"މަރީ މިހާރު ހާދަ ފަލަ ވެއްޖެޔޭ ދޯ؟ ކިހިނެތް ތި ހަދަނީ؟"
"އައިޝާ މޫނަށް ތިހިރީ ކިހިނެއްވެފަ؟ ހާދަ ބިއްސެއް ނަގާފައޭ!"
"ކޮބާ ނަދާ މީހަކާވެސް އިނީ ދޯ؟ ކޮން އިރަކު ކުއްޖެއް ހޯދަނީ؟"
މިއީ އެކަކު އަނެކަކާ ބައްދަލުވުމުން އާންމުކޮށް އަމާޒު ކުރާ ސުވާލުތަކަކާއި ބަދަލު ކުރާނެ ކޮމެންޓުތަކެކެވެ.
އެ ހަގީގަތްތައް އެހެން އޮއްވައި ރަހްމަތްތެރިއެއް ނުވަތަ އާއިލާގެ މެންބަރަކު ފެނުމުން ފުރަތަމަ ވެސް އަހައިލެވެނީ "މިހާރު ހާދަފަލަ ވެއްޖެޔޭ!" ނުވަތަ "ކޮބާ އަދިވެސް ކުއްޖަކު ނުހޯދަންހެއްޔޭ، މިހާރު ތިޔޮށް އުމުރު ހުސްވަނީއޭ" މިފަދަ ވާހަކަތަކެވެ.
މީހާގެ ސޫރައާބެހޭ ގޮތުން އެއްޗެއް ބުނުމުގެ ކުރިން ވަރަށް ވިސްނަން ޖެހެ އެވެ. އަދި ބައެއް ވާހަކަ ބުނާއިރު އެއީ ބައްޔެއްގެ ސަބަބުން ދަރިމައިވުމަށް އުނދަގޫތަކާ ކުރިމަތިވެފައިވާ، އެކަމާމެދު އަބަދު ހިތާމަ ކުރަމުންދާ މީހަކަށް ވެސް ވެދާނެ އެވެ. ދެނެގަންނަންވި ހަގީގަތަކީ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތައް ބައިވަރު ކަމެވެ.
މި ލިޔުމުގައި ސިއްހީ ގޮތުން ރާއްޖޭގައި ވަރަށް ބޮޑަށް އެލާމް އަޅަމުންދާ އެފަދަ މައްސަލައަކަށް ބަލައިލާނަމެވެ. މި މައްސަލައަކީ ދިވެހި ގިނަ އަންހެން ކުދިން އެ ބަލީގެ ޝިކާރައަކަށްވެފައިވާ ޕީސީއޯއެސް އެވެ.
ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް
ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) އަކީ ހޯމޯން މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަރިން ލިބޭ އުމުރުގެ އަންހެނުންނަށް މެދުވެރިވާ ސިއްހީ މައްސަލައެކެވެ. ޕީސީއޯއެސް ހުންނަ އަންހެނުންގެ ހަށިގަނޑުގައި އެންްޑްރޮޖެން ނުވަތަ ފިރިހެން ހޯމޯން އާންމުކޮށް ހުންނަ މިންވަރަށްވުރެ ގިނައިން ހުރެއެވެ. މީގެ ސަބަބުން އެތައް ސިއްހީ މައްސަލަތަކަކާ ދިމާވެ އެވެ.
ޕީސީއޯއެސް އަކީ އޯވަރީގައި ބައިވަރު ކުދި ސިސްޓްތަކެއް އުފެއްދުމަށް މެދުވެރި ކުރުވާ މައްސަލައެކެއެވެ. އޭގެ ސަބަބުން މައްސަރު ކަންތައް ގަވައިދުން ނުޖެހި ދަރިމައިވުމަށް ވެސް އުދަނގޫވެ އެވެ. އަދި ޕީސީއޯއެސް ހުންނަ އަންހެނުން މާބަނޑު ދުވަސްވަރު ބައިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ބައެއް އަލާމާތްތައް
- މައްސަރު ކަންތައް ގަވައިދުން ނުޖެހުން
- މޫނުގައި އިސްތަށި ގިނަވުން
- އޮށާޅަ ނެގުން
- ހަށިގަނޑުގެ ބައެއް ތަންތަނުގައި ހަން ބޯވެ ކަޅުވުން
- ބޮލުގެ އިސްތަށި ފޭބުން
- ފަލަވުން، ބަރުދަން ލުއި ކުރުމަށް އުދަނގޫވުން
ޕީސީއޯއެސް ހުންނަ ކޮންމެ އަންހެނެއްގެ ގައިގައި މި ހުރިހާ އަލާމާތެއް ނުހުރެދާނެ އެވެ. އަދި މި ނޫންވެސް ތަފާތު އެތަކެއް އުނދަގޫތަކާ ޕީސީއޯއެސް ހުންނަ އަންހެނުން ކުރިމަތިލާން ވެސް ޖެހެ އެވެ.
