބުނެ އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.
މައްޗަންގޯޅީގެ ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ ދެ ބިދޭސީންނާއި ތިން ދިވެހިންނެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ 49 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.
ބިދޭސީންގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 42 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
މި ފަސް މީހުންގެ ބަންދަށް ވެސް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.