ނައުޝާގެ ހެލްތު ކޮލަމް

ކަށި ފީވުން - ރައްކާތެރިވެވިދާނެ ނުރައްކަލެއް!

ހަށިގަނޑުގެ އެހެން ސެލްތަކެކޭ އެއްގޮތަށް ކައްޓަކީ ވެސް އޭގެ ސެލްތައް ނެތި ގޮސް އާލަވާތީ، ހެދިބޮޑު ވަމުން އަންނަ ގުނަވަނެކެވެ. ކަށި ބާރުގަދަ، ހަރު ގުނަވަނެއްގެ ގޮތުގައި ހުރުމަށް މެދުވެރި ކުރުވަނީ ކަށީގައި ހިމެނިފައިވާ ކެލްސިއަމް އަދި ފޮސްފޮރަސް ފަދަ ބާވަތްތަކުގެ ސަބަބުންނެވެ. ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ މި މާއްދާތައް ކަށީގައި ހުންނަވަރު މަދު ވެއްޖެނަމަ ކަށި ފީވުމަށް މެދުވެރި ކުރުވަ އެވެ.

އެހެނީ ކަށި ފީވުން ނުވަތަ އޮސްޓިއޯޕޮރޯސިސްއަކީ އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ ބައްޔެކެވެ. މި ބަލި ހުންނަ މީހުންގެ ކަށީގެ ބަރުދަން ލުއިވެ ކަށިތައް ބަލިކަށި ވެއެވެ. އަދި ތަނެއްގައި ޖެހި ނުވަތަ ވެއްޓިއްޖެނަމަ ފަސޭހައިން ކައްޓަށް އަނިޔާވެ، ބިނދޭ ގޮތްވެއެވެ.

އީސްޓްރޮޖެން އަދި ޓެސްޓޮސްޓެރޯންފަދަ ހޯމޯންތައް ކަށީގެ ބާރު ދެމެހެއްޓުމަށް އެހީތެރިވެ އެވެ. އަދި އުމުރުން ދުވަސްވުމުން މައްސަރުކަންތައް ޖެހުން ހުއްޓުމާއެކު، އީސްޓްރޮޖެން ހަށިގަނޑުގައި އެކުލެވިފައިވާ މިންވަރު މަދުވެ، ކަށި ފީވުމަށް މަގުފަހިކުރުވަ އެވެ. ވީމާ ފިރިހެނުންނަށްވުރެން ކަށި ފީވުމުގެ މައްސަލަ ޖެހުމުގެ ފުރުސަތު އަންހެނުންނަށް ބޮޑެވެ.

ކަށި ފީވުމުގެ އަލާމާތްތައް

އާންމުކޮށް ކަށި ފީވުމުގެ އަލާމާތްތައް ފެންނަނީ ކަށިތައް ވަރަށް ބޮޑަށް ފީވާ ފަހުންނެވެ. އެހެނީ މި ބަލި ހުންނަކަން ގިނަ ފަހަރު އެނގެނީ އަނިޔާއެއްވެ ކަށި ބިނދި ނުވަތަ ރެނދުލާ ފަހުންނެވެ. ވީމާ ކަށި ފީވުމުގެ އެންމެ ބޮޑު އަލާމާތަކީ ފަސޭހައިން ކަށި ބިނދި، ރެނދުލުމެވެ. އަދި މީގެ އިތުރުން ބުރަކަށީގައި ރިހުން، ގުދުލައި އިސްކޮޅުން ކުރުވުން ފަދަ އަލާމާތްތައް ހިމެނެ އެވެ.

ކަށި ފީވުމަށް މަގުފަހި ކުރުވާ ބައެއް ސަބަބު

  • ކެއުމުގައި އެކަށޭނަ މިންވަރަށް ކެލްސިއަމް ނުހިމެނުން
  • ކެއުމުގައި ވައިޓަމިން ޑީ މަދުވުން
  • ދުންފަތުގެ އިސްތިއުމާލު ކުރުން
  • މާގިނައިން ކެފެއިން އެކުލެވޭ ބާވަތްތައް ބޭނުން ކުރުން
  • ގަވައިދުން ކަސްރަތު ނުކުރުމާއި ހެލި ފެލިވެ ނޫޅުން
  • މައްސަރުކަންތައް އަވަހަށް ހުއްޓުން
  • އެސްމާ އަދި ރުމަޓޮއިޑް އާތްރައިޓިސް ފަދަ ބަލިތަކަށް ބޭނުންކުރާ ބޭސް ދިގު މުއްދަތަކަށް ބޭނުން ކުރުން
  • ބައެއް ސިއްހީ މައްސަލަތައް (ތައިރޮއިޑް ޑިސީސް، ކިޑްނީ ބަލިތައް، ގޮހޮރުގެ ބަލިތައް)

