ވެރިކަމުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ކެމްޕެއިނަށް ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަމްފަރަށް ވަޑައިގެން ރައީސް ވިދާޅުވީ، ރާއްޖޭގެ އަސާސީ ހިދުމަތްތައް ކަމަށްވާ ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ދަތިކަން އޮތީ އިންތިހާއަށް ބޮޑުކޮށް ކަމަށެވެ. ގައުމު ތަރައްގީ ކުރެވޭނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށާއި ރައްޔިތުންނަށް ހަމަނޭވާލެވި ރަނގަޅު ދިރިއުޅުމެއް އުޅެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ ފެށި މަސައްކަތަކީ އެއީ، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްދިނުމުގެ ވައުދަކީ އަޅުގަނޑުމެންވީ ވައުދެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ނިމިގެންދާއިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިމ، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ނިމިގެންދިޔަ އިންތިހާބުގައި ހުރިހާ ރަށަކުން ވެގެންދިޔަ ގޮތް ވަރަށް ސާފު ކަމަށާއި ރައްޔިތުން ނިކުމެ އެމަނިކުފާނަށް ދެއްވީ ވަރަށް ގިނަ ސަބަބުތަކާއިހުރެ ކަމަށެވެ.
ރައްޔިތުން އެމަނިކުފާނަށް ވޯޓް ދެއްވީ އޭރުގެ ވެރިކަމުގެ ނިޒާމުގައި ހުރި ކަންތައްތަކެއް ބަދަލު ކުރަން ބޭނުންވާތީ ކަމަށެވެ. ރައްޔިތުން ބޭނުންވާ ތަރައްގީ ރަށްރަށަށް ގެންނަން ބޭނުންވާތީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ހިފެހެއްޓިފައިވާ އެތައް ހައްގުތަކެއް ބިރުވެރިކަމާއި ނާންމާންކަމުގެ ތެރޭގައި އޭރު ރައްޔިތުން ތިބި ތިބުން ނިމުމަކަށް ގެނައުމަށްޓަކައި، ވަޒީފާގެ ފުރުސަތުތައް ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ރަށްރަށުގައި ތިބެގެން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާތީ، މި ސަބަބުތަކަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކުން ބޮޑު އަގުލަބިއްޔަތަކުން އަޅުގަނޑުމެންނަށް ވޯޓް ދެއްވީ،"
އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި ހަވާލުވުމަށްފަހު ރައްޔިތުން އެދިއެދި ތިބި ގިނަ ކަންތައްތަކެއް ފަށައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ 100 ދުވަހު ކަންތައްތަކެއް ކޮށްދެއްވަން ނިންމައި، އޭގެ ތެރެއިން 83 ޕަސެންޓް ހާސިލް ވެފައިވާ ކަމަށެވެ.
"ސަރުކާރަށް މިވީ 90 ދުވަހަށްފަހުގައި އަޅުގަނޑުމެންގެ ވައުދުތައް ފުދިފައިހުރީ ކިހާ ވަރަކަށްތޯ ބަލާއިރު، ހަމަގައިމުވެސް އަޅުގަނޑަށް ދެންނެވޭނީ އެކަށީގެންވާ ބާރު ސްޕީޑެއްގައި ހަލުވި މިނެއްގައި ވީ ވައުދުތައް ފުއްދަމުންދާ ވާހަކަ، ތައުލީމީ ދާއިރާއަށް ކަމަށްވިޔަސް ސިއްހީ ދާއިރާއަށް ބެލިކަމަށްވިޔަސް އަދި ވިޔަފާރީގެ ދާއިރާއަށް ބެލިކަމުގައވިޔަސް އަޅުގަނޑުމެން އަމާޒު ހިފާފައި ހުރި ލަނޑުދަނޑިތަކަށް ވާސިލް ވުމުގައި ކުރިއަށް ދެވިފައިވަނީ ވަރަށް ބާރު ސްޕީޑެއްގައި،" ރައީސް ވިދާޅުވި އެވެ.
ފުރިހަމަ ޔަގީންކަން އެބަ އޮތް ރިޔާސީ އިންތިހާބަށްޓަކައި އޭރުވީ ވައުދުތައް ފަސް އަހަރު ތެރޭގައި ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ. އެކަމަށްޓަކައި ރައްޔިތުންގެ ތާއީދާއި މަޖިލީހަށް ހޮވޭ މެންބަރުންގެ ތާއީދު ބޭނުންވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.