(28 މާރިޗު 2019 އާ ގުޅޭ)
"ލޯތްބަކީ އޭގައި ނަފުރަތެއްވާއެއްޗެއް، އެދުންވެރިކަމެއްވާ އެއްޗެއް... މަދުރާ... އަހަރެން މާޒީގެ ތެރެއަށް ގޮސް ނުގެއްލެނީސް އެ ހުރިހާކަމުން ސަލާމަތްކުރޭ... މިވަގުތު އަހަރެން ކަލެއަށް ބޭނުންވޭ، ތީ އަހަރެންގެ މިބައްޔަށް އޮތް ފަރުވާ" މަދުރާގެ މޫނުގައި ފިރުމާލަމުން ބޭރީތު ބުންޏެވެ. އަދި މަޑުމަޑުން އޭނާއާ ގާތަށް މަދުރާގެ އަތުގައި ހިފާ ދަމާލިއެވެ.
* * * * *
މަރިޔާދު ގެ ކަހަލަ ހަށިހިމޭންކޮށްލުމަށް ހަދާފައި ހުރި ބައިގައި ޒަގަން އިނެވެ. އެތަން ހަދާފައި ހުރީ ވަށައިގެންވި މާހައުލުގައި ހިނގާ ކަންކަން ފެންނަ ގޮތަށެވެ. ރައުލްއާއި އޭނާގެ އެކުވެރީންނާއެކު ހުރި އީޝަލްއަށް ޒަގަންގެ ސަމާލުކަންވަނީ ހުއްޓިފައެވެ. އީޝަލް އެކަނިވާނޭ ދަނޑިވަޅަކަށް ޒަގަން ބަލަމުންދިޔައެވެ. އީޝަލްއާ ބައްދަލުވީސުރެން އޭނާއާ ވާހަކަދައްކާލާނޭ ފުރުޞަތެއް ނުލިބެއެވެ. އެ ފުރުޞަތު އޭނާއަށް ނުދޭން ބަޔަކު މަސައްކަތްކުރާކަން ޒަގަން ދެނެހުއްޓެވެ. ޝައުގުވެރިކަން އިތުރުވެފައިވަނީ އެހެންވެއެވެ. ރައުލް އެ ގުޅުމަކާމެދު ސީރިއަސްވެފައިވާ މިންވަރު އެ ހުރިހާކަމަކުން ޒަގަންއަށް ރަނގަޅަށް އެނގެއެވެ. އޭނާގެ ހިޔަނި ވެސް އީޝަލްއަށް އެޅިދާނޭތީ ރައުލް ކަންބޮޑުވާކަން އެނގި އަމިއްލަ ނަފްސަށް ޒަގަންއަށް ހީނލެވުނެވެ. އޭނާދެކެ ރައުލް ޖެހިލުންވެޔޭ ހިތަށް އެރީއެވެ. ޒަގަން ބޭނުންވަނީ ވެސް އެގޮތެވެ. ނަމަވެސް އޭނާގެ ސިކުނޑީގައިވާ ޚިޔާލުތަކާއި މުޅިން ހިތް އެއްބަހެއްނުވިއެވެ. ރައުލްގެ ކައިވެންޏަށް ސަމިއާނާ އައުމުން އޭނާއާ ސަމާސާކުރީ ރައުލް ރުޅި އަރުވާލުމަށެވެ. މިފަހަރު ވެސް ޒަގަން މަސައްކަތް އެކުރަނީ ރައުލްއަށް ދުއްތުރާތަކެއް ޖެއްސޭތޯއެވެ. އެކަމަކު މަޑުމަޑުން ހިތުގައި ތަފާތު އިޙްސާސެއް އުފަންވަމުން ދިޔައެވެ. އެ އިޙްސާސްތަކަށް ސަމާލުކަން ނުދީވޭތޯ ޒަގަން ބެލި ނަމަވެސް އެ ރީތި ސޫރައާއި މައުސޫމް ހިނިތުންވުން ޚިޔާލުގެ ލޯގަނޑުން ސިފަވެގެން ދަނީ ބޭއިޚްތިޔާރުގައެވެ. އެއިން ކޮންމެ ފަހަރަކު ހިތަށް ފިނިކަން އިޙްސާސް ކުރެވޭ ފަދައެވެ. އެ ފިނިކަން ޒަގަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވައެވެ. އާދަޔާ ޚިލާފު އެދުންވެރިކަމަކާއި ބޭނުންވުމެއް މުޅި ނަފްސު ޙިޞާރު ކުރަމުންދަނީއެވެ. އަނެއްކޮޅުން ޒަގަންގެ ހިތުގައި ހަސަދައިގެ އަލިފާން ކެކެނީއެވެ. އީޝަލް ފަދަ އަންހެނަކު އޭނާގެ ދިރިއުޅުމަށް އައީތީ އެކަމާއެވެ. އޭނާގެ ހުރިހާ އެއްޗެއް ފޭރިގަނެ މިލްކުކުރުމަށް ޒަގަންގެ ސިކުނޑީގައި ތަފާތު އެކި ރޭވުންތައް ކުރިއަށް ދިޔައެވެ.