ކަށި ފީވުމުން ރައްކާތެރިވާނީ ކިހިނެތް؟

- ސިއްހަތަށް ފައިދާހުރި ކާނާ ކެއުން މޭވާ، ތަރުކާރީ ހޯލްގްރެއިން
- ކެލްސިއަމް އެކުލެވޭ ކެއުންތައް ކެއުން
- ދުންފަތުގެ އިސްތިއުމާލު ނުކުރުން
- ކެފެއިން އެކުލެވޭ ބުއިންތައް މަދުކުރުން
- ކަށީ ބާރުގަދަ ކުރަން ގަވައިދުން ކަސްރަތުކުރުން

ކަށި ފީވުމާއި ކެލްސިއަމް

ޅަ އުމުރުންސުރެ ސިއްހަތަށް ފައިދާހުރި ކާނާ އެކުލެވޭ ކެއުމުގެ ވައްޓަފާޅިއެއް ގެންގުޅުން މުހިންމެވެ. އެގޮތުން ކެލްސިއަމް އެކުލެވޭ ކެއުމުގެ ބާވަތްތައް ވަރަށްވެސް މުހިންމެވެ. ކެއުމުން ހަށިގަނޑުގެ މަސައްކަތްތަކަށް ބޭނުންވާ ވަރަށް ކެލްސިއަމް ނުލިބޭނަމަ ކަށިތަކުގައި ރައްކާކުރެވިފައިވާ ކެލްސިއަމް ބޭނުން ކުރަން ފަށާނެ އެވެ. މީގެ ނަތީޖާއަކަށް ވާނީ ކަށިތަކުގައި އެކުލެވޭ ކެލްސިއަމްގެ މިންވަރު ދަށަށް ގޮސް ކަށި ފީވުމެވެ.

ވީމާ ހުރިހާ އުމުރެއްގެ މީހުންވެސް ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ކެލްސިއަމް ހިމަނަންވާނެ އެވެ. ހާއްސަކޮށް ކަށިތައް އުފެދިގެން އަންނަ ޅަފުރައިގެ ދުވަސްވަރު ގިނައިން ކެލްސިއަމް ބޭނުން ކުރުން ވަރަށް މުހިންމެވެ.

ކެލްސިއަމް އެންމެ ގިނައިން އެކުލެވެނީ ކިރުގެ ބާވަތްތަކުގަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ކިރު ތައްޓެއް ބުއިމަށް އާދަ ކުރެވިދާނެ އެވެ. އަދި މީގެ އިތުރުން ސާޑިންސް، ސްޕިނެޗް، އާމަންޑްސް ފަދަ ބާވަތްތަކަކީ ވެސް ކެލްސިއަމްއިން މުއްސަނދިވެފައިވާ ކެއުންތަކެވެ.

ކަށިފީވުމާއި ވައިޓަމިން ޑީ

ކެއުމުގައި ހިމެނޭ ކެލްސިއަމް ހަށިގަނޑަށް ބޭނުން ކުރެވޭނީ ވިޓަމިން ޑީ ގެ އެހީތެރިކަމާއެކުގަ އެވެ. ވީމާ ކަށި ފީވުމުން ރައްކާތެރިވުމަށް ކެލްސިއަމާ އެއްފަދައިން ވައިޓަމިން ޑީ ވެސް މުހިންމު ރޯލެއް އަދާކުރެ އެވެ.

ވައިޓަިމިން ޑީ އުފެއްދުމުގެ ކުޅަދާނަކަން އިންސާނާގެ ހަމަށް ލިބިގެން ވެއެވެ. އެހެނީ އިރުގެ ދޯދިތައް، ހަންގަނޑަށް އެޅުމުން ވައިޓަމިން ޑީ އުފެއްދުމުގެ ގާބިލްކަން ހަމަށް ލިބިގެންވެ އެވެ. މީގެ އިތުރުން ވިޓަމިން ޑީ ފޯރުކޮށްދޭ ކެެއުމުގެ ބާވަތްތަކަށް ބަލައިލާއިރު ބިހުގެ ގޮބޮޅި، ސެލްމަން އަދި ފެލިވަރު މަސް ފަދަ ބާވަތްތައް ހިމެނެ އެވެ.

ކަށި ފީވުމާއި ކަސްރަތު ކުރުން

ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް ގަވައިދުން ކަސްރަތުކުރުން ވަރަށް މުހިންމެވެ. އެގޮތުން ހިނގަން ދިއުން، ޖޮގިންގް، ޓެނިސް، ނެޓްބޯލް އަދި ނެށުން ފަދަ ހަރަކާތްތަކުން ކަށި ވަރުގަދަވެ ބާރު ދިނުމަށް އެހީތެރި ވެއެވެ. ފެތުމަކީ ސިއްހަތައް ގިނަގުނަ ފައިދާ ތަކެއް ފޯރުކޮށްދޭ ކަސްރަތެއް ނަމަވެސް ކަށިތައް ވަރުގަދަ ކުރުމުގައި ފެތުން މާ ބޮޑު ދައުރެއް އަދައެއް ނުކުރެ އެވެ.

