ކުޅިވަރު

ހުޅުމާލޭ ސްވިމިންޕޫލް އާންމުންނަށް ހުޅުވާލަނީ

ހުޅުމާލޭގައި ހަދާފައިވާ ސްވިމިންޕޫލް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ޔޫތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ސްވިމިން ޓްރެކް ބައްލަވާ ލެއްވުމަށް މިނިސްޓަރު އަލީ ވަހީދު ވަނީ ހުޅުމާލެއަށް ވަޑައިގެންފަ އެވެ. އަލީ ވިދާޅުވީ، ސުވިމިލް ޕޫލް އާންމުންނަށް ބޭނުން ކުރެވޭ އިންތިޒާމެއް ސަރުކާރުގެ 100 ދުވަސް ހަމަވުމުގެ ކުރިން ހަމަޖައްސަވާނެ ކަމަށެވެ.

ހުޅުމާލޭގައި ދުވާ ޓްރެކް ސަރަހައްދުގައި ހެދި މި ސްވިމިން ޕޫލަކީ އޮލިމްޕިކް ސްޓޭންޑަޑްގެ ޕޫލެއް ނޫނެވެ.

"މި ހަފުތާގައި އެޗްޑީސީއާއެކު އަޅުގަނޑުމެން ޕޮލިސީ ލެވަލްގައި ފައިނަލް ޑެސިޝަންތައް ނަގައި ޕޫލް އާންމުންނަށް ބޭނުން ކުރެވޭނެ ގޮތް ހަދާނަން." މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެގައި އޮތް ޕޫލަކީ، އޮލިމްޕިކް ސްޓޭންޑަޑްގެ ޕޫލެއް ނޫން ނަމަވެސް ޕްރެކްޓިސް ކުރުމާއި އާންމުންގެ ބޭނުންތަކަށް ބޭނުން ކުރެވޭނެ އެވެ. ސްވިމިން ގައުމީ ޓީމުގެ ކުރިގެ ކޯޗް އިސްމާއީލް ފަރުހާން ބުނީ، މުބާރާތް ބާއްވަން ޕޫލް ބޭނުން ނުކުރެވުނަސް ފެތުތެރިންގެ ޓްރޭނިންތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ހުޅުމާލޭ ސްވިމިން ޕޫލަކީ، ކުރީގެ ސަރުކާރުން ހެދި ޕޫލެކެވެ. މާލޭގައި އޮލިމްޕިކް ސްޓޭންޑަޑްގެ ސްވިމިން ޕޫލެއްގެ މަސައްކަތް ފެށުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް މި ވަގުތަށް އެ މަސައްކަތް ވަނީ މަޑު ޖެހިފަ އެވެ. އެއީ ސްވިމިންޕޫލް ހަދަން ހަމަޖެހިފައިވާ ބިމުގެ މައްސަލަ ކޯޓުގައި އޮތުމުންނެވެ.