* * * * *
ސިތާރުގެ ހިތްގައިމު ރާގުތައް ނިމި އެރެއަށް ކަންކަން ނިންމާލައި އެންމެން އެނބުރި ދިޔައީއެވެ. ރައުލްއާއެކު އީޝަލް އެކަހެރިވެލިތަން ފެނުމުން އެ މީހުންގެ ފަހަތުން ޒިޔަޒެލް ދާން އުޅުނެވެ. އެވަގުތު ލާމިއާ އޭނާއަށް ހުރަސް އެޅީއެވެ.
"އެއީ ޒުވާން ދެ ލޯބިވެރިން... އެ ދެމީހުންނަށް ވަގުތުކޮޅެއް ދީބަލަ، ޒިޔަޒެލް... ކަލޭ ހާދަ ބަދަލުވެއްޖޭ" ލާމިއާ ބުންޏެވެ. ފަރުވާތެރިކަމާއެކު ލާމިއާއަށް ބަލަން އިރުކޮޅަކު ހުރެފައި ޒިޔަޒެލް ލުއި ގޮތަކަށް ހީނލީއެވެ.
"އެ ދެކުދީންގެ ދެމެދުގައި އޮތް ލޯބި އަހަރެންނަށް ވެސް ފެނެޔޭ" ޒިޔަޒެލް ހިނިތުންވެލައިގެން ހުރެ ބުންޏެވެ. ލާމިއާގެ ނަޒަރު ރައުލްއާއި އީޝަލް ތިބި ދިމާއާ ވަކިކޮށްލައި ހިނިތުންވެލަމުން ޒިޔަޒެލްއަށް ބަލާލިއެވެ. އަދި ޒިޔަޒެލްގެ އަތުގައި ހިފާލަމުން އޭނާ ހިނގައިގަތެވެ.
"އަހަރެމެން ވެސް މީ އެއްއިރެއްގެ ދެ ލޯބިވެރީން" މާޒީގެ އެ ސޮފުހާތަކުގައިވީ ފޮނިކަން ލާމިއާގެ ތުންފަތުގައިވީ ހިނިތުންވުން ހާމަކޮށްދެއެވެ. ޒިޔަޒެލް ޖަހާލީ ތަންކޮޅެއް ބާރު ހިނިގަނޑެވެ.
"އެކަމަކު އަހަރެންނާ އިންނާކަށް އެއްބަހެއްނުވީމެންނު" ޒިޔަޒެލް ބުންޏެވެ.
"އޭގެ ފަހުން އަހަރެންނަށް ޚަބަރެއް ތިވީ އަދިކިރިޔާއެއްނު" ލޮލުގެ ހިމަކޮޅުން ލާމިއާ ބަލާލިއެވެ. މަޑުހިނގުމުގައި އައި ޒިޔަޒެލްގެ ނަޒަރު ހުރީ ސީދާ ކުރިމައްޗަށް ހުއްޓާލައިފައެވެ.
