ހަބަރު

ދިއްދޫ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަނީ

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކެމްޕެއިނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދިއްދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށް ކުރަންހުރި މަސައްކަތްތައް ވަރަށްވެސް ގިނަ ކަމަށާއި ދިއްދޫ ދާއިރާއަށް ކުރަން ވަރަށް މުހިންމު ކަންކަން އެބަހުރި ކަމަށެވެ. އަދި ދިއްދޫގެ ތަރައްގީއަށްޓަކައި ކުރަހާފައިވާ ކަންތައްތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ދިއްދޫގައި އިތުރު ހައުސިން ޔުނިޓްތައް އެޅިގެންދާނެ ކަމަށެވެ. އެކަން ކުރުމަށްޓަކައި ބިން ހިއްކައި ބިން އިތުރުކުރެވޭނެ ކަމަށެވެ. އަދި ވެފައިވާ ވައުދާ އެއްގޮތަށް ހޮސްޕިޓަލްވެސް ތަރައްގީ ކުރެވޭނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

"ހޮސްޕިޓަލް ތަރައްގީކޮށް އަޅުގަނޑުމެން ވެފައިވާ ވައުދާ އެއްގޮތަށް މިރަށުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށްވެސް ބަދަލު ކުރެވިގެންދާނެ، ތާރު ނާޅާ ހުރި މަގުތަކުގައި ތާރުވެސް އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ދިއްދޫގައި ރަސްމީ ފާލަމެއް އެޅުމަށް ބަޖެޓް ކުރެވިފައި އެބައޮތް ކަމަށާއި ފާލަމް އެޅުމަށް ޑިޒައިން ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މިރަށަށް ބޭނުންވާ، ޒުވާނުން ކުޅުމަށް ބޭނުންވާ ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ، ނިމިދިޔަ އިންތިހާބުގައި އަޅުގަނޑު ވާނީ މިރަށުގައި ދެ ދަނޑު އެޅުމަށް ވައުދުވެފަ، އޭގެ ތެރެއިން އެއް ދަނޑު މިއަހަރުގެ ތެރޭގައި އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ. މަސްވެރިންނަށް އައިސް ލިބޭ ގޮތަށް އައިސް ޕްލާންޓްވެސް ބެހެއްޓިގެންދާނެ ކަމަށެވެ. އަދި ދިއްދޫގައި ޖޫނިއާ ކޮލެޖެއްވެސް އަޅާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިތުރަށްހުރި ވައުދުތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާއި ކައިރިން ހިދުމަތްތައް ހޯދާ ދިނުމަކީ އަބަދުވެސް ރައްޔިތުންނަށް ވަމުންދާ ވައުދެއް ކަމަށާއި އެގޮތުން ޕާސްޕޯޓް ހެއްދުމާއި ޕާސްޕޯޓް ލިބޭނެ ހިދުމަތް ވަރަށް އަވަހަށް އެރަށުން ލިބިގެންދާނެ ކަމަށެވެ. އަދި މަސްދޯނި ފަހަރު އެހެލަން ހަދާފައިވާ ތަން އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ

ރައީސް އިތުރަށް ވިދާޅުވީ، ވަރަށް ގިނަ ކަންކަން ދިއްދޫ ދާއިރާއަށް ކުރުމަށް ނިންމާފައިވާ ކަަމަށާއި މި ފަސް އަހަރު ނިމިގެންދާއިރު ދިއްދޫއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.