ޕީސީއޯއެސް އަކީ އެހެނިހެން ބަލިތަކާ ވެސް ގުޅިފައިވާ މައްސަލައެކެވެ. އެގޮތުން ޕީސީއޯއެސް ހުންނަ އަންހެނުންގެ ހަށިގަނޑުގައި ހޯމޯން އިންސުލިން ހުންނަނީ އާންމުކޮށް ހުންނަންޖެހޭ މިނަވަރަށް ވުރެ ގިނައިންނެވެ. އިންސުލިންގެ މުހިންމު ބޭނުން ތަކުގެ ތެރެއިން މި ހޯމޯންގެ މައިގަނޑު މަސްއޫލިޔަތަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއް ހަމައެއްގައި ދަމަހައްޓައި ކޮންޓްރޯލް ކުރުމެވެ.
ނަމަވެސް ޕީސީއޯއެސް ހުންނަ އަންހެނުންގެ ހަށިގަނޑުގައި އިންސުލިން މާ ގިނަވެފައި އޭގެ މަސައްކަތް އެންމެ ފުރިހަމައަކަށް ނުކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން އިތުރުވާން މަގުފަހިވެ ޓައިޕް 2 ޑައެބިޓީސް ނުވަތަ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންވެ ޕީސީއޯއެސް ހުންނަ ގިނަ އަންހެނުނަށް ބަރުދަން ލުއި ކުރަން އުނދަގޫވެ އެވެ. ނަތީޖާއެއްގެ ގޮތުން މާ ބޮޑަށް ފަލަވެ ނޭވާ ކުރުވެ ރޭގަނޑުގެ އަރާމު ނިދިން ވެސް މަހްރޫމް ކުރުވައެވެ.
ޕީސީއޯއެސް އާއި ލޭގެ ޕްރެޝަރު މާ މައްޗަށް ދިއުމާ ވެސް ގުޅުމެއްވާ ކަމަށް ހޯދުންތަކުން ދައްކަ އެވެ.
ޕީސީއޯއެސް މުޅިން ރަނގަޅު ކުރެވޭނެ ފަރުވާއެއް ނެތް ނަމަވެސް ޑޮކްޓަރު ފަރުވާ ދޭނީ ޕީސީއޯއެސްގެ އަލާމާތްތަކާއި އޭގެ ސަބަބުން ދިމާވާ މައްސަލަތަައް ހައްލުކޮށް ލުއި ކުރުމަށެވެ. އަދި ދަރިން ހޯދަން އުނދަގޫވާނަމަ އެކަމަށް ވެސް ބޭސް ކުރަން ޖެހިދާނެ އެވެ.
ޕީސީއޯއެސް އާއެކު ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. މާ ފަސޭހައިން ފަލަވުމާއި ބަރުދަން ލުއި ކުރުމަށް ކުރާ މަސަތްކަތުން އެންމެ އެދެވޭ ނަތީޖާއެއް ނުފެނުމާއި މޫނުގައި އޮށާޅަ ނެެގުމާއި އިސްތަށި ގިނަވުން ފަދަ މައްސަލަތަކަކީ ގިނަ އަންހެން ކުދިން އެކަމާ ލަދުގަނެ ހިތާމަ ކުރާނެ ކަންކަމެވެ.
ފާޅުކަން ބޮޑު ގޮތެއްގައި އަންނަ މި ބަދަލުތަކުގެ ސަބަބުން މީހުންގެ ތެރެއަށް ނުކުމެ އުޅެން ޖެހިލުން ވެއެވެ. އަދި ޑިޕްރެޝަން އާއި އެހެނިހެން ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެއެވެ.