"ދިން ޖަވާބު އެހާ ސާފު... ލާމިއާ... އަހަރެންގެ ސިފައަށް މާބޮޑު ބަދަލެއް ނަޔަސް އަހަރެންނަކީ މިހާރު އޭރުގެ ޒިޔަޒެލްއެއްނޫން، ޒުވާންކަމުގެ ޖޯޝުގައި އޭރު އުޅުނު ދިރިއުޅުން އުޅޭކަށް މިހާރު ބޭނުމެއްނޫން، ލިބުނު ފިލާވަޅު ވެސް ކުޑައެއްނޫން" ޒިޔަޒެލް ފުން ވިސްނުމަކަށް ގެއްލި ހުރެ ވާހަކަދެއްކިއެވެ.
"އަހަރެން އެހެން ކަންތައްކުރީ ކީއްވެކަން އެނގެން އަހަރެންގެ ފަހަތުން އަންނާނޭކަމަށް ހީކުރިން" ލާމިއާގެ މޫނުން ހިނިތުންވުން ފިލައިފިއެވެ.
"ލާމިއާ ހީކުރީ ސިއާއަކީ ކާކުކަން އަހަރެންނަށް ނޭނގޭ ކަމައްތަ؟ އަހަރެންގެ ހަޔާތުގައި ކައިވެންޏެއް ކުރަން ބޭނުންވީ އެންމެ ދެފަހަރު، ތިންވަނަ ފަހަރަށް އަހަރެން ކައިވެންޏަށް ސިއާގެ ގާތުން އެދުނީ އެއީ އަހަރެން ދެވަނަ ފަހަރު ކައިވެންޏަށް އެދުނު އަންހެނާކަން އެނގިހުރެ... ލާމިއާ... ކަލޭ ކޮންމެ ސިފައެއް ޖެހުނުނަމަވެސް އަހަރެންނަށް ކަލޭ ނޯޅޭނެ، ރަނގަޅުވާހަކައެއް... އަހަރެން ބަދަލުވެއްޖައިން، މިހާރު އެގޮތަށް އުޅޭކަށް އަހަރެން ބޭނުމެއްނޫން، އެހަނދާންތައް އާކުރުމުން ހަށިގަނޑުގައި އެދުންވެރިކަން އުފެދޭނީ" ލާމިއާގެ އަތުގައި ފިރުމާލަމުން ޒިޔަޒެލް ބަދަލުކޮށްލީ މާނަފުން ހިނިތުންވުމެކެވެ. ހައިރާންކަން ވެރިވެފައި ހުރި ލާމިއާގެ މޫނުމަތިން އެ އަސަރު ފިލައި އިސްޖަހާލިއިރު އެ ތުންފަތުގައި ވެސް ވީ ހިނިތުންވުމެކެވެ.
ލާމިއާއަކީ ސިފަ ބަދަލުކުރުމުގައި ކުޅަދާނަ ޖިންނިއެކެވެ. އޭނާގެ އަސްލު ސިފައަކީ ކޮބައިކަން ދެނެނުގަނެވޭ ވަރަށް އޭނާގެ ސިފަ ބަދަލުކުރެއެވެ. ޒިޔަޒެލްއާއި ލާމިއާ ބައްދަލުވީ އައިޒަންއާއި އާރަމްއާއެކު ގަނޑުވަރުގައި އުޅެނިކޮށެވެ. އެ މީހުންގެ ނޫކަށިފުރައިގެ ދުވަސްވަރުއެވެ. އައިޒަންއާއެކު އެމޭޒަން ޖަންގައްޔަށް ދިޔަ ދަތުރެއްގައި އެތަނުގެ ގަސްތަކުގެ ތެރެއިން އެއްގަޑިއަކަށް ފެންނަ ރީތި އަންހެންކުއްޖާ އެ ތިން މީހުންނަށް ވެސް ފެންނަނީ ތިން ސިފައިގައެވެ. އެއީ ޒިޔަޒެލްއާއި ލާމިއާގެ ފުރަތަމަ ބައްދަލުވުމެވެ. އޭގެ ފަހުން އޭނާއާއި