ހަބަރު

އެނބުރި އައީ ތަރައްގީ އާއި ހައްގު މިންވަރު ހޯދައިދޭން: ނަޝީދު

އެމްޑީޕީ އިން އެނބުރި ވެރިކަމަށް އައީ އެންމެ ބޭނުމަކަށް ކަމަށާއި އެއީ ތަރައްގީއަށާއި ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކެމްޕޭނަށް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކުޅުދުއްފުއްޓަށްވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ، އެޖެންޑާ 19 އަކީ މީގެ ކުރިން ދުށްތަނާއި ތަޖުރިބާއާ ދެން ކުރިއަށް ތަނުގައި ދާން އޮތްތަން ތަޖުރިބާކޮށް އެކުލަވާލާފައިވާ ތަރައްގީގެ ތަރަހައެއް ކަމަށެވެ.

"މިއީ އޮނިގަނޑެއް، ގާނޫނީ އޮނިގަނޑެއް، ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމުގެ އެންމެ ބޮޑު ވަސީލަތް، ރައީސްގެ ވައުދުތަކަކީ އެމްޑީޕީގެ ވައުދުތައް، އެއީ ތިބޭފުޅުންގެ ބޭނުންތައް، ދޮރުން ދޮރަށް ހިނގައި ރައްޔިތުން ކައިރީގައި އަހައިގެން އެކުލަވާލާފައިިވާ ތަރައްގީގެ ތަސައްވުރެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެޖެންޑާ 19 އަކީ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށާއި އެކަންކަން ފުއްދުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑެއް ކަމަށެވެ.

"އަޅުގަނޑުމެން އައިސް މިތިބީ އެންމެ ބޭނުމަކަށް، ތިބޭފުޅުންގެ ތަރައްގީއަށް، ދިވެހި ރައްޔިތުންގެ ހައްގު މިންވަރު ހޯދައިދިނުމަށް، ކުޅުދުއްފުށީ ރައްޔިތުންގެ، ތިލަދުންމަތީ ރައްޔިތުންގެ ހައްގު މިންވަރު ހޯދައިދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ތަރައްގީއަކީ އާއިލާއަށް ވަންނަ ފައިސާ އިތުރުވެގެންދިއުން ކަމަށާއި ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ދެގުނަ ކުރާނެ ކަމަށެވެ. ތަރައްގީ އަކީ ރައްޔިތުން ފުދިގެން ދިރިއުޅުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ތަރައްގީ އަކީ މަގުމަތީގައި އަޅާ ތާރެއް ނޫން، ތަރައްގީ އަކީ ކޮންކްރީޓެއް ނޫން، ތަރައްގީ ދެއްކުމަށްޓަކައި ހައިމާކެއް މީހަކު ނުދައްކާނެ، ތަރައްގީއަކީ އަޅުގަނޑުމެންގެ ދަރިންނާއެކު ދިރިއުޅެވޭނެ ތަނަވަސް ދުވަސްތަކެއް، އެދުވަސްތައް އަޅުގަނޑުމެންނަށް ލިބުން،"

އެމަނިކުފާނު ވިދާޅުވީ، އެޖެންޑާ 19 އިން ދައްކައިދެނީ ތަރައްގީގެ ނާރެސް އަކީ އާއިލާ ކަމަށާއި އެެޖެންޑާ 19 އިން އާއިލާއެއް ތަރައްގީ ކުރުމަށް އެހީވެދޭނެ ކަމަށެވެ.

މިއަދު ރާއްޖެ އަކީ މެދު އާންމުދަނީގެ ގައުމެއް ކަމަށާއި ރާއްޖެ މިހާރު އޮތް ސަފުން ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަފަށް ބަދަލު ކުރުމަކީ އެޖެންޑާގެ އަމާޒު ކަަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިސްރާބު ހުރީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުގައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"މިއަހަރު ފާސްކޮށްފައިވާ ބަޖެޓަކީ 30 ބިލިއަން ރުފިޔާ، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން މިއަދު ހުރީ 77 ބިލިއަން ރުފިޔާގައި، ބޮލަކަށްޖެހޭ މިންވަރު 15،000 ޑޮލަރުން މައްޗަށް ހިނގައްޖެ، އެޖެންޑާ 19 ރާއްޖެ ގެންގޮސް ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުގައި ބާއްވާދޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެޖެންޑާ 19 އަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ޖުމްލަ ހައްލެއް ކަމަށާއި އެމްޑީޕީއަކީ ވާވައުދުތައް ފުއްދާ ޕާޓީއެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.