ލައިފްސްޓައިލް

ކާން ދޭން އުނދަގޫ ކުދިން ބަދަލުކޮށްލެވިދާނެ!

ކުދިންނަށް ކާން ދޭން އުނދަގޫ ވާހަކައަކީ ގިނަ ބެލެނިވެރިންގެ ޝަކުވާ އެކެވެ. އެހެން ނަމަވެސް ކުދިން "ފަސީ އީޓާސް" އަށް ވުމަކީ ވަރަށް ނޯމަލް ކަމެކެވެ. ފަސީ އީޓާސްއަކީ ކުދިން ވަކި ބައްޓަމަކަށް، ކުލައަކަށް ނުވަތަ ޓެކްސްޗާއަކަށް ހުންނަ ކާނާ އާއި ގަޔާ ނުވުމެވެ. ކުދިން ވަކި އެއްޗެއް އެއްދުވަހު ކާ ހިތްވެފައި އަނެއް ދުވަހު ކާ ހިތް ނުވުމާއި، އެއްވެސް އާ ކާނާއެއް ކާން ބޭނުން ނުވުމާއި، އެއް ދުވަހު މަދުން ކެއުން އަދި އަނެއް ދުވަހު ގިނައިން ކެއުމަކީ ވަރަށް އާދައިގެ ކަމެވެ.

މި ހުރިހާ ކަމެއް މި ދިމާވަނީ ފަސީ އީޓިން އަކީ ވެސް ކުދިން ހެދި ބޮޑުވުމުގެ ބައެއް ކަމުންނެވެ. ކުޑަކުދިންނަކީ އަބަދު އެމީހުންގެ ވަށައިގެންވާ މާހައުލާއި އެމީހުންގެ އަމިއްލަ މިނިވަންކަން ޓެސްޓު ކުރާ ބައެއް ކަމުގައިވާތީ އެވެ. ކުދިންގެ ކާހިތްވުން ނުވަތަ އެޕެޓައިޓަށް އެ ކުދިންގެ ހެދި ބޮޑުވުމާއި ހަރަކާތްތެރިވުމުގެ ދައުރު އޮވެއެވެ.

ކުދިންގެ ކެއުމުގެ ވައްޓަފާޅިއަށް ވެސް އެކުދިން އުމުރާއެކު ބަދަލު އާދެއެވެ. އަދި މިގޮތުން ފަސީ އީޓިން އަށް ވެސް ބަދަލު އައިސް އެމީހުންނަކީ ތަފާތު އާ ކާނާ ކެއުމަށް ޝައުގުވެރިކަން ހުންނަ ކުދިބަޔަކަށް ވެގެން ދެއެވެ. ބެލެނިވެރިން ވިސްނަންވީ ކުދިންގެ ސިއްހަތު ރަނގަޅުކޮށް އެ ކުދިން އާ ކަންތައްތައް ދަސްކޮށް ކަންކަން ހޯދާ ބަލާނަމަ އެ ކުއްޖަކު ގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެވޭކަމުގަ އެވެ. ނަމަވެސް ކުއްޖަކު އާދަޔާ ހިލާފަށް މަދުން ކައި އަދި ބައެއް ކާނާ ހިމެނޭ ގްރޫޕުގެ އެއްވެސް އެއްޗެއް އެއްގޮތަކަށް ވެސް ނުކައި ނަމަ ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ.

ކުދިން އާ ކާނާ ތަޖުރިބާ ކުރުމަށް ރަނގަޅު މާހައުލެއް ހޯދައި ދޭން ޖެހެ އެވެ. މި ގޮތުން ކުއްޖާއަށް ހަމަޖެހިލައިގެން ކާލެވޭ އަދި ސްޓްރެސް މަތި ނުވާކަހަލަ މާހައުލެއް ހޯދައިދޭންޖެހެ އެވެ. ކުދިންނަށް ކާން ދިނުމުގައި ކަންކުރަންވީ ބައެއް އުކުޅުތަކެއް ވެސް އެބަހުއްޓެވެ.