ލާމިއާ ބައްދަލުވީ ޒިޔަޒެލްގެ ހަށިގަނޑަށް ލިބުނު ބޮޑު ޒަޚަމްތަކުން ފަސޭހަވެ އައިޒަންގެ ގަނޑުވަރުން އާރަމްއާއެކު ނުކުމެ ވަކިން ދިރިއުޅެން ފެށި ހިސާބުންނެވެ. އިންސިއަކާ ގުޅިގެން އުޅުނު ލާމިއާގެ އެ ގުޅުން ހުއްޓުމަކަށް އައީ އިންސީންގެ ދުނިޔެއިން ޒިޔަޒެލްއާ ދެ މީހުން ބައްދަލުވުމުންނެވެ. ނަމަވެސް ލާމިއާގެ ހިތުގައި ޒިޔަޒެލްއާމެދު ވަހުމްތަކެއް އުފެދުނީއެވެ. އޭނާއާ ދުރަށް ދިޔައީ އެހެންވެއެވެ. މުޅި އުމުރަށް ރަޚުމަތްތެރީންގެ ގޮތުގައި ތިބެން ލާމިއާ ނިންމީއެވެ. ލާމިއާގެ އެއްވެސް ނިންމުމަކަށް ޒިޔަޒެލް ބަހެއްނުކިޔައި ހިމޭންކަން ޚިޔާރުކުރީއެވެ. އެ ދެމެދުގައި ޚަބަރެއްނުވެ ހުރެ ޒިޔަޒެލްގެ ކުރިމައްޗަށް ފާޅުވީ ސިއާއެވެ. އޭނާއާ ވިޔަފާރީގެ މުޢާމަލާތެއް ހިންގުމަށް އައި އެ އަންހެންކުއްޖަކީ ލާމިއާކަން ޒިޔަޒެލްއަށް އެނގުނެވެ. ނަމަވެސް އޭނާ ގަސްދުގައި އެއިން އެއްވެސް ކަމެއް އެނގޭކަމަށް އޭރު ނުހެދީއެވެ. އެ ދެމެދުގައި ގުޅުންތަކެއް ހިނގައި ޒިޔަޒެލްއާ ގުޅުމަށް އޭނާ އެދުނެވެ. މިފަހަރު ވެސް ނަމާއި ސިފަ ބަދަލުކޮށްގެން ހުރި ލާމިއާއަށް ވީގޮތެއް ޒިޔަޒެލްއަށް ނޭނގެއެވެ. ރޭގަނޑަކަށްފަހު އިރު އެރިއިރު އޭނާ ދޫކޮށް ލާމިއާ އަނެއްކާ ވެސް ހިނގައްޖެއެވެ. ލާމިއާއަކީ ކުޅަދާނަ ބާރުގަދަ ޖިންނިއެއްކަން ޒިޔަޒެލްއަށް ފުށީނިއްސުރެން އެނގެއެވެ. އޭނާއަށް އެހީތެރިވުމަށް އެދި ލާމިއާގެ ގާތުން އެދުނީ އެހެންވެއެވެ. އީޝަލް ރައްކާތެރިކުރުމަކީ ކޮންމެކޮންމެ ޖިންނިއަކަށް ވާނޭކަމެއްނޫންކަން ޒިޔަޒެލްއަށް އެނގެއެވެ. ޖާސޫސް ކުރުމާއި ސިއްރު މަޢުލޫމާތު ހޯދުމުގައި ލާމިއާއަކީ ދެވަނައެއްނުވާ ޖިންނިއެކެވެ. ޖިންނީންގެ ލޮލަށް ވެސް އޭނާ އޮޅުވާލައެވެ. އޭނާ ލާމިއާ ގެނައުމުގެ އެއް ބޭނުމަކީ އެއީއެވެ. ރައުލްމެންގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް ހޯދުމެވެ. އެ މީހުންގެ ތެރޭގައި ސިއްރުތަކެއްވާނަމަ އެ ސިއްރުތައް އަޑު އެހުމަށެވެ. އަދި އީޝަލްގެ ގާތުގައި ހުރުން އަންހެނަކަށް ފަސޭހަވާނޭތީއެވެ.
