މެންޗެސްޓާ ސިޓީ

ލީގް ހޯދަން މިހާރު ފަސޭހަވެއްޖެ: ގާޑިއޯލާ

އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފަސޭހަ ވެއްޖެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ އެހެން ބުނީ ރޭ، ފުލަހަމް ގެ މައްޗަށް 2-0 ން މޮޅުވެ، އަލުން ތާވާލުގެ އެއް ވަނަ މާގާމު ހޯދުމަށް ފަހު އެވެ. ސިޓީ އެއް ވަނަ މަގާމުގައި އޮތީ، ދެ ވަނައިގައި އޮތް ލިވަޕޫލްގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ނެގުމަށް ފަހު އެވެ. ސިޓީއަށް ލިބިފައި ވަނީ 77 ޕޮއިންޓެވެ. ލިވަޕޫލަށް 76 ޕޮއިންޓެވެ.

ރޭ ގެ މެޗުގެ ފުރަތަމަ ކޮޅު ސިޓީން ދެއްކި ކުޅުމަށް ގާޑިއޯލާ ތައުރީފް އޮއްސާލި އެވެ. ސިޓީން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ 30 މިނެޓްތެރޭގައެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބެނާޑޯ ސިލްވާ އެވެ. ސިޓީގެ ދެ ވަނަ ލަނޑު ސާޖިއޯ ކުން އަގުއޭރޯ ކާމިޔާބު ކުރީ 27 ވަނަ މިނެޓް ގައެވެ.

"އަހަރެމެން މެޗު ފެށިގޮތް ވަރަށް ފުރިހަމަ،" ގާޑިއޯލާ ބުންޏެވެ. "ފުރަތަމަ 15 މިނެޓް އާދަޔާ ހިލާފަށް މޮޅު، އަހަރެމެންގެ ސަމާލުކަންދޭ މިންވަރު އަހަރެމެން ދައްކައިދީފިން، މިހާރު މިއޮތީ ހަތް މެޗު، އެހެންވެ މިހާރު ކުރަން ޖެހޭ މަސައްކަތް ފަސޭހަ ވެއްޖެ، ކުރަން ޖެހޭ ކަމަކީ ކުރިއަށް އޮތް ހަތް މެޗު ކާމިޔާބު ކުރުން."

ރޭ މެންޗެސްޓާ ޔުނައިޓަޑް ވެސް ވަނީ، ވަޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބު ކޮށްފަ އެވެ. މޮޅާއެކު ޔުނައިޓަޑް ވަނީ ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލާފަ އެވެ.