މި ބަލީގެ ސަބަބުން ދަރިމައިވުމަށް އުދަނގޫވެ އެކަމަށް ބޭސް ކުރާ އަންހެނުން ގިނަވެފައިވާއިރު މިއީ ނަފްސާނީ ގޮތުންވެސް މީހާއަށް ނޭދެވޭ އަސަރުކަތައް ކުރުވާ މައްސަލައެކެވެ. ރަހުމަތްތެރިޔަކަށް ނުވަތަ އާއިލާގެ މެންބަރަކު މި ބަލީގެ އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަން އެނގިއްޖެނަމަ ހިތްވަރުދީ އެހީތެރިވުމަކީ ކުރެވިދާނެ ކަމެކެވެ.
ޕީސީއޯއެސް އާ އެކުވެސް އުފާވެރި ދިރިއުޅުމެއް ވޭތުކުރެވިދާނެ އެވެ. އެންމެ މުހިންމު އެއް ކަމަކަށްވާނީ ބަރުދަން ހެޔޮވަރު މިނެއްގައި ދެމެހެއްޓުމެވެ. މިއީ ޕީސީއޯއެސް ހުންނަ މީހުންނަށް ހާސިލް ކުރަން އެންމެ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް ކެއުމަށް ބަދަލު ގެނެސް ކަސްރަތު ކުރުމަށް އަހުލުވެރި ވެއްޖެނަމަ މިއީ ހާސިލް ކުރެވިދާނެ ލަނޑުދަނޑި އެކެވެ.
ގަވައިދުން ކަސްރަތު ކުރުމަކީ ޕީސީއޯއެސް ގެ ސަބަބުން މެދުވެރިވާ ގިނަ އުނދަގޫތައް ލުއިކޮށް ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ކަމެކެވެ. މި ކަން ހާސިލް ކުރުމަށް ކޮންމެހެން ގިނަ ފައިސާ ހަރަދު ކޮށްގެން ޖިމަކަށް ދިއުން މުހިންމެއް ނޫނެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ދުވާލަކު އެންމެ ތިރީސް މިނެޓް ނުވަތަ ހަފްތާއެކު 150 މިނެޓް ކަސްރަތު ކުރުމުން ވެސް ފުދޭނެ އެވެ. އެއީ ދުވުން ނުވަތަ ހަލުވިކޮށް ހިނގުން ކަމުގައި ވެސް ހެދިދާނެ އެވެ.
މިގޮތަށް ކަސްރަތުކުރަން ވަގުތު ހުސްކޮށް ގަވައިދުން ކަސްރަތު ކުރުމަކީ އޭގެ ސަބަބުން ތިމާއަށް ހިތްހަމަ ޖެހުން ވެސް ލިއްބައިދީ ސްޓްރެސްވުމާއި ކަންތައްތަކާމެދު ފިކުރު ބޮޑު ވުމުން ވެސް ދުރުހެލި ކޮށްދޭނެ ކަމެކެވެ.
ޕީ.ސީއޯއެސް އާ ގުޅޭގޮތުން ކުރެވިފައިވާ ގިނަަ ދިރާސާތައް ބުނާ ގޮތުގައި މި ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކަށް އެންމެ އެދެވޭ ލުޔެއް ގެނެސްދޭނީ ކެއުމަށް ގެންނަ ބަދަލުތަކުންނެވެ. އެގޮތުން ޕީސީއޯއެސް ހުންނަ މީހުން ކެއުމުގައި ކާބޯހައިޑްރޭޓްސްގެ ބައި މަދުކުރަން ޖެހެ އެވެ. އަދި ފައިބަރު އެކުލެވިގެންވާ ކެއުންތައް ގިނަ ކުރުމުން އިންސުލިން ރަނގަޅަށް ހަށިގަނޑުގައި މަސަތްކަތް ނުކުރާތީ ދިމާވާ މައްސަލަތަކަށް ލުއި ލިބުމަށް އެހީތެރި ވެދެއެވެ. އަދި ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދިޔުމުން ރަތްކާތެރި ކޮށްދެއެވެ.