* * * * *
"މީތަ ރައުލްގެ ކޮޓަރިއަކީ" ރައުލްއާއެކު އައިސް އޭނާގެ ކޮޓަރިއަށް ވަދެ ހުރި އީޝަލް އަހާލިއެވެ. ވަށައިގެން އެ ކޮޓަރިއަށް އީޝަލްގެ ނަޒަރު ހިންގާލިއެވެ.
"ބަންދު ހޮހޮޅައަކާ ދޯ ވައްތަރީ" ބޯކަހާލަމުން ރައުލް ބުންޏެވެ. އީޝަލް ހީނލާފައި ދެ ފަރާތަށް ބޯހޫރުވާލިއެވެ. މަޑުމަޑުން އީޝަލް އައިސް ރައުލްގެ އެނދުގައި އިށީނެވެ. އަދި ދެފަރާތުން އެނދުގެ ތަންމަތީގައި އަތްހާކާލިއެވެ. އޭނާގެ ހަރާކާތްތަކަށް ބަލަން ހުރި ރައުލްއަށް އެއްއަތް އީޝަލް ދިއްކޮށްލިއެވެ. ބޮލުން ރައުލްއަށް އިޝާރާތްކޮށްލީ އޭނާގެ ގާތަށް އައުމަށެވެ.
"ރައުލް..." އީޝަލް މަޑުމަޑުން ގޮވާލިއެވެ. އެއާއެކު ރައުލް "ހޫން" ލައްވާލިއެވެ. އަދި އީޝަލްގެ ގާތު އެނދުގައި ރައުލް އިށީނެވެ.
"އަހަންނަށް ޓަކައި ރައުލް ބަދަލުވާންޖެހޭތީ އަހަރެން ދެރަވޭ، ރައުލްގެ މީހުން ކަންތައްކުރާނޭ ގޮތެއް ނޭނގޭތީ ވަކިން ކަންބޮޑުވޭ، ހައްލުނުކުރެވޭވަރުގެ ހައިޖާނެއް އުފެދި ހަތުރުންގެ ލަޝްކަރެއް އަހަރެމެންގެ ދެމެދަށް ވަދެދާނޭ ހީވަނީ... ރައުލް!... އަހަރެންގެ މަންމަ ވަކިވެގެން ދިއުމުން ބައްޕައަށް ލިބިފައިވާ އެކަނިވެރިކަން އަހަރެން ދުށީން، އެފަދަ އެކަނިވެރިކަމެއް އަހަރެން ބޭނުމެއްނޫން، ރައުލްއާ ނުލާ އަހަރެންނަކަށް ނޫޅެވޭނެ" ރައުލްގެ ކޮނޑުގައި އީޝަލް ބޯއަޅާލިއެވެ.
"މިތަނުގައި އަހަރެން ނެތުމުން އެކަމާމެދު ދެރަވާނޭ ބަޔަކުނެތް، އީޝަލް ކަންބޮޑުނުވޭ، އަހަރެން ދުވަހަކުވެސް އީޝަލްއާ ވަތްކެއްނުވާނަން، ފުރަތަމަ ކައިވެނި ކުރެވޭނޭ ކަމަކަށް ވެސް ހިޔެއްނުކުރަން، އެކަމަކު މިހާރު އެކަން ވެސް މިވީ... އެނބުރި މީކާޢިލްގެ ގާތަށް އަހަރެމެން ދިއުމުން ތީ އަހަރެންގެ އަނބިމީހާއަށްވާނެ، އޭރުން ހުރިހާ ހިފެހެއްޓުމަކުން އަހަރެން މިނިވަންވާނެ، އަހަރެންގެ އަނބިމީހާއަށް ހުރިހާ އުފަލެއް ހޯދައިދޭނަން، އަހަރެން އަބަދުވެސް ހުންނާނީ އީޝަލްގެ ގާތުގައި... މީކާޢިލްއާއި ޒިޔަޒެލް އަހަރެންގެ ގާތުން އެ އެދެނީ ރަނގަޅު ބަދަލަކަށް، އެހެންވެ ހުރިހާ ކަމެއް ޤަބޫލުކުރަން ނިންމީ، އެކަންކަމާ އީޝަލް ފިކުރުބޮޑުނުކުރޭ، އަހަރެމެން ދެ މީހުން ވަކިވުމެއްނުވޭ" އީޝަލްގެ އިނގިލިތަކުގެ ތެރެއަށް ރައުލްގެ އިނގިލިތައް މަހާލައި އުފުލާލައިފައި ގެނެސް ރައުލްގެ ތުންފަތުގައި ޖައްސާލިއެވެ.
