ހަބަރު

ނޮޅިވަރަމްފަރުގައި 60 ހައުސިން ޔުނިޓް އަޅަނީ

ހދ. ނޮޅިވަރަމްފަރުގައި 60 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަމްފަރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ނޮޅިވަރަމްފަރަށް ބަދަލުކުރި މީހުންގެ މައްސަލައަކީ ބޮޑު ޝަކުވާއަކަށްވެފައި އޮތްކަމެއް ކަމަށެވެ. ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެކަމަށް ހައްލެއް ލިބިގެން ގޮސްފައިނުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ނޮޅިވަރަމްފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށުން ކަމަށެވެ. އެގޮތުން 60 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަތް އަހަރު ވެގެން ދިޔަ އިރުވެސް އެކަމަށް ހައްލެއް ނުލިބި އޮތީ، އެހެން ކަމުން އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ކަމަކަށް ހެދި އެއް ކަންތައް އެއީ މިރަށުގައި ދިމާވެފައި މިއޮތް ބޯހިޔާވަހިކަމުގެ ދަތި ހައްލު ކުރުމަށްޓަކައި އިތުރަށް 60 ހައުސިން ޔުނިޓް އަޅައި އެކަން ހައްލު ކުރުމުގެ މަސައްކަތް ފެށުން" ރައީސް ވިދާޅުވި އެވެ.

ނޮޅިވަރަށްފަރުގައި 60 ހައުސިން ޔުނިޓް އެޅުމަށް 27 މިލިއަން ރުފިޔާ ބަޖެޓް ކޮށް، އެކަން ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެކަން އެމަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ރައީސް ސޯލިހް ވަރަށް ބޮޑު ވައުދެކެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ އަމާޒެކެވެ.