ހަބަރު

ފުރައިޑޭގެ ވާހަކަ ތަފާތު: އޭނާގެ ގެއަކީ ރާއްޖޭގެ ވިކްޓަރީ!

ނައިޖީރިއާގެ ގްބްނީމް ފުރައިޑޭ 2001 ވަނަ އަހަރު ރާއްޖެއަށް އައީ، ރާއްޖެއަށް ކުޅެން އައި އެފްރިކާގެ ބައެއް ކުޅުންތެރިންނާއެކު އެވެ. ނައިޖީރިއާއިން މާލެ އައިސް އުޅޭ ފުރާވަރު އުމުރުގެ ޒުވާނެއްގެ ވާހަކަ، ވިކްޓަރީގެ އޭރުގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) އަށް އަޑު އިވިގެން، ޓްރެއަލްގައި ވިކްޓަރީގެ ޕްރެކްޓިހަށް ނުކުތުމަށް މާއްޓޭ، މި ޒުވާނާއަށް ދައުވަތު ދިނެވެ. އޭރު އުމުރުން 16 އަހަރުގެ ފްރައިޑޭގެ އެއްވެސް ކުލަބަކަށް ފުޓްބޯޅަ ކުޅެފައެއް ނުވެ އެވެ. އޭނާގެ ކިބައިން މާއްޓޭއަށް ފާހަގަވި ހަމައެކަނި ހުނަރަކީ ހަލުވި ސްޕީޑެވެ. ސްޕީޑަށް ބެލުމަށް ފަހު ވިކްޓަރީގެ ސްކޮޑުގައި އޭނާގެ ނަން ޖަހަން މާއްޓޭ ނިންމި އެވެ.

މާއްޓޭގެ އިސް ނެގުމުގެ މަތިން ވިކްޓަރީގެ ޓީމުން އޭނާއަށް ދިން ފުރުސަތުގެ ބޭނުން ފްރައިޑޭ ވަރަށް ރަނގަޅަށް ހިފި އެވެ. ވިކްޓަރީން ލިބުނު ފުރުސަތާއެކު، އޭނާގެ ޕްރޮފެޝަނަލް ކެރިއާ ފެށި އެވެ.

ދުނިޔޭގެ އެކި ބައްރުތަކުން، ތަފާތު އެކި ކުޅުންތެރިން ދިވެހި ކުލަބުތަކަށް ކުޅެން އާދެ އެވެ. އެއިން ކޮންމެ ކުޅުންތެރިޔަކު ރާއްޖޭގެ ކުލަބުތަކަށް ކުޅެން އަންނަނީ، ބޭރުގެ އެހެން ކުލަބަކަށް ކުޅުމަށް ފަހު އެވެ. ބިދޭސީ ކުޅުންތެރިންގެ ތެރެއިން ފްރައިޑޭގެ ވާހަކަ ތަފާތު ވަނީ އޭނާގެ ސީނިއާ ކެރިއާ ފެށީ ރާއްޖޭގެ ރަސްމީ ދަނޑުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ކަމަށްވާތީ އެވެ.

ރާއްޖެއަށް ކުޅެން އައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ފުރައިޑޭގެ ނަން ނުހިމެނި ނުދާނެ އެވެ. އެކަމަކު ނިއު ރޭޑިއަންޓަށް ކުޅުނު ކޮންގޯގެ ޕެޓްރިކް ޗިކާޔާ އާއި ވިކްޓަރީއަށް ކުޅުނު މޮރޮކޯގެ ފިދާދީ މުހައްމަދުގެ ފަހަތުން އެ ލިސްޓްގައި ފުރައިޑޭގެ ނަން ހިމެނޭނެ އެވެ. އެއީ ރާއްޖެއަށް ކުޅެން އައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިންނެވެ. އެ ލިސްޓުންވެސް ފުރައިޑޭގެ ނަން ހާއްސަ ވަނީ އޭނާގެ ކެރިއާގެ ފެށުމާއި ރާއްޖޭގެ ކުލަބު ފުޓްބޯޅަ އާ ގުޅުން އޮތުމުންވެ.

"އަހަރެން ރާއްޖެ ދިޔައިރު އަހަންނަކަށް ނޭނގޭ ޕާސް ދޭން ޖެހޭ ގޮތަކަށް ޕާސް ދޭކަށް ވެސް،" އަވަސްއަށް ދިން އިންޓަވިއުގައި ފުރައިޑޭގެ ފުޓްބޯޅަ ކެރިއާ ފެށުނު ގޮތް އޭނާ ކިޔައި ދިނެވެ. "ޕާސް ދޭން ޖެހޭ ގޮތާއި ބޯޅަ ހޯދަން ޗެލެންޖު ކުރުމާ ފުޓްބޯޅައިގެ ހުނަރުތައް އަހަރެން ދަސް ކުރީ ވިކްޓަރީން، އެ ކުލަބަކީ އަހަރެންގެ ފުޓްބޯޅައިގެ ގެ."

އޭނާގެ ފުޓްބޯޅައިގެ ހުނަރު ތަރައްގީކޮށް ދިނުމުގައި އެންމެ ބޮޑަށް އެހީތެރިވެ ދިނީ މާއްޓޭ އެވެ. މާއްޓޭއާ މެދު ފުރައިޑޭ ދެކެނީ އޭނާގެ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގަ އެވެ. މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ފުރައިޑޭ ހަދައިދިނުމުގައި މާއްޓޭގެ ކެތްތެރިކަމާއި ހިތްވަރު ފާހަގަ ވެގެން ދިޔަ އެވެ.