ވާހަކައިގައި ތިބި ރައުލްއާއި އީޝަލް މަޑުމަޑުން ރައުލްގެ އެނދުގައި އޮށޯތެވެ. ރައުލްގެ އަތްމަތީ އޭނާ އީޝަލް ބާއްވާލިއެވެ. ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް މަދުވެ ހިމޭންކަން ވެރިވިއެވެ. އީޝަލްގެ ހަށިގަނޑުން ދުވާ މީރު ވަހުން ރައުލްގެ ހިއްސުތައް މަސްތުކުރުވަމުންދިޔައެވެ. އީޝަލްގެ ކަރުދޮށާއި މޭގައި މޫނުފޮރުވާލަން ރައުލްގެ ހިތް ގޮވަމުންދިޔައެވެ. އަތްލާންނުލާން އުޅޭ ފަދަ ގޮތަކަށް ރައުލްގެ ވައަތްތިލަ އީޝަލްގެ ބަނޑާ ދިމާލަށް ހިއްލާލެވިފައި ހުއްޓެވެ. އެ އަތުގައި ހިފީ އީޝަލްއެވެ. މަޑުމަޑުން ގެނެސް އޭނާގެ ބަނޑުމަތީ ރައުލްގެ އަތްތިލަ ބައްވާލިއެވެ. ދެ ހަށިގަނޑުގެ ހޫނު އިޙްސާސްވާ ގާތަށް ރައުލްއަށް ޖެހިލެވުމާއެކު ކުރުއަތްމައްޗަށް ތެދުވެ އީޝަލްގެ މޫނުގެ ވަނާތަކަށް ބަލަން ފެށިއެވެ. ދެ ހިތުގެ ހިނގުން އަވަސްވަމުންދިޔައިރު ދެ މީހުންގެ ލޮލުގެ ކަޅި ދިއްލިފައިވެއެވެ. ރައުލްގެ މޫނު އީޝަލްއާ ގާތްކުރަމުން ދަނިކޮށް ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑުއިވުނެވެ. އީޝަލްއަށް އެއްޗެއް ބުނެވެންވީއިރު ރައުލް ހުރީ ކޮޓަރީގެ މެދުގައެވެ. މޫނުގައި ދެއަތްތިލަ ހިންގާލުމާއެކު ބޮލުގައި އަތްފުނާ އަޅާލައި ފުންނޭވާތަކެއް ރައުލް ލިއެވެ. އީޝަލް މަޑުމަޑުން އެނދުން ފައިބައި އޭނާ ލައިގެން ހުރި ދިގު ލިބާސް ރަނގަޅު ކޮށްލިއެވެ. އީޝަލްއަށް ބަލާލާފައި އެނބުރި ދާންވީކަމުގައި ރައުލް ބުންޏެވެ. ދެ ޒުވާނުން އެކުގައި ކޮޓަރިން ނުކުތްއިރު ކުރިމަތީ ފާރުގައި ލެނގިލައިގެން ހެވިފައި ހުރީ ޒަގަންނެވެ.
"އޭނާ ވެސް ކޮޓަރިއަށް ވެއްދީތަ؟... އެރޭ ސަމިއާ..." ޒަގަން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވީ އޭނާގެ ކަރުގައި ރައުލް އައިސް ހިފުމުންނެވެ. އީޝަލް ހުރީ ފެނުނު މަންޒަރު ޤަބޫލުނުކުރެވިފައެވެ. ރައުލްގެ ދެއަތް ދުރުކުރަން މަސައްކަތް ކުރަމުން ދިޔައިރު ވެސް ޒަގަން ހުރީ ހިނިއައިސްފައެވެ.
"ރައުލް..." އީޝަލް ގޮވާލިއެވެ.
