ސަވައިކަލް ކެންސާ ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ އަންހެނުންނަށްޖެހޭ ކެންސަރުތަކުގެ ތެރެއިން އެންމެ އާންމު އެއް ކެންސަރެވެ. ރާއްޖެއިން އެންމެ އާންމުކޮށް ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތަކުގެ ތެރޭގައި ވެސް މި ކެންސަރު ހިމެނެ އެވެ. މި ކެންސަރު ޖެހުމަށް މެދުވެރިކުރުވާ އެންމެ އާންމު ސަބަބަކީ އެޗްޕީވީ ވައިރަސް އެވެ. އެހެނީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ 90 ޕަސެންޓް ޖެހެނީ މި ވައިރަސްގެ ސަބަބުނެވެ.
ހިއުމަން ޕެޕިލޯމާ ވައިރަސް ނުވަތަ އެޗްޕީވީ އަކީ އޭގެ 100 އަށް ވުރެން ގިނަ ވައްތަރު ވާކަން މިހާތަނަށް ހޯދިފައިވާ ވަރިހެކެވެ. އަދި މީގެ ތެރެއިން 40 ވައްތަރުވަނީ ޖިންސީ ގުނަވަނަށް ބަލި ޖައްސާ ކަމަށް ހޯދިފަ އެވެ. އާންމުކޮށް މި ވައިރަސްއަކީ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ގައިންގަޔަށް އަރާ ފެތުރޭ ވައިރަހެކެވެ. ގިނަ ފަހަރު މި ވައިރަސް އިން އިނފެކްޓް ވެފައި ހުރި ނަމަވެސް އަލާމާތްތައް ނުފެނުމުގެ ސަބަބުން ނޭނގި އެހެން މީހުންނަށް ޖިންސީ ގުޅުމުގެ ޒަރިއްޔާއިން މި ވައިރަސް ފެތުރިގެން ދެ އެވެ.
ހޯދުންތައް ދައްކާ ގޮތުގައި އުމުރުން 20 އަހަރުން މަތީ ގިނަ އަންހެނުންނަކީ އެޗްޕީވީގެ ކޮންމެވެސް ބާވަތެއްގެ އިންފެކްޝަންއެއް ޖެހިފައިވާ މީހެކެވެ. ނަމަވެސް ގިނަ ފަހަރު ދިފާއީ ނިޒާމަށް މި ވައިރަސްއާ ހަނގުރާމަކޮށް ހަށިގަނޑުން މި ވައިރަސް ބޭރު ކުރުމުގެ ކުޅަދާނަކަން ލިބިފައިވުމުން މި ވައިރަސްގެ ސަބަބުން ދިމާވެދާނެ ސީރިއަސް ސިއްހީ މައްސަލަތަކުން ރައްކާތެރި ކޮށްދެއެވެ.
ނަމަވެސް، ކޮންމެވެސް ސަބަބަކާހުރެ ދިފާއީ ނިޒާމަށް މި ވައިރަސް އާ އެކަށީގެންވާ ވަރަށް ހަނގުރާމަ ނުކުރެވި، ވައިރަސް ހަށިގަނޑުގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ހުރުމުގެ ސަބަބުން ޖިންސީ ގުނަވަންތަކާ ގުޅިފައިވާ ކެންސަރު ޖެހުމަށް މެދުވެރި ކުރުވައެވެ. މިފަދަ އެއް ސަބަބަކީ އިންފެކްޝަން ޖެހުމަށް މެދުވެރިކުރުވި އެޗްޕީވީ ވައިރަސް ގެ ބާވަތެވެ.
އެޗްޕީވީގެ ބައެއް ވައްތަރުތަކަކީ ލޯ ރިސްކް ނުވަތަ ނެރައްކާތެރިކަން ކުޑަ ބާވަތްތަކެވެ. މިފަދަ އެޗްޕީވީގެ ވައިރަސް އެއްގެ އިންފެކްޝަން އެއް ޖެހިއްޖެ ނަމަ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށްވާ ޖެނިޓަލް ވާޓްސް (ޖިންސީ ގުނަވަނުގައި އުންތަކެއް ފަދަ ބިހި ތަކެއް ނެގުން) ޖެހި، ގިނަ އަހަރު ތަކެއްވި ނަމަވެސް ކެންސަރަށް ބަދަލު ވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
އެޗްޕީވީގެ އެހެން ބައެއް ވައްތަރުތަކަކީ ހައި ރިސްކް ނުވަތަ ނުރައްކާތެރިކަން ބޮޑު ވައްތަރުތަކެވެ. މިފަދަ އެޗްޕީވީ އިންފެކްޝަންއެއް ނަމަ ކެންސަރަށް ބަދަލު ވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ. އަދި މި ގޮތަށް އެޗްޕީވީގެ ސަބަބުން ޖެހޭ އެންމެ އާންމު ކެންސަރަކީ ރަހިމުގެ ދޮރަށްޖެހޭ ކެންސަރެވެ.