ފައިބަ ގިނައިން އެކުލެވޭ ބައެއް ކެއުންތައް
- ބްރޮކޮލީ އަދި ކޯލީފްލާވާ
- ފެހިކަން ގަދަ ތަރުކާރީ އާއި ލެޓިއުސް ފަދަ ފަތުގެ ބާވަތްތް
- ބީންސް
- އާމަންޑްސް
- ބަރަބޯ
ކުއްލިޔަކަށް ކެއުން އެއްކޮށް ބަދަލުކޮށް ލުމަކީ ފަސޭހަ ކަމެއް ނޫނެވެ. މީގެ ބަދަލުގައި މަޑުމަޑުން ކޮންމެ ދުވަހަކު އާންމުކޮށް ކެއުމުގައި ބޭނުން ކުރާ ތަކެތި ފައިދާހުރި އެއްޗެއްސަށް ބަދަލު ކުުރުން ބުއްދިވެރި އެވެ. މިސާލަކަށްް ހެނދުނުގެ ނާސްތާއަށް މާޖަރިން އާއި ޕާން ފޮއްޗެއް ބޭނުން ކުރާނަމަ އޭގެ ބަދަލުގައި ފައިބަރުން މުއްސަނދިވެފައިވާ ހޯލް ގްރެއިން ޕާން ފޮއްޗަކާއި އޮލިވް އޮއިލް ނުވަތަ އެވަކާޑޯ ފަދަ އެއްޗަކަށް ބަދަލު ކޮށްލެވިދާނެ އެވެ.
ޕީސީއޯއެސް އަކީ މިހާރު ދިވެހި އަންހެނުންގެ މެދުގައި ވަރަށް އާންމު ބައްޔަކަށްވާތީ މި ބައްޔާމެދު އެންމެން ވެސް ހޭލުންތެރިވުން މުހިންމެވެ. އޭރުން މި ބަލީގެ ސަބަބުން ރަހްމަތްތެރިޔަކަށް އާއިލާގެ މެންބަރަކަށް ނުވަތަ އަނބި މީހާއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވެ، އެމީހުންނަށް އެންމެ އެދެވޭ ގޮތުގައި އެހީތެރިވެވޭނެ އެވެ.
މި ބައްޔާއި މި ބަލީގެ ސަބަބުން މެދުވެރިވާ ތަފާތު މައްސަލަތަކާ ހަނގުރާމަ ކުރާ ހިތްވަރުގަދަ އަންހެނުން އަމިއްލަ ނަފްސާއި ހަށިގަނޑުދެކެ އަބަދުވެސް ލޯބިވާންވާނެ އެވެ. އަބަދުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ލޯބިކޮށް، ހާއްސަކޮށް ބަރުދަން ހެޔޮވަރު ވަރެއްގައި ދެމެހެއްޓުމަށް މަސަތްކަތް ކުރަންވާނެ އެވެ. ބަރުދަން ހެޔޮވަރު ވަރެއްގައި ދެމެހެއްޓިއްޖެނަމަ ހަކުރުބަލި އަދި ލޭގެ ޕްރެޝަރު މައްޗަށް ދިއުން އަދި އެނޫން ވެސް ޕީސީއޯއެސްއާ ގުޅިފައިވާ މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަ ވާނެއެވެ. އަދި ގަވައިދުން ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދަންވާނެ އެވެ.
އެޑިޓަރުގެ ނޯޓް: އާމިނަތު ނައުޝާ އަހުމަދަކީ ޒުވާން މެޑިކަލް ސުޓޫޑެންޑެކެވެ. ޖަމާލުއްދީނާއި ސީއެޗްއެސްއީގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު މެޑިކަލް ޑޮކްޓަރުކަށްވެ ވަޑައިގަތުމަށް ނައުޝާ ކިޔަވާ ވިދާޅުވަނީ މެލޭޝިޔާ އިންޓަނޭޝަލް މެޑިކަލް ޔުނިވާސިޓީގަ އެވެ. ނައުޝާއަކީ 2013 ވަނަ އަހަރު ޖަމާލުއްދީނުގެ އެންމެ މޮޅު ދަރިވަރެވެ. އޯލެވެލް އާއި އޭލެވެލްގައި ރާއްޖޭގެ އެއްވަނަ ވެސް ހޯއްދެވި ނައުޝާ ކިޔާ ވިދާޅުވަނީ ރައީސުލްޖުމްހުރިއްޔާގެ ސްކޮލާޝިޕެއްގަ އެވެ. ސްކޫލް ދައުރުގައި ވެސް ލިޔުންތެރި ކަމުގައި ފާހަގަ ކުރެވުނު ނައުޝާ ސިއްހީ ދާއިރާގެ އެކި މައްސަލަތަކާ ބަލާލައި ލިޔާ ލިޔުންތައް ކޮންމެ އާދީއްތަ ދުވަހެއްގައި ގެނެސްދޭނެ އެވެ.