"ބޭކާރުވާހަކަދައްކާނޭ އެހެން މީހަކު ހޯދާ... އެއީ އަހަރެންގެ އަނބިމީހާކަން ކަލޭ ހަނދާންނައްތާނުލާތި" ދަތްކުނޑިވިކާލައިގެން ހުރެ ޒަގަންގެ ކަންފަތްދޮށުގައި ރައުލް ބުންޏެވެ. އަދި އޭނާ ކޮއްޕާލައިފައި ރައުލް ދުރަށް ޖެހުނެވެ. ޒަގަން މޮޔައަކު ފަދައިން ހޭންފެށީއެވެ.
"އަހަރެން ވެސް ބޭނުމޭ ބުނެފިއްޔާ" ހެމުންހެމުން ޒަގަން ބުންޏެވެ. އެ އަޑު އިވުނު ރައުލް ހީވީ ހަމައިންނެއްޓީ ހެންނެވެ. ޒަގަންގެ މޫނުމައްޗަށް ހޫރާލަން އުޅުނު އަތުގައި ހިފެހެއްޓީ އީޝަލްއެވެ. ރައުލް އައިސްފައި ހުރި ރުޅި ފެނުމުން އީޝަލް ވެސް އަޖައިބުވިއެވެ. އޭނާ ރައުލްގެ ކޯތާފަތުގައި އަތްޖައްސާލިއެވެ.
"ކަލޭ މަރުވަން ނޫނީއްޔާ ހިތައް ވެސް ނާރުވާތި" އިންޒާރެއްގެ ގޮތުން ޒަގަންއާ ދިމާއަށް ރައުލް ބުނެލިއެވެ. އެވަގުތު އެތަނަށް ލާމިއާ ވެސް އަތުވެއްޖެއެވެ. އޭނާ ވެސް އަވަސް ނަޒަރެއް ރައުލްއާއި ޒަގަންއަށް ދިނީ އެ ތަނުގައި ހިނގާކަމެއް ދެނެގަތުމަށެވެ. އީޝަލްގެ މޫނުގައިވީ ހާސްކަން ފެނި އޭނާގެ ގާތަށް ލާމިއާ ވަގުތުން އައެވެ.
"އީޝަލް، ބައްދަލުވުން ނިންމާލަންވީ ވަގުތު ޖެހިއްޖެ" ލާމިއާ ބުންޏެވެ. އީޝަލް ބޯޖަހާލައި އަނެއްކާ ވެސް ރައުލްއަށް ބަލާލިއެވެ. އީޝަލް ގޮވައިގެން ރައުލް ހިނގައިގަތެވެ. އެ މީހުންގެ ފަހަތުން ހިނގައިގަންނަމުން ލާމިއާ އެއްފަހަރު ޒަގަންއަށް ބަލާލިއެވެ. އޭނާގެ ބެލުމާއި އެ މޫނުގައިވީ އަސަރު ލާމިއަށް ވެސް އުނދަގޫކުރިއެވެ.