މީގެ އިތުރުންވެސް ކަށި ފީވުމުން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތެއް ނަމަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން ވަރަށް މުހިންމެވެ. ހޯދުންތައް ދައްކާ ގޮތުގައި ސިނގިރޭޓް އަދި ގުޑުގުޑާ ފަދަ ދުންފަތް އެކުލެވޭ އެފަދަ ތަކެތީގައި ހިމެނޭ ސިއްހަތަށް ނުރައްކާތެރި ކެމިކަލް ތަކުގެ ސަބަބުން މިފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކުގެ ކަށީގެ ބަރުދަން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވުރެން މަދެވެ.

އަވީގައި ޖެހުމަކީ ވައިޓަމިން ޑީ އުފެއްދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް މެންދުރު ދަޅައިގައި ދޭ އިރުގެ އަލި ދޯދި ތަކުގެ ސަބަބުން ހަމުގެ ތަފާތު ބަލިތައް ޖެހުމަށް މަގުފަހި ވެދާނެތީ ރަތްދަކަ އަތްވަށް ނުނިކުތުމަށް ސަމާލުވާން ވާނެ އެވެ. ވީމަ އެންމެ އެދެވިގެންވަނީ ހެދުނުގަޑީގައި އަވި އެންމެ ބާރު ނުވަނީސް ބޭރަށް ނުކުތުމަށެވެ.

ކަށި ފީވުމާއެކު ދިރިއުޅުން

ކަށި ފީވުމުގެ ސަބަބުން ވަރަށް ފަސޭހައިން ލިބޭ އަނިޔާއެއްގެ ސަބަބުން ކަށި ބިނދި، ރެނދުލުން ވަރަށް ގާތެވެ. ވީމާ މި ބަލި ހުންނަނަމަ ތިމާގެ ވަށައިގެންވާ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ބެހެއްޓުމަށް ސަމާލުކަން ދޭންވާނެ އެވެ. އަދި މިއީ ދުވަސްވީ މީހުނަށް އާންމުކޮށް ތަހައްމަލު ކުރަންޖެހިފައިވާ މައްސަލައެއް ކަމުން، އެ މީހުން ދިރިއުޅޭ ތަނަކީ ރައްކާތެރި މާހައުލެއް ގޮތުގައި ބެހެއްޓުމަށް ގޭގައި އުޅޭ އެހެން މީހުން ސަމާލުވާން ވާނެ އެވެ. މޭޒެއް ފަދަ ތަނެއްގައި ޖެހިއްޖެނަމަ އާދަޔާ ހިލާފަށް ފަސޭހައިން ކައްޓަށް އަނިޔާއެއްވުން ކައިރި އެވެ. ވީމާ ފާހަނަ އަދި ގޭތެރެ އަބަދުވެސް އަލިކޮށް ބަަހައްޓައި ކައްސާލައިގެން ވެއްޓުނު ނުދިނުމަށް ފަސޭހައިން ކައްސާލާފާނެ ފައިފުހި ފަދަ ތަކެތި ނުބެހެއްޓުން ބުއްދިވެރި އެވެ.

މި ބައްޔަށް ޑޮކްޓަރީ ފަރުވާ އޮވެއެވެ. މި ބައްޔަށް ދޭންވާ ފަރުވާ ނުދެވި ގިނަ ދުވަސް ވެއްޖެނަމަ ސިއްހަތައް ނުރައްކާތެރި މައްސަލަތަކެއް މެދުވެރިވެދާނެ އެވެ. އޭގެ ތެރޭގައި މައިބަދައިގައި ރެނދުލައި އުމުރު ދުވަހަށް ނުކުޅެދޭ މީހަކަށް ވުމަށް މެދުވެރި ވެދާނެ ސީރިއަސް މައްސަލަތަކެއް ކުރިމަތި ވެދާނެ އެވެ. ވީމާ ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ބޭނުން ކުރުން މުހިންމުވާނެ އެވެ.

މިއީ އުމުރުން ދުވަސްވީ މީހުންގެ ކިނބައިން ފެންނަ އާންމު ބައްޔެއް ނަމަވެސް ޅަ އުމުރުންސުރެ މިފަދަ ބަލިތަކާ މެދު ހޭލުންތެރިވެ، ދިރިއުޅުމުގައި ހަރުދަނާ ސިއްހީ އާދަތަކެއް ގެންގުޅެފިނަމަ މިއީ އެ ބައްޔަކުން ރައްކާތެރި ވުމުގެ ފުރުސަތު އޮތް މައްސަލައެކެވެ.