އިމާރާތް ކުރުން

ހޫނުގަދަ ވުމުން، އިމާރާތް ކުރާ ފަރާތްތަކުން ސަމާލުވާން އެދެފި

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނު ގަދަ ދުވަސް ވަރަކަށްވާތީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަރް ކުރާ ފަރާތްތަކުން ސަމާލުވުމަށް، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އިލްތިމާސް ކޮށްފި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ގައުމީ ޖަމިއްޔާ އެމްއެންއޭސީއައި އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮންމެ ދުވަހަކު ވެސް ކުރަމުންދާ ކަމެއް ކަމަށާ، އަދި އެ މަސައްކަތް ކުރަމުންދަނީ ގަދަ އަވީގައި ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ. އެހެންކަމުން ހޫނު ގަދަ ވުމުގެ ސަބަބުން ސިއްހަތަށް ގެއްލުން ވެދާނެ ފަދަ ކަންތަށް ކުރާއިރު ސަމާލުވެ ތިބުމަށް އެ މަސީ ވަނީ ބުނެފަ އެވެ. އަދި އިމާރަތްކުރުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް ހޫނުން ރައްކާތެރިވެ ތިބެ މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތާއި، ހޫނުން ނިވާ ވުމުގެ ގޮތުން ތޮއްފާއި އެކަށީގެންވާ ހެދުން އަޅައިގެން ތިބެ މަސައްކަތް ކުރުމަށް ވެސް އެމްއެންއޭސީއައި ވަނީ އެދިފަ އެވެ.

އެމްއެންއޭސީއައިގެ ސާކިއުލާގައި އިމާރާތް ކުރަމުގައި ހަރަކާތްރެރިވާ ފަރާތްތަކަށް ފެން ބޮވޭނެ އިންތިޒާމު ފަސޭހައިން ހަމަޖައްސާ، ހޫނުގަދަ ވުމުގެ ސަބަބުން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ސިއްހީ ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާކުރެވޭނަމަ އެ ތަނަކާ އެންމެ ކައިރީގައި ހުންނަށް ސިއްހީ ހިދުމަތްދޭ ތަނަކުން އިމަޖެންސީގައި ފަރުވާ ލިބޭނެ ގޮތް މަސައްކަތް ކުރާ ފަރާތްތަކަށް، މަސައްކަތް ކުރުވާ ފަރާތުން ހަމަޖައްސައި ދިނުމަށް ވެސް މަސީ އިން ވަނީ އެދިފަ އެވެ.

ރާއްޖޭ އަށް މި ދުވަސް ވަރު ހޫނުގަދަ ވަމުން ދާތީ ހެލްތް ޕްރެޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވެސް ގެންދަވީ ހޫނުން ރައްކާތެރިވެ ތިބުމަށާއި ގިނަ އިން ފެން ބުއިމަށް އިލްތިމާސް ކުރަމުންނެވެ. ކޮންމެ އަހަރު ވެސް މާރިޗް އަދި އެޕްރީލް މަހަކީ ރާއްޖެ އަށް އެންމެ ހޫނު ގަދަ ދުވަސް ވަރެކެވެ.