އެންމެން ދިއުމުން ޒަގަންގެ މޫނުގައިވީ ހިނިތުންވުން ފިލައި ރުޅިވެރިކަން ވެރިވިއެވެ. ގައި ހުރި ބާރެއްލައި އަތުން ފާރުގައި ޖެހިއެވެ. ބުއްދި ގޯސްވަނީ ކަމުގައި އޭނާއަށް ހީވަނީއެވެ. ނިތްކުރީގައި އިރުކޮޅަކު ހިފަހައްޓާލައިގެން ހުރެފައި ހިނގައިގަތީ އެނބުރި އޭނާގެ ކޮޓަރިއަށް ދާށެވެ. އެ އައި މަގުމަތީ އެއްފަރާތުގައި ހުރި މުރަކައިގެ ގަސްތަކެއް ވައްޓާލައި އެ އެއްޗެހި ހަލާކުކޮށްލިއެވެ. އެ މަންޒަރު ފެނި ހުއްޓުން އަރާފައި ހުރި އިސް ބާންދީ ފެނި އޭނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެނެސް ކޮޓަރިއަށް ވަނެވެ. ނުތަނަވަސްކަން ފިލުވާލުމަށް ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތުމުން ވެސް ޒަގަންގެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބުނެވެ. އެނދުމަތިން ބާންދީ ވައްޓާލުމަށްފަހު އެ ކޮޓަރިން ނުކުންނަން ޒަގަން އަމުރުކުރިއެވެ. ހަށިގަނޑު އަރާމުކަމާއެކު ސިކުނޑީގެ ވިސްނުން ހުއްޓުމަކަށް އަންނާނޭ ޒަގަން ހީކުރި ނަމަވެސް އެހެނެއްނުވިއެވެ. އޭނާގެ ހަށިގަނޑު ބާންދީއެއްގެ ބީހުމަކަށް ނުހޭލިއެވެ. އިތުރަށް ރުޅި ގަދަވީއެވެ. މީ ޒަގަންއަށް މުޅިން އައު ތަޖުރިބާއެކެވެ. ހިތް އޮބިނޯވެގެން ތެޅިފޮޅެނީއެވެ. ސިކުނޑީ ދައްކުވައިދެނީ ޒަގަން ނަފްސު ކޮންޓްރޯލުކުރަން ދަތިވާ ފަދަ މަންޒަރުތަކެވެ. ރައުލްގެ ކޮޓަރީގައި އީޝަލްއާއި ދެ މީހުން އުޅޭނޭ ގޮތުގެ މަންޒަރުތައް ޒަގަންއަށް ސިފަކުރެވެނީއެވެ.
* * * * *
ލާމިއާއެކު އީޝަލް ކޮޓަރިއަށް ވަނުމުން ރައުލް ގަސްދުކުރީ ބޭރީތާ ބައްދަލުކުރާށެވެ. އޭނާ އީޝަލްއާއެކު އެމީހުންގެ ތެރެއަށް މުޅި އުމުރަށް ދިރިއުޅުން ބަދަލުކުރާކަން ބޭރީތަށް އަންގާށެވެ. އަދި އޭނާއާއެކު ދާން ތިބި ބަޔަކު ގޮވައިގެން ދާން ނިންމައިފައިވާކަން ވެސް ބުނުމަށެވެ. އޭރު ވެސް އޭނާގެ ކަންފަތުގައި ޒަގަން ބުނި އެއްޗެއް ފަނޑުނުވެ ގުގުމާލަ ގުގުމާލައި ހުއްޓެވެ. ވީހާ ވެސް އަވަހަކަށް އީޝަލް ގޮވައިގެން އޭނާގެ މީހުންގެ ގާތަށް ދާން ރައުލް ބޭނުމެވެ. ޒަގަންގެ ވަސްވެ ނުފޯރާހާ ދުރުގައި އީޝަލް ބަހައްޓަން ރައުލް ސަމާލުވާނެއެވެ.
"ރައުލް..." ރާވިން ގޮވާލި އަޑަށް ރައުލް ހުއްޓުނެވެ.
"މިދަނީ ބައްޕައަށް ހުރިހާކަމެއް އޮޅުންފިލުވައިދޭން، މާދަމާ މީ ފަހު ދުވަސް، އީޝަލް ގޮވައިގެން ޒިޔަޒެލް ފުރަންވާއިރަށް ގޮތެއް ނިމިފައި އޮންނަންވާނީ" ރައުލް އޮޅުންފިލުވައިދިނެވެ.
"އަހަރެން ވެސް މިދަނީ ލާވީގެ ގާތަށް، ޔާފިއާ ހުރީ އަހަރެންނާއެކު، އެ މީހުންގެ ތެރެއަށް ދިއުމަށްފަހު އަހަރެން ވެސް ގަސްދުކުރަނީ ޔާފިއާ އަނތްބަކަށް ހަދަން" ރައުލްއާއެކު އައި ރާވިން ބުންޏެވެ.
ބޭރީތު އޭނާގެ ކޮޓަރީގައި ނެތިގެން ހޯދަނިކޮށް ފެނުނީ ލާވީއާއެކު އިންދައެވެ. ރައުލްއާއި ރާވިން އެ ދެ މީހުންނާ ބައްދަލުކުރީ އެކުއެކީއެވެ.
(ނުނިމޭ)