ދުނިޔެ

ނޭޕާލުގެ ދެކުނަށް ކުރާ ވިއްސާރާގައި 25 މީހުން މަރުވެއްޖެ

Apr 1, 2019

ކަތުމަންޑޫ (އޭޕްރީލް 1) - ނޭޕާލުގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރާގައި، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުންތަކުގައި މިހާތަނަށް 25 މީހުން މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ.

ވެރިރަށް ކަތުމަންޑޫގެ ދެކުނުން އޮންނަ ދަނޑުވެރި އަވަށްތަކަށް އެރި ތޫފާނުގައި، މިހާތަނަށް 400 މީހުން ޒަހަމްވެފައިވާއިރު، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ދަތިވެފަ އެވެ.

ވިއްސާރައިގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ ގެތަކުގެ ފާރުތައް ވެއްޓި ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް އެގައުމުގެ ފުލުހުން ވަނީ ބުނެފަ އެވެ.

ވިއްސާރައާއެކު އައި ބާރުގަދަ ވައިގގެ ސަބަބުން، ވެހިކަލްތަކާއި، ގަސްތަކާއި ކަރަންޓު ހޮޅިދަނޑިތައް ވެސް ވެއްޓިފައިވާކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.