ދިވެހި ސިނަމާ

"މާމުއި"ގެ އޮފިޝަލް ޓްރެއިލާ ދޫކޮށްލައިފި

ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފިލްމު "މާމުއި" ގެ އޮފިޝަލް ޓްރެއިލާ ދޫކޮށްލައިފި އެވެ.

މި ފިލްމުގެ ޓްރެއިލާ ނެރެން ރޭ އޮލިމްޕަަހުގައި ބޭއްވި ހަފްލާގައި ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގާ) ބުނީ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އުފައްދާ އެންމެ އަގު ބޮޑު ފިލްމަށް ވެފައި ބޮޑު ކާސްޓަކާއެކު ގެނެސްދޭ މި ފިލްމަށް ކުރެވޭ އުއްމީދު ވެސް ވަރަށް ބޮޑު ކަމަށެވެ. މިއީ ހެއްވާ މަޖާ ފިލްމެކެވެ.

ތަފާތު ނަންތަކަކާއެކު އުފައްދާފައިވާ މި ފިލްމުގެ ޓްރެއިލާއިން ގިނަ ބަޔަކަށް އެންމެ ފާހަގަަވީ ކުރީގެ ދިވެހި ލަވަތަކުގެ ރީ-މޭކްއެއް ކަހަލަ މަންޒަރުތަކެއް ފިލްމުގައި ފެންނާތީ އެވެ. މީގެ އިތުރުން ވެސް، މި ފިލްމު ހާއްސަވާ އެއް ސަބަބަކަށް ހާއްސަ ފެނިލުމަކުން ކުރީގެ ތަރި އިސްމާއީލް ވަޖީހު ފެންނާތީ އެވެ. ޓްރެއިލާގައި ވެސް ވަޖީހުގެ ތަފާތު ފެނިލުމެއް ދައްކާލާ އެވެ.

"މާމުއި" ގެ ޝޫޓިން ނިމި އޭޕްރީލް އެކެއްގައި ފިލްމު އަޅުވަން މީގެ ކުރިން ޕްރޮމޯޓް ކުރިއަސް، ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފަރާތުން ފިލްމު ރިލީޒް ކުރާނެ ތާރީހު މިހާރު ވަނީ ފަސްކޮށްފަ އެވެ. ޖުލައި މަހަށް ފިލްމު ލަސް ކުރީ ގިނަ ދުވަހަށް އޮލިމްޕަސް ނުލިބޭތީ ކަމަށް މޮގާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

މޮގާ އާއި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓު ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ލިޔުނީ އައިޝަތު އާއި އަހްމަދު ތޮލާލެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތް ކުރަނީ ޗިއްޕެއާއެކު އަހްމަދު ޝިނާނެވެ.