ދުނިޔެ

ކޮލަމްބޯގެ ފެނުގެ މައްސަލަ އަންނަ އަހަރު ހައްލުވާނެ

ސްރީލަންކާގެ (ކޮލަމްބޯ) - ވެރިރަށް ކޮލަމްބޯގައި ބޯފެން ސަޕްލައިކޮށްދޭ ހޮޅިތަކުން ފެން ލީކު ވުމުގެ ސަބަބުން ކޮލަމްބޯއަށް ސަޕްލައިކުރާ ބޯފެނުގެ ގާތްގަނޑަކަށް 49 ޕަސެންޓު ބޭކާރުވެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށް ކޮލަމްބޯ ވޯޓާ ސަޕްލައިން ބުނެފި އެވެ.

ކޮލަމްބޯ ވޯޓާ ސަޕްލައިގެ އިންޖިނޭރު ވިދާޅުވި ގޮތުގައި ފެން ފޮނުވަން ބޭނުންކުރާ ހޮޅިތަކަކީ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރި ހޮޅިތަކެކެވެ. މިހޮޅިތައް އެހެން ހުއްޓާ ކުރިއަށް އޮތްތާގަ ބިނާކުރާ ޕޯޓް ސިޓީއާއި ކައިރި ސަރަހައްދުތަކަށް ފެން ފޯރުވާދިނުން އެއީ ދަތިކަމަކަށް ވާނެ ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެކަން ރަނގަޅު ކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ ޕްރޮޖެކްޓެއްގެ ތެރެއިން ހައްލެއް ލިބިގެން ދާނެކަމަށެވެ. އަދި ވިދާޅުވީ 40 ބިލިއަން ސްރީލަންކާ ރުޕީޒްގެ އެ ޕްރޮޖެކްޓުން އެކި ސަރަހައްދުތަކަށް ފެން ފޯރުކޮށްދޭ ހޮޅިތައް ބަދަލު ކުރާނެ ކަމަށާއި އެކަން އަންނަ އަހަރު ނިމޭނެ ކަމަށެވެ.

ކޮލަމްބޯގެ ގިނަ ސަރަހައްދުތަކަށް ފެން ފޯރުކޮށްދެވޭ ވަރު މަދުކަން ފާހަގަ ކުރަމުން ރަޝީދު ވިދާޅުވީ އުންމީދަކީ އާ ހޮޅިތައް އަޅާ ނިމުމުން މެދުކެނޑުނެއް ނެތި ކޮލަމްބޯގެ ރައްޔިތުންނަށް ފެންފޯރުކޮށްދެވޭނެ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ކޮލަމްބޯގައި ކޮންމެ ދުވަހަކު ފެން ކެނޑެމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކޮލަމްބޯގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ.