ދުނިޔެ

އިންޑިއާގެ އިދިކޮޅު ޕާޓީއާ ގުޅުން އޮތް 600 އެފްބީ ޕޭޖު ސަސްޕަންޑުކޮށްފި

Apr 2, 2019

އިންޑިއާގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާއި ދިމާކޮށް، އެ ގައުމުގެ މައި އިދިކޮޅު ޕާޓީއާ ގުޅުން ހުރި 600 އަށް ވުރެ ގިނަ ފޭސްބުކް ޕޭޖު ސަސްޕެންޑުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފޭސްބުކުން ކުރި އިއުލާނެއްގައި ބުނީ، އިންޑިއާގެ ކޮންގްރެސް ޕާޓީއާ ގުޅުންހުރި، 687 ޕޭޖުތައް ނަހަމަގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ އިންތިހާބުތަކުގައި، ފޭސްބުކް މެދުވެރިކޮށް ސިޔާސީ ބޭނުންތަކަށް ނުބައި މައުލޫމާތު ފެތުރުން އިތުރުވުމާއި ގުޅިގެން، އެކަން ހުއްޓުވުމަށް ފޭސްބުކްއަށް ކުރަމުންދާ ޕްރެޝަރު މިފަހުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ސަސްޕެންޑުކުރި ޕޭޖުތަކުން، ވެރިކަންކުރާ ބީޖޭޕީއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔަމުންދިޔަކަން ފާހަގަކުރެވިފައިކަމަށް ފޭސްބުކް އިން އިތުރަށް ބުނެފައިވެ އެވެ.

އިންޑިއާގެ އިތުރުން، ޕާކިސްތާނުގެ އަސްކަރިއްޔާއާ ގުޅުން ހުރި 103 ޕޭޖެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ ޕޭޖުތައް ބޭނުންކޮށްގެން ޕާކިސްތާނުގެ އަސްކަރިއްޔާއާ ބެހޭ މައުލޫމާތު ފެތުރުމުގެ އިތުރުން، އަވަށްޓެރި އިންޑިއާއާ ދެމެދު ނަފްރަތު އުފެއްދުމަށް މަސައްކަތްކޮށްފައިވާކަމަށް ވެސް ފޭސްބުކް އިން ވަނީ ބުނެފަ އެވެ.