"މިހާރު އަހަންނަށް ބައިވަރު ކޯޗުންނާއެކު އެކި ކުލަބުތަކުގައި މަސައްކަތް ކުރެވިއްޖެ، ކޯޗް މާއްޓޭ އަކީ އަހަރެން މަސައްކަތް ކުރި ކޯޗުންގެ ތެރެއިން އަހަރެންގެ ކެރިއާއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި ކޯޗް،" މާއްޓޭއަށް ތައުރީފް ކުރަމުން ފުރައިޑޭ ވާހަކަ ދެއްކި އެވެ. "ފުޓްބޯޅައިގައި އަހަރެންގެ ގެއަކީ ވިކްޓަރީ ކަމަށްވާއިރު، ފުޓްބޯޅައިގައި އަހަރެންގެ ބައްޕައަކީ މާއްޓޭ."

ވިކްޓަރީގައި ދެއްކި ކުޅުމާއެކު، ފުރައިޑޭއަށް އޭޝިއާގެ ކުލަބުތަކުން ފުރުސަތު ލިބުމަށް މަގު ތަނަވަސްވި އެވެ. ވިކްޓަރީއަށް އޭނާ ކުޅުނު ދުވަސްވަރު އޭނާގެ އެންމެ ހާއްސަ މެޗަކަށްވީ، އޭއެފްސީ ކަޕުގައި އިންޑޮނޭޝިއާގެ ޕީއެސްއެމް މަކާސަރު އާ ދެކޮޅަށް މެޗެވެ.

"އަހަރެން ދުވަހަކުވެސް އެ މެޗު މަތިން ހަނދާނެއް ނުނެތޭނެ، އެއީ އޭއެފްސީ ކަޕުގައި މާލޭގައި ވިކްޓަރީ އާއި އިންޑޮނޭޝިއާގެ ޕީއެސްއެމް މަކާސަރު އާ ދެކޮޅަށް ކުޅުނު މެޗު،" ވިކްޓަރީގައި ކުޅުނު އެންމެ ހާއްސަ މެޗުގެ ހަނދާންތައް ފްރައިޑޭ އާ ކުރި އެވެ. "އެ ދުވަހު މަކާސަރު ކޮޅަށް އަހަރެން ޖެހި ދެ ލަނޑު ވެސް ޖެހީ ދަނޑީގައި ޖައްސާލުމަށް ފަހު، މިހާރު ވެސް އަހަރެން ހަނދާން ހުރޭ އަހަރެން އެ ދެ ލަނޑު ޖެހިގޮތް."

އެ މެޗުގައި ދެއްކި ކުޅުމާއި، އޭނާ ޖެހި މޮޅު ލަނޑާއެކު އިންޑޮނޭޝިއާގެ ލީގްގައި ވާދަ ކުރާ ޓީމުތަކަށް ފްރައިޑޭގެ ކުޅުން ފާހަގަ ވެގެން އޭނާ ގެންދިއުމަށް އެ ކުލަބުތަކުން ބޭނުންވި އެވެ. ވިކްޓަރީން ފުޓްބޯޅަ ކެރިއާ ފަށައި އެ ކުލަބުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު ގިނަ ބައެއްގެ ތައުރީފް ފްރައިޑޭއަށް ލިބުނެވެ. ރާއްޖޭގެ ކުލަބުތަކާ ދެކޮޅަށް ކުޅެން އައި ބޭރުގެ ކުލަބުތަކުގެ ލޮލުގައި ފްރައިޑޭގެ ހުނަރު އަޅައިގަތެވެ.

"އެ މެޗަކީ މުޅި އަހަރެންގެ ކެރިއާ ބަދަލު ކޮށްލި މެޗު އިންޑޮނޭޝިއާ ލީގަށް ދާން އަހަންނަށް ފުރުސަތު ލިބުނު މެޗު." އިންޑޮނޭޝިއާގެ ވިލާ އެފްސީއަށް މިހާރު ކުޅެމުން އަންނަ ފްރައިޑޭ ބުންޏެވެ. އިންޑޮނޭޝިއާއަށް ފަހު އަވަށްޓެރި އިންޑިއާގެ މުންބާއީ އެފްސީ އާއި ޝިލޯންގް އެފްސީއަށް ވެސް އޭނާ ކުޅުނެވެ.

މިހާރު އޭނާގެ އުމުރުން 34 އަހަރެވެ. ވިކްޓަރީން އަޅައިދިން ފުޓްބޯޅައިގެ ބިންގަލާއެކު 18 އަހަރު ވަންދެން ޕްރޮފިޝަނަލް ލެވަލްގައި އޭނާ ފުޓްބޯޅަ ކުޅެފި އެވެ. ފުރައިޑޭ ބުނި ގޮތުގައި މިހާރު އޭނާ ކުރިމަތީގައި އޮތީ ޕްރޮފިޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފަހު މަރުހަލާ އެވެ. އަދި އޭނާގެ ކެރިއާ ނިންމާލަން ބޭނުން ވަނީ ވިކްޓަރީގަ އެވެ.

"ކުޅުން ހުއްޓާލަން އަހަރެން ބޭނުން ވަނީ ވިކްޓަރީއަށް ކުޅުމަށް ފަހު، އެއީ އަހަރެންގެ ފުޓްބޯޅައިގެ ފެށުން، ކެރިއާ ނިންމާލަންވެސް ބޭނުން ވަނީ ވިކްޓަރީގައި، އަހަރެން އުންމީދު ކުރަން އެ ފުރުސަތު ތަނަވަސް ވާނެ ކަމަށް." އެންމެ ފަހު ވާހަކައެއްގެ ގޮތުގައި އޭނާ ބުންޏެވެ.