ވިޔަފާރި

ވިހެއުމުން ދޭ ހަމަހުގެ ޗުއްޓީ މިފްކޯ އިން ދޭން ފަށައިފި

Apr 1, 2019

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހުގެ ޗުއްޓީ ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދޭން ފަށައިފި އެވެ.

މިފްކޯ އިން ވާހަކަ ދެއްކެވި ސީނިއަ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން މި ޗުއްޓީ ދޭން ނިންމައި، ބޯޑުން ނިންމަން ޖެހޭ ނިންމުންތަކަށްފަހު ޗުއްޓީ ދޭން ފަށާފައިވާ ކަމަށެވެ.

ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައިންނަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް އެގޮތަށް އިއުލާންކޮށް އަމަލު ކުރަން ފެއްޓެވުމުން ބައެއް މިނިވަން މުވައްސަސާތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ވަނީ މި ނިންމެވުމަށް އަމަލުކުރަން ފަށާފަ އެވެ.

ސަރުކާރުގެ މަސް ކުންފުންޏަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުގައި ހިންގާ ފެލިވަރާއި ކޫއްޑޫ އަދި މާލެ އޮފީހާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 1800 މީހުން އުޅޭއިރު 50 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ ދިވެހިންނެވެ. އަދި ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންވެސް މީގެ ތެރޭގައި ހިމެނެ އެވެ.