ރަހިމުގެ ދޮރަށްޖެހޭ ކެންސަރަކީ އަންހެނުންގެ މެދުގައި ޖެހޭ ކެންސަރުތަކުގެ ތެރެއިން މިއަދު ދެވަނަ އަށް އެންމެ އާންމު ކެންސަރަށް ވެފައިވާއިރު, އެޗްޕީވީ ވެކްސިން މިހާރު ލިބެން ހުރުން ވެގެން ގޮސްފައިވަނީ މި އާންމު ކެންސަރުން ގިނަ ބަޔަކު ރައްކާތެރިކޮށް ދިނިނުމަށް މަގުފަހި ކޮށްދީފައިވާ ވެކްސިނަކަށެވެ.
އެޗްޕީވީ ވެކްސިންއަކީ އެޗްޕީވީ ވައިރަސްއިން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ވެކްސިންއެކެވެ. ވީމާ ނުވަ އަހަރުން މަތީގެ ހުރިހާ އަންހެން ކުދިންނަށް މި ވެކްސިން ދިނުމަކީ މި ވައިރަސްގެ ސަބަބުން މެދުވެރިވެދާނެ ސިއްހީ މައަސަލަތަކުން، ހާއްސަކޮށް ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ވެކްސިންއެކެވެ. މިއީ ގިނަ ގައުމުތަކެއްގައި މިހާރުވެސް ދެމުން އަންނަ، އޭގެ ސަބަބުން ގިނަ ބަޔަކަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ވެކްސިނެކެވެ.
ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ އިތުރުން އެހެނިހެން ދަރިމައިވުމުގެ ނިޒާމުގެ ގުނަވަންތަކަށް ޖެހޭ ކެންސަރުތަކާއި އަނގައިގެ ކެންސަރަަކީ ވެސް އެޗްޕީވީ ވައިރަހުގެ ސަބަބުން ދިމާވާ ކެންސަރުތަކެވެ. އަދި މީގެ އިތުރުން ރަހިމުގެ ކެންސަރާ އަޅާބަލާއިރު ނިސްބަތުން މަދު ނަމަވެސް އެޗްޕީވީ ވައިރަހުގެ ސަބަބުން ފިރިހެނުންގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރަށް ވެސް މަގުފަހި ކުރުވަ އެވެ. ވީމާ ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުގައި ޅަފުރާގެ ފިރިހެން ކުދިންނަށް ވެސް މި ވެކްސިން ޖަހައެވެ.
އެޗްޕީވީ ވައިރަހުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކާއި ކެންސަރުގެ ބާވަތްތައް ގިނަނަމަވެސް ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ ވާހަކަ ގިނައިން ދެކެވެނީ މި ކެންސަރު ދުނިޔޭގެ ނިސްބަތުން ފެންނަލޭ ގިނަ ކަމުންނެވެ. ރާއްޖޭގައިވެސް މި ކެންސަރުގެ ވޭން ތަހައްމަލު ކުރަންޖެހިފައިވާ އަންހެނުން ގިނައެވެ. ވުމާއެކު، މިއަދު ދިވެހި ރާއްޖޭގައި 10 އަހަރާއި 14 އަހަރާއި ދެމެދުގެ އަންހެންކުދިންނަށް އެޗްޕީވީ ވެކްސިން ދިނުމަށް ފެށީފައި ވުމަކީ ކެންސަރާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށްވެސް އުންމީދީ ކުރިއެރުމެކެވެ.
މިފަދަ ރައްކާތެރި ވުމުގެ ފުރުސަތުއޮތް ކެންސަރުތަކުންނާއި ބަލިތަކުން ސަލާމަތް ވުމަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށް ދިނުމަކީ ކަމާ ބެހޭ ފަރާތްތަކުގެ ޒިންމާއެކެވެ. އަދި ހަމައެއާއެކު، މިފަދަ ބަލިތަކާއި އެ ބަލިތަކުން ރައްކާތެރި ވެވެން ހުރި ވަސީލަތްތަކާމެދު ހޭލުންތެރިވެ ލިބެންހުރި އެފަދަ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ކުރުމަކީ އާންމު ރައްޔިތުންގެ ޒިންމާއެކެވެ.
އެޗްޕީވީ ވެކްސިން ޅަފުރާގެ އަންހެން ކުދިންނަށް ދިނުމުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް އެޗްޕީވީ ވައިރަސްގެ ސަބަބުން ޖެހޭ ގިނަ ކެންސަރުތަކުންނާއި ބަލިތަކުން ރައްކާތެރިވެގެން ދާނެ އެވެ.