ކާ ގަޑިއަކީ އުފާވެރި އަދި ގަވާއިދުން އޮންނަ ގަޑިއަކަށް ހަދަންވީ އެވެ. ކެއުމަކީ އެއްމެން އެއްކޮށް ކުރާ ކަމެއްގެ ގޮތުގައި ހެދުމަކީ ކުދިން ކެއުމަށް ޝައުގުވެރިކަން އުފައްދަން ކުރެވިދާނެ ކަމެކެވެ. މިގޮތުން އާއިލާއެއްކޮށް އެއްމޭޒެއް ދޮށުގައި އެއްގަޑިއެއްގައި ކެއުމަށް ވަގުތު ހޯދާށެވެ. އެއްމޭޒެއްގައި ކާއިރު ކުދިން އަތުން ކާ މޭޒުމަތި ނުވަތަ ބިންމައްޗަށް އެއްޗެއް އެޅުނަސް މާ ބޮޑު ކަމަކަށް ނަހަދާށެވެ.

އެއްވެސް އާ އެއްޗެއް ކައިފިނަމަ ކުއްޖާއަށް ތައުރީފު ކުރާށެވެ. އަދި ކުޑަކޮށް ރަހަ ބަލާލައިފި ނަމަ އަދި އެއަށްވުރެ ބޮޑު އެތިކޮޅެއް ކެއުމަށް ހިއްވަރު ދޭށެވެ.

ބާޒަރަށް ކާ އެއްޗިސް ގަންނަން ދާ އިރު އެކި ކަހަލަ ތަރުކާރީ އާއި މޭވާ ދައްކާ ކޯއްޗެއްތޯ ކާން ބޭނުމީ ސުވާލު ކުރާށެވެ. އަދި އެ ކުއްޖަކު އިހްތިޔާރު ކުރާ އެއްޗެއް ގަނެގެން ގެޔަށް ގެނެސް އެއެއްޗެއް ތައްޔާރު ކުރުމުގައި ކުދިން ބައިވެރި ކުރާށެވެ. މިއީ ކުއްޖާއަށް މަޖާ އަދި ޝައުގުވެރިކަން ހުންނަ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކާނާ ތައްޔާރު ކުރުމުގައި ކުދިން ޝާމިލު ކުރުމަކީ ވެސް އެކުދިން ކެއުމަށް ހިތްޖެހޭ ކަމެކެވެ. މިގޮތުން ކެއްކުމުގައި ބިސްތެޅުން ނުވަތަ އެކުދިން ގަޔާވާ ކަހަލަ ބައްޓަމަކަށް ސޭންޑްވިޗް އެއްޗިސް ކޮށާފަ ވެސް ދެވިދާނެ އެވެ.

އާ އެއްޗިސް ކާން ދިނުމަށް އެ އެއްޗެއް ތައާރަފު ކުރުމުގެ ގޮތުން ކުރިން ކާ އެއްޗެއްކާއި އެއްކޮށް ދީ އެ ކާނާގެ ވަސް ބެލުމަށާއި، އަތްލުމަށާއި ކުޑަކޮށް ރަހަ ބެލުމަށް ބާރު އެޅިދާނެ އެވެ.

ކާ ހިތްޖެއްސުމަށް ކުރެވިދާނެ އަނެއް ކަމަކީ އެކި ކުލަކުލައިގެ އެކި ވައްތަރުގެ ކާނާ އެއް ތައްޓަކަށް ލާފައި ދަރިފުޅަށް
ދިނުމެވެ. މިގޮތަށް ދިނުމުން ބޭނުންވަ ކޮންމެވެސް އެއްޗެއް ކާލެވެ އެވެ.

ކުރިން ނުކައި ދޫކޮށްލާފައިވާ ކާނާ އަބަދުވެސް ދޭށެވެ. މިގޮތަށް ދެމުން ދާނަމަ މި ކާނާ ކެއުމުގެ ފުރުސަތު ބޮޑެވެ. އެހެން ނަމަވެސް މިކަމަކަށް ވަގުތު ދާނެއެވެ.

ކުދިންނަށް ގަދަކަމުން ކާން ދިނުމަށް އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާށެވެ. އެ ކުދިންނަށް އެ ކާނާއެއް ކެއުމަށް ބައިވަރު އެހެން ފުރުސަތު އޮންނާނެ ކަން ދަންނާށެވެ. އަދި ގަދަކަމުން ކާން ދޭން އުޅުމުން ކުއްޖާ ފޫހިވެ ނުރުހޭ ތަޖުރިބާއަކަށް ކެއުން ވެގެން ދެ އެވެ.